Last Updated: April 18, 22:36
Friday, April 19, 2024
ދީން

މިއީ ވަރަށް ޚާއްޞަ ރަމަޟާންމަހަކަށް ހެދިދާނެ…!

1441 ވަނަ އަހަރުގެ ރަމަޟާންމަސް މުސްލިމުންނާއި ބައްދަލުކުރީ ކޮރޯނާ ވައިރަސްގެ އަނދިރި ވިލާގަނޑުން މުޅި ދުނިޔެ ބަނަކޮށްފައި ވަނިކޮށެވެ

މި ނާޒުކު ވަޤުތުގައި ގިނަ ޢާއިލާތަށް އެވަނީ މިބަލިން ރައްކާތެރިވުމުގެ ގޮތުން ގޭގައި މަޑުކުރަން މަޖްބޫރުވެފައެވެ. މިސްކިތްތަކާއި ސްކޫލުތަކާއި އާއްމު ވަރަށް ގިނަ ޚިދްމަތްތަށްވަނީ ބަންދުވެފައެވެ .ޢުމްރާއާއި ޙައްޖުގެ އަޅުކަން އެވަނީ މުއްދަތެއްނެތްގޮތަށް ބަންދުކުރެވިފައެވެ .

ވަޒީފާތަކާއި މަސައްކަތް ދޫކޮށް ގޭގައި ގިނަ ވަގުތު ބަންދުވެގެން ތިބުމަކީ ވަރަށް ގިނަ މީހުންނަށް ފޫހިކަމާއި ނުތަނަވަސް އިޙްސާސް ކުރިމަތިވާ ކަމެކެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައި އަޅުގަނޑުމެން ނަފްސު ހޭލައްވައްލާންޖެހެނީ ކީރިތި ޤުރުއާނުގެ މި މޫރިތި އާޔަތުގެ ހިޔަލުންނެވެ.

وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ

"އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ."

ޝައްކެއްނެތް މި ރަމަޟާން މަހަކީ ފާއިތުވެދިޔަ ހުރިހާ ރަމަޟާން މައްސަރުތަކަށް ވުރެންވެސް ޚާއްޞަ މަހަކަށް ހެދިދާނެއެވެ. އެހެނީ ކުރިމަތީގައި މިއޮތީ ގިނަވެގެންވާ ހުސްވަޤުތެވެ. މި ބަރަކާތްތެރި ވަޤުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޢަޒުމް ކަނޑައަޅާށެވެ. ނަމާދުގެ ޖަމާޢަތް ގޭގައި ހަދާ އަޅުކަމުގައި ގޭގެ އަހުލުވެރިން ބައިވެރި ކުރާށެވެ.

ގޭތެރޭގައި އެންމެ ގިނައިން ޤުރުއާން ކިޔަވާ ޚަތިމްކުރެވެނީ ކާކުތޯ ބަލާ އިނާމް ކަނޑައަޅާށެވެ. ތަރާވީޙް ނަމާދު އެކަކު އިމާމުވެ ހުރެ ޚަތިމް ނުވަތަ ފޯނު ބަލައިގެން ވިޔަސް ކޮންމެ ރެޔަކުވެސް ފޮތެއްގެ މިންވަރު ފުރިހަމަ ކުރަމުންދާށެވެ. ހެނދުނާއި ހަވީރުގެ ޒިކުރުތަކަށް ރައްކާތެރިވާށެވެ . ޟުޙާ ނަމާދާއި ވިތުރިވެސް ދޫކޮށް ނުލައްޗެވެ .
އަދި މިރަމަޟާންމަހަކީ ކެއުން ބުއިމުގެ ކަންކަންވެސް ރަނގަޅަށް އިޤްތިސާދުކޮށްލަން ލިބުނު ފުރުސަތެކެވެ. ނިޢުމަތްތަކަށް ޝުކުރުކުރާޙާލު މިވަބާއި އަޅަމެންގެ ކިބައިން ފިއްލެވައި ދެއްވުން އެދި އިރުއޮސުމުގެ ވަޤުތު ކައިރިވުމުން ހެޔޮ ދުޢާކުރާށެވެ. އެއީ ދުޢާ އިޖާބަވާ ވަޤުތެކެވެ.