Last Updated: April 18, 22:36
Thursday, April 18, 2024
ރިޕޯޓް

މިއީ ކެތްތެރިކަން އިސްކުރަންވީ ވަގުތު!

ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖޭގެ ވެރިރަށް މާލެއިން ފެނި، ފެތުރެމުން އަންނަ އިރު ސަރުކާރުން ވަނީ ވައިރަސް އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި މާލެ ބަންދުކޮށްފައެވެ.

މުޅި ދުނިޔެއިން ވެސް ސައިޒަށް ބަލައި އެންމެ ބޮޑު އާބާދީއެއް ޖަމައު އެއްތަނަކަށް ޖަމައު ވެފައި އޮންނަ މާލެއަކީ ރާއްޖޭގައި ވެސް މިފަދަ ބަލިމަޑުކަމެއް ފެނިއްޖެނަމަ ކޮންޓްރޯލް ކުރަން އެންމެ ދަތިވާނެ ތަނެވެ. ސަރުކާރުން އަޅާފައިވާ ހުރިހާ ފިޔަވަޅަކީ ވެސް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކެވެ.

މިދަނޑިވަޅަކީ ދަތިވާނެ ދަނޑިވަޅެއްކަން އެނގި ތިބެ، ރައްޔިތުންގެ ކިބައިން ސަރުކާރުން އެދޭ އެންމެ ބޮޑު އެދުމަކީ ވައިރަސް ފެތުރުނަ ނުދޭން ގެއިން ނުނިކުމެ ގޭގައި ތިއްބެވުމެވެ.

އެއް ލައްކަ ފަންސާސް ހާހާ ގާތްކުރާ އާބާދީއަކަށް މިކަން ވެގެން ދާނީ ވަރަށް ވެސް ދަތި އުނދަގޫ ކަމަކަށެވެ. ކާބޯތަކެތި ގަނޑުކޮށް ގަނެ ވެއްދި މީހުނަށް ވުރެ ގިނައީ ސަރުކާރުގެ އިރުޝާދުތަކަށް ބޯލަނބައި ފުދޭ ވަރަށް ތަކެތި ވެއްދި މީހުނެވެ.

ގެއެއްގެ ތެރޭގައި 10 ވަރަކަށް މީހުން ދިރިއުޅޭ އާއިލާތަކަށް މިއީ 48 ގަޑިއިރަށް ފުދޭނެ ވަރެއް ކަމަށް ނުބެލެވެއެވެ. ޑެލިވަރީތައް ކުރުމުގައި ދަތިތަކެއް ކުރިމަތިވެސް ވެދާނެއެވެ. ޑެލިވަރީ ކުރަންވެސް ތިބީ ހަމަ އިންސާނުންނެވެ. ކުރަން ޖެހޭ ގެތައް ފާއިތުވާ ކޮންމެ މިނިޓަކާއެކު ވަނީ އިތުރެވެ.

ފިހާރަތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ނުނިދާ ހޭލާ ތިބެގެންވެސް ހުރިހާ ގެތަކަށް ޑެލިވަރީ ނުކުރެވުމުން ދެން ނިކުތީ ސަލާމަތީ ޚިދުމަތްތަކެވެ. އެމްއެންޑީއެފާއި ދިވެހި ފުލުހުން ވެސް ވަނީ ގައުމީ ޚިދުމަތުގައި ނިކުންނަވާފައެވެ.

އަމިއްލަ އާއިލާއާ ދުރުގައި، އަމިއްލަ ފުރާނަ އަތަށް ލައިގެން ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން ސިއްހީ މަސައްކަތްތެރިން، ދިވެހި ފުލުހުންނާއި ސިފައިންނާއި، ޑެލިވަރީ ޚިދުމަތްތަކުގައި ޝާމިލްވާ މުވައްޒަފުން އަދި މިދަނޑިވަޅުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ކުރަމުންދާ ޚިދުމަތުގެ އަގު ވަޒަން ކުރެވޭނީ ދެން ތިބި ރައްޔިތުން ގޭގައި މަޑުކޮށްގެންނެވެ.

އެބޭފުޅުން ދުވާލު ހަތަރުދަމު ކުރި މަސައްކަތް ފަންފުލުން ދާން ނަގާނީ އެންމެ މީހެކެވެ. އެންމެ މީހަކު ގަވާއިދުތަކާ ޚިލާފުވެ އެތައް ހާސް ބަޔެއްގެ ރައްކާތެރިކަމަށް ބުރޫ އަރުވާލެވޭނެއެވެ. މިއީ މިބަލި ފެތުރުނު އެހެން ގައުމުތަކުގެ ރައްޔިތުން ކުރި ހިތި ތަޖުރިބާއެވެ.

އެގައުމުތަކުގެ ސިއްހީ ޚިދުމަތްތެރިންނާއި ވެރީން އާދޭހާއެކު ކުރާ އިލްތިމާސަކީ އެމީހުނަށް ހެދުނު ގޯސްތައް އެހެން ގައުމުތަކުގެ ރައްޔިތުން ތަކުރާރު ނުކުރުމެވެ. ކުޑަކުޑަ ކަމެއް ކަމަށް އެންމެންގެ ސަލާމަތަށް ނުރައްކާ ނުކުރަމާތޯއެވެ!