Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ލޮކްޑައުންއާއެކު މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަ އިތުުރުވެއްޖެ

މާލެ ސަރަހައްދުގައި ލޮކްޑައުންގެ ހާލަތު އިއުލާންކުރިފަހުން، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ ލޮކްޑައުން ފެށުނު ފަހުން މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން ޑެލިވަރީކޮށްދޭނެ ކަމަށް ބުނެ ފައިސާ އަތުލުމަށްފަހު އެތަކެތި ޑެލިވަރީ ނުކުރުން ފަދަ މައްސަލަތައް ހިމެނޭ ކަމަށެވެ.

އަދި އޮންލައިންކޮށް ވިޔަފާރި ކުރުމުގެ ކުރިން އެއީ ސައްހަ ފަރާތެއްތޯ ބެލުމަށާއި، ގޮތް ނޭނގޭ އެކައުންޓުތަކަށް ފައިސާ ޖަމާނުކުރުމަށް ވެސް ނަވީން ވަނީ އިލްތިމާސްކުރައްވާފައެވެ.

"މަކަރާއި ހީލަތުގެ ޝިކާރައަކަށް ވެއްޖެނަމަ ނުވަތަ އެގޮތަށް ހީވާނަމަ އެކަން ފުލުހުންގެ ހޮޓްލައިނަށް ނުވަތަ ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހެޅުމަށް ވަރަށް ބޮޑަށް އެދެން" ނަވީން ވިދާޅުވިއެވެ.

ފުލުހުން މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު ކޮވިޑް-19 ސަޕޯޓު ފަންޑުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް މީގެކުރިން ވަނީ އިލްތިމާސްކޮށްފައެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް އާންމުވެފައިވާ މައްސަލައެކެވެ. އެގޮތުން ނުދަންނަ ނަންބަރުތަކުން ގުޅައި ކާޑުގެ މައުލޫމާތު ހޯދައިގެން ބައެއް މީސްމީހުންގެ އަތުން ބޮޑެތި އަދަދުތަކުން މީގެކުރިން ވެސް ފައިސާ ފޭރިފައި ވެއެވެ.