Last Updated: March 29, 11:09
Friday, March 29, 2024
މުނިފޫހިފިލުވުން

އިންޑިއާގައި ކޮރޯނާވައިރަސް ފެތުރެނީ ބައެއް ޖޯކަރުންގެ ސަބަބުން

އިންޑިއާގައި ކޮރޯނާވައިރަސް ފެތުރެމުންދަނީ ބައެއް ޖޯކަރުންގެ ސަބަބުންކަމަށް ފިލްމީ ތަރި ސަލްމާން ޚާން ބުނެފިއެވެ.

"ކަލޭމެންނަށް ވިސްނައިދޭން ސިފައިން ނެރެން ނުޖެހޭނެގޮތަކަށް ވިސްނުން ބަހައްޓާ!" ވީޑިއޯ މެސެޖެއްގައި ސަލްމާން ބުންޏެވެ.

ސަލްމާންގެ މެސެޖުން ހާމަވެފައި ވަނީ ކަންބޮޑުވުމާއި ރުޅިވެރިކަމެވެ.

"ބަލިޖެހިގެން ހޮސްޕިޓަލުގައި ބާއްވާ މީހާ އެތަނުން ފިލައިގެން އެބަދޭ. ފިލައިގެން ދާނީވެސް ކޮންތާކަށް؟" އޭނާ ބުންޏެވެ. "ކޮރޯނާވައިރަސް މުއްސަންޖަކަށް ފަގީރަކަށް އުމުރުފުރައަކަށް ނުބަލާ. ކޮރޯނާވައިރަސް ނުޖެހޭނެކަމަށް ވިސްނައިގެން ތިބޭ މީހުންނާއެކު އެތައް ބަޔަކު މަރުވެގެން ހިނގައިދާނެ."

ސަލްމާން ބުނިގޮތުގައި ގެއިން ނުނިކުމެ ކުރިން ތިބި މީސްމީހުން ފުރަބަންދުކުރުމާއެކު ގެއިން ނުކުންނަން ވަނީ ފަށާފައެވެ.

"އެމީހުންގެ މައްޗަށް އޮތް ވާޖިބެއް ގޭގައި ތިބުމަކީ. އެކަމަކު އެމީހުން އެހެންނެއް ނަހަދާ." އޭނާ ބުންޏެވެ. "ބައެއް މީހުންގެ ސަބަބުން މުޅި އިންޑިއާ ގޭގައި އިށީންނާނެ. ކަލޭމެން އަޅާ ފިޔަވަޅުތައް ރަނގަޅުނަމަ މި ފުރަބަންދު އޮންނާނީ ނިމިފައި."

ސަލްމާނަކީ އިންޑިއާ ރައްޔިތުން ކޮރޯނާވައިރަހުން ރައްކާތެރިކުރުމުގެ ހޭލުންތެރިކަން އުފައްދަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ މީކެވެ. އެ ވައިރަސް އިންޑިއާގައި ފެތުރެން ފެށުމާގުޅިގެން އާމުދަނީ ނުލިބި ތިބި އެތައް ހާސް ބަޔަކަށް އޭނާ ގެންދަނީ މާލީއެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ސަލްމާން ގަބޫލުކުރާ ގޮތުގައި ކޮރޯނާވައިރަސް ހުއްޓުމެއްނެތި އިންޑިއާގައި ފެތުރެމުންދަނީ އެ ގައުމުގައި ތިބި ބަސް ގަބޫލުނުކުރާ "ޖޯކަރު" ބައެއްގެ ސަބަބުންނެވެ.

ސަލްމާން ޚާން ހިންދީ ފިލްމީދުނިޔޭގައި އުޅޭތާ މިހާރު 30 އަހަރު ވެއްޖެއެވެ. އޭނާ ފިލްމީ ދުނިޔެއަށް ތައާރަފުވީ މީގެ 30 އަހަރުކުރިން ނިކުތް "ބީވީ ހޯތޯ އެއިސީ"އިންނެވެ.