Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

ކޮވިޑް-19 ގެ މައްޗަށް ބަރަކާތްތެރި ރަމަޟާން މަސް ކާމިޔާބު ހޯދާނެ

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައި މީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާ ވެރި ވުމަށްޓަކައެވެ."
ސޫރަތުލް ބަޤަރާގެ 183 ވަނަ އާޔަތުގެ މާނަ

ބަރަކާތްތެރި ރަމަޟާން މަހުގެ މުލަރޯދަ ހިފަން މިޖެހުނީ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ބޯމަތިވެ، ރާއްޖޭގެ އެތައްހާސް ބަޔަކާއި ދުނިޔޭގެ އެތައް މިލިއަން މުސްލިމުން ގޭބަންދުވެފައި ވަނިކޮށްނެވެ. މާޒީގައި ރޯދައަށް ތައްޔާރުވާ ގޮތަށް ފުރިހަމައަށް ތައްޔާރުނުވެވި ތިއްބައެވެ. އެކަމަކުވެސް މުސްލިމުން ރޯދަހިފަންފަށައިފިއެވެ. މާތް ﷲ ފަރުޟުކުރެއްވި މަތިވެރި އަޅުކަން ފުރިހަމަކުރުމަށްޓަކައެވެ.

ކޮވިޑް-19 ދުނިޔެއަށް ފެތުރެންފެށިތާ ދުވަސްކޮޅެއް ފަހުން އެނގި ސާބިތުވީ އިންސާނީ އިޖުތިމާއީ ގުޅުމުގެ ސަބަބުން ބަލިފެތުރުމަށް މަގުފަހިވާކަމެވެ. ސަލާންގަލާން ކުރުމުންނެވެ. އެކަކުއަނެކަކާ ބައަދަލުކޮށް ވާހަކަދެއްކުމުންނެވެ.

ނަތީޖާއަކަށްވީ އިޖުތިމާއީ ގުޅުމުގެ ގާތްކަން ދުރުކުރަންޖެހުމެވެ. ގާތްރައްޓެހީންނާއި އަނބިދަރީންނާއި އަމުދުން ނުދަންނަ ހިލޭ ބީރައްޓެހިންނާއި ވާހަކަދައްކާއިރު 3-6 ދުރުގައި ހުރެ ވާހަކަދައްކަން ޖެހުމެވެ. މިސްކިތްތަކުގައި ވެސް އެދުރުމިނުގައި ތިބެންޖެހުމެވެ.

ރަމަޟާންމަހުގެ ދުވަސްތަކުގައި ގައިދުރުކަން ބޭއްވުމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވަނީ ވަރަށް ބާރުލައި ގޮވާލާފައެވެ. އެއީ ސިއްހީ ދުޅަހެއުކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އުމުރުން ދުވަސްވީ މީހުންނާއި ތަފާތު ބަލިމަޑުކަމުގައި އުޅޭ މީހުން އެއްވުންތަކުގައި ބައިވެރިނުވުމަށް ވެސް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ވަނީ އިރުޝާދުދީފައެވެ.

ރަމަޟާން މަސް ކުރިމަތިވިއިރު މުސްލިމުންނަށް ކޮރޯނާވައިރަހުގެ ސަބަބުން ކުރިމަތިވި ހިތްދަތި އެންމެ ބޮޑު މައްސަލައަކީ މިސްކިތްތައް ބަންދުކުރަންޖެހުމެވެ. ޖަމާޢަތުގައި ފަރުޟު ނަމާދު ނުކުރެވޭގޮތް ވުމެވެ. ހުކުރުނަމާދު ނުކުރެވުމެވެ. ތަރާވީޙާއި ދަމުނަމާދު ނުކުރެވޭ ގޮތް ވުމެވެ. މިސްކިތްތަކުގައި އަޅުކަމާއި މަޝްޢޫލުވެގެން ތިބެވޭ ގޮތް ނުވުމެވެ. އިޢުތިކާފަށް ވެސް ގޭގައި އިންނަން ޖެހުމެވެ.

މިސްކިތްތައް ބަންދުކޮށް ރޯދައިގެ އިޖުތިމާޢީ ގުޅުމުން ދުރުހެލިވުމަށް ބާރުއަޅަމުންދަނީ ދިވެހިރާއްޖޭގައި އެކަންޏެއްނޫނެވެ. ދުނިޔޭގައި މުސްލިމުން އުޅޭ ހުރިހާތނެއްގައި އެކަން އެގޮތަށް ކުރަމުން އެބަދެއެވެ. ބަންގި ގޮވިއަސް ޖަމާއަތުގައި ނަމާދެއް ނުކުރެވެއެވެ.

މުސްލިމުންނަކީ ރައްކާތެރިވެތިބޭ ކެތްތެރި ބައެކެވެ. މުސްލިމުންނަކީ ބަލިމަޑުކަމާއެކުވެސް ކެތްތެރިކަން އިސްކޮށް އަޅުކަން ކުރުމުގައި ދެމިތިބޭ ބައެކެވެ. ކަން އެހެން އޮތުމުން ކޮވިޑް-19ގެ މައްޗަށް ކާމިޔާބު ހޯދަން ދުނިޔޭގެ އެތައްސަތޭކަ މިލިއަން މުސްލިމުން މިފަހަރު މިސްކިތްތަކަށް ހަދާނީ އަމިއްލަ ގެދޮރެވެ. އިޖުތިމާއީ ގުޅުން ބަދަހިކުރާނީ އަމިއްލަ އާއިލާއާއެވެ.

ރޯދަމަހަކީ ގަސްތުގައި ނޫންނަމަވެސް ވަރަށް ގިނަ ބަޔަކަށް އިސްރާފު ކުރެވޭ ދުވަސްވަރެކެވެ. ޚާއްޞަކޮށް ކާބޯތަކެތިން އިސްރާފުކުރެވެއެވެ. އިސްލާމްދީން ބާރުއަޅަނީ އިސްރާފު ނުކުރުމަށެވެ. ދަތި ދުވަސްތަކާއި ތަދުމަޑުކަމުގެ ދުވަސްވަރު އިގުތިސާދުކުރުމުގެ ސިޔާސަތު އިތުރަށް ވަރުގަދަ ކުރަން ޖެހެއެވެ.

މާތް ﷲ އަޅުގަނޑުމެންނަށް އަންގަވާފައި ވަނީ ކައިބޮއި އުޅުމަށެވެ. އިސްރާފު ނުކުރުމަށެވެ. އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެންނުވެއެވެ.

ސޫރަތުލް ބަޤަރާގެ 185 ވަނަ އާޔަތުގެ މާނައިގައި ވެއެވެ.

"ރަމަޟާން މަހަކީ، އެ މަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. (އެ ޤުރުއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނެވި ހެކިތަކެއްކަމުގައެވެ. ފަހެ، ތިޔަބައި މީހުންގެތެރެއިން އެ މައްސަރުގައި ޙާޟިރުވެ ހުރެއްޖެ މީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެ އުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. ﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކުބީރުކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ."

ދަތި އުނދަގުލުގެ ތެރެއިން ވެސް ކާމިޔާބު ހޯދުމަކީ މުސްލިމުންގެ ކިބައިގައިވާ ވަރަށް ޚާއްޞަ ސިފައެކެވެ. އިސްލާމީ ތާރީހު އެކަމަށް ހެކިދެއެވެ.

މާތް ﷲ ގެ އިރާދަފުޅާއެކު އަޅުކަމާއި ތަޤްވާއާއި ހެއު ދުޢާއިން އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރުކުރައްވާނެތެވެ. އަދި ކޮރޯނާވައިރަހުގެ މައްޗަށް އަޅުގަނޑުމެންނަށް ކާމިޔާބު ހޯދޭނެއެވެ.