Last Updated: April 19, 11:14
Friday, April 19, 2024
ކުޅިވަރު

ކޮވިޑް-19: ނެދަލޭންޑްސްގެ ލީގު ކެންސަލްކޮށްފި

ކޮވިޑް-19 ގެ ސަބަބުން ނެދަލޭންޑްސްގެ ލީގު ކެންސަލްކުރަން އެގައުމުގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ އިން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ކޮވިޑްގެ ސަބަބުން ނެދަލޭންޑްސްގެ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގިނަ މީހުން އެއްތަނަކަށް އެއްވެ ބާއްވާ އިވެންޓުތައް ނުބާއްވަން އެގައުމުގެ ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ނެދަލޭންޑްސްގެ ލީގު ކެންސަލް ކުރިއިރު ލީގުގެ އެއްވަނައިގައި އޮތް އަޔެކްސް އާއި ދެވަނައިގައި އޮތް އަލްކްމާރު އަށް ޕޮއިންޓު ލިބިފައިވަނީ އެއް އަދަދަކަށެވެ. ގޯލުގެ ތަފާތުން އެއްވަނައިގައި އަޔެކްސް އޮތް ނަމަވެސް ލީގު ކެންސަލް ކުރުމުން އެޓީމަށް ޗެމްޕިއަންކަން މިފަހަރު ނުލިބޭނެއެވެ. ނެދަލޭންޑްސް ލީގު ކެންސަލް ކުރިއިރު ލީގުގައި ބާކީ 9 މެޗު ކުޅެން އޮތެވެ.

ނެދަލޭންޑްސްގެ ފުޓްބޯޅަ އިދާރާ އިން ބުނީ ސީޒަން ކެންސަލްކުރީ، ސީޒަނުގެ ބާކި އޮތްބައި ފުރިހަމަ ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ. މި ނިންމުމަކީ ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ ހިތާމައެއްކަން ފާހަގަކުރަމުން އެ އިދާރާ އިން ވަނީ މިވަގުތު އެންމެ އިސްކަން ދޭންޖެހެނީ އެންމެންގެ ވެސް އާއްމު ސިއްހަތަށް ކަމަށް ބުނެފައެވެ.

މިއީ ނެދަލޭންޑްސް ލީގު އުފެދުނު ފަހުން ޗެމްޕިއަނެއް ކަނޑަނޭޅި ނިންމާލަން ޖެހުނު ފުރަތަމަ ސީޒަނެވެ. ކޮވިޑްގައި މިހާތަނަށް އެގައުމުން ވަނީ 4،000 އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.