Last Updated: April 23, 13:19
Tuesday, April 23, 2024
ޚަބަރު

އަނޫބަވް ސިންހާ ލަކްނޯގެ ޕޮލިހުންނަށް 2000 ފޭސް ޝީލްޑް ހަދިޔާ ކޮށްފި

ފިލްމް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަނޫބަވް ސިންހާ

އިންޑިއާގެ ފިލްމް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަނޫބަވް ސިންހާ ލަކްނޯގެ ޕްރޮންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންނަށް 2000 ފޭސް ޝީލްޑް ހަދިޔާކޮށްފިއެވެ.

އަނޫބަވް މި ފޭސް ޝީލްޑްތައް ފުލުހުންނަށް ހަދިޔާ ކޮށްފައިވަނީ ކޮރޯނާ ވައިރަސް ފެތުރެމުންދާ މި ދުވަސްކޮޅުގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ މަސައްކަތުގެ އަގު ވަޒަންކޮށް އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ކަމަށް އޭނާވަނީ ބުނެފައެވެ. މީހާގެ ކަރާއި ހަމަޔަށް ނިވާވާގޮތަށް ހަދާފައިވާ ޝީލްޑް ހަދާފައިވަނީ އަނޫބަވްގެ އެކުވެރިއެެއް ކަމަށްވާ މުހައްމަދު ފަހީމްގެ ފެކްޓްރީގައެވެ. މި އެހީ ދިނުމަށް ނިންމި ގޮތް ކިޔައިދެމުން އަނޫބަވް ބުނެފައިވަނީ އުނދަގޫ ވަގުތު ތަކުގައި މީހުން އަނެކުންނަށް އެހީވާ މަންޒަރު އަބަދުވެސް ފެންނަ ކަމަށެވެ. އެފަދަ ވަގުތުތަކުގައި އޭނާއަށް އަމިއްލަ އުފަން ފަސްގަނޑަށް ޓަކައި ކުރެވޭނީ ކޮންކަމެއްތޯ އަބަދުވެސް ސުވާލު ކުރެވޭ ކަމަށެވެ.

ފިލްމް "ތައްޕަޅް" އަދި "އާޓިކަލް 15" ފަދަ ފިލްމްތަކުގެ ޕްރޮޑިއުސަރު ބުނެފައިވާ ގޮތުން މީހުންނަށް އެހީވުމާއިބެހޭ ގޮތުން އޭނާގެ ކޮލެޖްގެ އެކުވެރިޔާ ފަހީމްއާއި ވާހަކަ ދެކެވުމުން ފަހީމްވަނީ ފޭސް ޝީލްޑްތަކެއް ތައްޔާރު ކުރެވިދާނެ ކަމަށް ބުނެފައެވެ. އެގޮތުން ދެމީހުން މަޝްވަރާކުރެވި ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފުލުހުންނާއި ، ޑޮކްޓަރުން އަދި ނަރުހުންނަށް ވެސް ބޭނުންކުރެވޭނެ މި ފޭސް ޝީލްޑް ތައްޔާރު ކުރުމަށް ނިންމުނު ކަމަށް އަނޫބަވް ބުނެފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ފުލުހުންނަށް ހަދިޔާ ކުރުމަށް ނިންމީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ލޮކްޑައުންގެ ހާލަތުގައި ކަމާއިބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ފަހީމްގެ ކުޑަ ފެކްޓްރީއެއްގައި ފޭސް ޝީލްޑް ހެދުމުގެ މަސައްކަތް އޭނާ ވަނީ ކޮށްފައެވެ. 2000 ޝީލްޑް ނިންމުމަށްފަހު މިހާރު އަނޫބަވް އާއި ހަވާލު ކުރެވިފައިވާ ކަމަށް އަނޫބަވް ބުނެއެވެ. އާދީއްތަ ދުވަހު ފުލުހުންނަށް އެ ހަދިޔާ ކުރުމުގެ މަސައްކަތް ފައްޓާނެ ކަމަށް ވެސް އޭނާ ހާމަކޮށްފައިވެއެވެ.

އަނޫބަވް ބުނެފައިވަނީ 15000 އާއި 20000 އާއި ދެމެދުގެ އަދަދަކަށް ފޭސް ޝީލްޑް އެކި ފްރަންޓްލައިންގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ހަދިޔާ ކުރުމަށް ވިސްނާފައިވާ ކަމަށެވެ.