Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ކުލި ނުދެއްކިގެން ގިނަ ބަޔަކު މަގުމަތި ކުރަނީ!

މާލޭގެ މަގުމަތީގައި ބަޔަކު ވެހިކަލްތަކެއްގައި: ފޮޓޯ /ސަން

ކޮވިޑް-19 އާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ މަދުވެފައިވާ މިވަގުތު ކުލި ނުދެއްކިގެން މާލޭގެ ގެތަކުން މަގުމަތި ކުރާ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ.

ދުވަހު ކުއްޔަށާއި މަހު ކުއްޔަށް ތިބޭ ފަރާތްތަކުގެ ތެރެއިން ކުލި ނުދެއްކިގެން ރޭވެސް ވަނީ ދެ މީހަކު މަގުމަތިކޮށްފައެވެ. އަދި މިފަދަ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުލި ނުދެއްކިގެން އިއްޔެ ރޭވެސް ވަނީ ދެ ބެޔަކު ގެއިން ނެރެލާފައެވެ. އެމީހުން މިހާރު ތިބީ ސަރުކާރުން ހަމަޖައްސާފައިވާ ވަގުތީ ބޯހިޔާވަހިކަމުގައެވެ.

މިމަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 އަށް މީހަކު ޕްޒިޓިވްވުމާއި އެކު މާލެ ސަރަހައްދު މިވަނީ ލޮކްޑައުންކޮށްފައެވެ. އެއާއި އެކު މާލެ ސަރަހައްދުން މީހުން އަރައިފޭބުން މިވަނީ މަނާ ކުރެވިފައެވެ.

މާލެ ކުއްލި ލޮކްޑައުންއަކަށް ދިޔަ އިރު އެކި އެކި ޒަރޫރީ ބޭނުމަށް މާލެ ގޮސްފައިވެއެވެ. އޭގެ ތެރެއިން ރިސޯޓުގައި ބަންދުވެފައި ތިބެފައި ކަރަންޓީނުގެ މުއްދަތު ނިމި އަމިއްލަ ރަށައް ދިއުމަށް ގޮސް ފްލައިޓުން ޖާގަ ނުލިބި ތިބި މީހުންނާއި ބޭސްފަރުވާއަށް މާލެ ގޮސްފައި ތިބިު މީހުން ހިމެނެއެވެ. މީގެ ތެރެއިން ބައެއް މީހުން ގެސްޓު ހައުސް އާއި ކުލީ ކޮޓަރިތަކުގައި ތިބި އިރު މިއަދު އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ އަތްމަތިން ފައިސާ ހުސްވެ ކުލި ނުދެއްކި އަމިއްލަ ރަށައް ނުދެވި ތާށިވެފައެވެ. މިފަދަ ގިނަ މީހުންނަށް އެމީހުން ކުއްޔަށް ނަގައިގެން ތިބި އިމާރާތްތަކުގެ ވެރިފަރާތުން އަންނަނީ ފައިސާ ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަދި އެންމެ ފަހުން ބައެއް މީހުން އެތަން ތަނުން ނެރެ މަގުމަތި ކުރަނީއެވެ.

މީހުން މަގުމަތި ކުރާ މައްސަލަ އާއި ގުޅިގެން ސަރުކާރުން ވަނީ މިފަދައިން މިވަގުތު އަމަލު ނުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކު އަޒިޒު ވިދާޅުވީ މިވަގުތަކީ ހުރިހާ ބޭފުޅުންނަށްވެސް ދަތި ވަގުތެއް ކަމަށާއި، މިވަގުތު އެންމެ ރަނގަޅު ގޮތަކީ އެއްވެސް މީހަކު ގެއިން ނެރެ މަގުމަތި ނުކުރުންކަމަށެވެ. އަދި މިހާލަތުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެންކަމަށް މަބްރޫކު ވިދާޅުވިއެވެ.

ކުލި ނުދެއްކިގެން ގެއިން ނެރެލާ މީހުންނަށް އެހީތެރިވުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން މިހާރުވަނީ ހާއްސަ ނަންބަރެއް ހަމަޖައްސާފައެވެ. އެގޮތުން އެފަދަ ފަރާތްތަކުން 1412 އަށް ގުޅުމަށް ސިޓީ ކައުންސިލުން މިވަނީ އަންގާފައެވެ.

މިހާތަނަށް ސަރުކާރުން 87 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދީފައިވާ އިރު އަދިވެސް ގިނަ ބަޔަކު މަގުމަތިވަމުން އަންނަކަން ފާހަގކުރެވެއެވެ.