Last Updated: April 27, 09:06
Saturday, April 27, 2024
ޚަބަރު

ކުލި ނުދެއްކުނަސް މިވަގުތު ގެއިން ނުނެރެން އެދިއްޖެ

ކޮވިޑް-19 ގެ މި ހާލަތުގައި ކުލި ނުދެއްކުނަސް މިވަގުތު ގެއިން ބޭރަށް ނުނެރެން ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

ސަރުކާރުން މިކަމަށް އިލްތިމާސްކޮށްފައިމިވަނީ ކުލި ނުދެއްކިގެން ދެ މީހަކު ގެއިން ނެރެލާފައިވާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރުން މިހާރު ވަނީ އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މާލޭގައި މިފަދަ ކަންކަން ހިނގާކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށާއި މާލެ ސަރަހައްދު މިވަގުތު ލޮކްޑައުންގެ ހާލަތުގައި އޮންނައިރު ވަދެވޭނެ ތަނެއް ނެތި މީހަކު މަގުމަތިވާން ދޫކޮށްނުލުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.

"އަޅުގަނޑު އެދެން ބޭނުން ގޭގޭގެ ވެރިން އަދި އިމާރާތްތަކުގެ ވެރިން މި ދުވަސްކޮޅު މިކަމުގައި ލުއި ގޮތްތައް ހައްދަވައިދެއްވާ އެ ފަރާތްތައް މަގުމަތިވިޔަ ނުދީ ކޮންމެވެސް ރަނގަޅު އިންތިޒާމުތަކެއް ރާވައި ބޭތިއްބުން" މަބްރޫކް ވިދާޅުވިއެވެ.

މިވަގުތު އެންމެން ވެސް މިތިބީ ދަތި އުނދަގުލުގައިކަން ފާހަގަކުރައްވަމުން މަބްރޫކް ވަނީ މި ދިމާވާ ދަތިތަކުން އަރައިގެނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށްވެސް ވިދާޅުވެފައެވެ. އަދި މިފަދަ ކަންކަން ދިމާވާނަމަ ސަރުކާރުން އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭނެ ކަމަށާއި އެގޮތުން ޖެންޑާ މިނިސްޓްރީ 1412 ނަމްބަރަށް ގުޅުމުން އެ އެހީތެރިކަން އެ ފަރާތްތަކަށް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިލްތިމާސަކީ ގެއެއް ކުއްޔަށް ދީގެން އުޅޭ ފަރާތަކުން، ކުލި ނުދެކިގެން މިވަގުތު މީހަކު ގެއިން ބޭރަށް ނުނެރުން، މަގުމަތި ނުކުރުން. އުއްމީދު ކުރަން އެންމެންނަށް ވެސް އެކަން އެގޮތަށް ކުރެވޭނެ ކަމަށް" މަބްރޫކް ވިދާޅުވިއެވެ.