ފްލޫ ކްލިނިކަށް ދައްކަން ދާ އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މިހާރު ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑޮކްޓަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ފްލޫނިކަށްދާ އެންމެން ވެސް މިހާރު ކޮވިޑަށް ޓެސްޓު ކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތަށް ޓެސްޓުކޮށްގެން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިފަހަކަށް އައިސް މާލެއިން ޕޮޒިޓިވްވާ މީހުންގެ ތެރެއިން ފިހާރަތަކުގެ އެކި މަސައްކަތްތަކުގައި އުޅޭ މީހުން ގިނަކަން ފާހަގަކުރެވޭއިރު މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބީއެޗްއެމް އަދި އިހުސާން ފިހާރައިގެ މުވައްޒަފުންތަކެއް ހިމެނެއެވެ.
އަދި އިއްޔެ ބައްޔަށް ޕޮޒިޓިވްވި 13 މީހުންނަކީ ލިލީ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީންނެވެ. އޭގެތެރޭގައި ފިހާރައިގައި އަދި ޑެލިވަރީ ކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ވެސް ހިމެނެއެވެ.
އެކަމާ ގުޅޭގޮތުން ނަޒްލާ ވިދާޅުވީ މާލެ ސަރަހައްދު ލޮކްޑައުން ހާލަތެއްގައި އޮންނައިރު ޑެލިވަރީގެ ހިދުމަތަކީ މުހިއްމު ހިދުމަތެއް ކަމަށާއި އެގޮތުން އެކަމާ ގުޅޭގޮތުން ފިޔަވަޅެއް އަޅަންޖެހޭނީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށެވެ. ނަމަވެސް ފިހާރަތަކުގައި އަދި ޑެލިވަރީ ކުރުމުގައި ހަރަކާތްތެރިވާ މީހުންގެ މެދުގައި ބަލި އިތުރަށް ފެތުރޭނަމަ އެކަމާ މެދު އިތުރު ގޮތްތަކެއް ވިސްނާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 67 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 29 ދިވެހިނާއި 38 ބިދޭސީންނެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.