Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ކުރީގެ ކެޑޭޓުންނަށް، ކޮވިޑްގެ އޮޕަރޭޝަނުގައި ބައިވެރިވާން ހުޅުވާލައިފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ހިންގަމުން އަންނަ އޮޕަރޭޝަންގައި ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ކުރީގެ ކެޑޭޓުންނަށް ހުޅުވާލައިފިއެވެ.

ރާއްޖޭގެ ގައުމީ ކެޑޭޓް ކޯ އިން ބުނީ ކޮވިޑާއި ގުޅިގެން މުޅި ރާއްޖޭގައި ހިންގޭ އެކި އޮޕަރޭޝަންތަކަށް ގައުމީ ކެޑޭޓް ކޯގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް، ކެޑޭޓް ހަރަކާތުގައި 1995 ވަނަ އަހަރުން ފެށިގެން އުޅެފައިވާ 18 އަހަރުން މަތީގެ ހުރިހާ ކެޑޭޓުން އަދި ބޭންޑް ކެޑޭޓުން ރަޖިސްޓްރީވާން ހުޅުވާލާފައިވާ ކަމަށެވެ.

ގައުމީ ކެޑޭޓް ކޯ އިން ބުނީ އަތޮޅުތެރޭގައި ނަމަ އެ ރަށެއްގެ ރީޖަނަލް ކޮމާންޑަރުން އަންގާ ގޮތެއްގެ މަތީން އެ ރަށެއްގައި ހިންގާ އޮޕަރޭޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

ގައުމީ ކެޑޭޓް ކޯ އިން މިފަދަ ފުރުސަތެއް ހުޅުވާލާފައިވާއިރު، ކޮވިޑާއި ގުޅިގެން ހިންގޭ އޮޕަރޭޝަނުގައި ބައިވެރިވުމުގެ ފުރުސަތު ކުރީގެ ސިފައިންނަށް އެމްއެންޑީއެފުން އިއްޔެ ވަނީ ހުޅުވާލާފައެވެ.

މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވުމުން ސިފައިންނާއި ފުލުހުން އަންނަނީ މާލޭގެ ގެތަކާއި ފިހާރަތަކަށް އޯޑަރުކޮށްފައިވާ ތަކެތި ގެންގޮސްދިނުމުގައި ހަރަކާތްތެރިވަމުންނެވެ.