Last Updated: April 25, 21:20
Thursday, April 25, 2024
ދީން

ރޯދަވެރިޔާ ކުރާ ދުޢާ އިޖާބަކުރެއްވުމުގެ ޙިކްމަތް

ރޯދަވެރިޔާ ރޯދަވީއްލާގަޑީގައި ކުރާ ދުޢާއަކީ މުސްތަޖާބު ވެގެންވާ ދުޢާއެއްކަމުގެ އުފާވެރި ޚަބަރު ކީރިތި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މިއުއްމަތަށް ދެއްވާފައިވެއެވެ.

ރޯދަވީއްލާ ހިނދު ކުރާ ދުޢާ އަކީ ﷲ ގެ ޙަޟްރަތުގައި މުސްތަޖާބުވެގެންވާ ދުޢާއެއްކަން ބަޔާން ކުރައްވާ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވަނީ ثَلاَثَةٌ لاَ تُرَدُّ دَعْوتُهُمْ: الصَّائِمُ حَتَّى يُفْطِرَ، وَالإِمَامُ الْعَادِلُ، وَدَعُوَةُ الْمَظْلُومِ

މާނައީ: “ތިންމީހެއްގެ ދުޢާ ރައްދު ކުރެވިގެން ނުވެއެވެ. ރޯދަވެރިއާ ރޯދަ ވީއްލެއްޖައުމަށް ދާންދެންނެވެ. އަދި ޢަދުލުވެރި ވެރިޔާއެވެ. އަދި އަނިޔާ ލިބިފައިވާ މީހާގެ ދުޢާއެވެ

ރޯދަވީއްލާގަޑީގައި ކުރާ ދުޢާ އިޖާބުކުރެއްވުމުގެ ވަރަށް މަތިވެރި ޙިކަމަތްތަކެއްވެއެވެ. ފުރަތަމަކަމަކީ އިންސާނާ އެވަނީ ފަރުޟު ރޯދައިގެ މަތިވެރި އަޅުކަމުގެ މަތީގައެވެ. ރޯދައަށް ހުންނަ ޙާލު އޭނާގެ ހަށިގަނޑުން ވަރުބަލިކަން އިޙްސާސް ކުރެވެމުން ދާނެއެވެ. އެހިނދު އިންސާނާއަށް އެނާގެ ހަށިގަނޑުގެ ނިކަމެތިކަމާއި މެދު ފިކުރު ހިނގެއެވެ. އަދި އިންސާނާއަށް އޭނާގެ ނިކަމެތިކަން އިޙްސާސް ކުރެވޭ ކޮންމެ ވަޤުތަކީ އޭނާހެ ހިތް މަޑުމޮޅިވާން މެދުވެރިވާ ސަބެބެކެވެ.

އިންސާނާއަށް އޭނާގެ ޟަޢީފްކަމާއި ނިކަމެތިކަން އިޙްސާސް ކުރެވޭ ކޮންމެ ވަޤުތަކު އޭނާ ހެއްދެވި ﷲ މަތިން ހަނދުމަވެ އެއިލާހަށް ކުއްތަންވާން ފުރުޞަތު ލިބިގެންދެއެވެ. އަދި އިރުއޮއްސުމާއި ގާތްވާވަރަކަށް އިންސާނާ ކުރާ ދުޢާ އިޖާބަވުން އަވަސްވެގެންވެއެވެ.

އެހެނީ އިރުއޮއްސުމާ ގާތްވާވަރަކަށް ހައިހޫނުކަން ދާނީ އިތުރުވަމުންނެވެ . ހައިހޫނުކަން އިތުރުވާވަރަކަށް އިންސާނާއަށް އޭނާގެ ޟަޢީފްކަމާއި މެދު ފިކުރުކުރެވެއެވެ . އެވަޤުތު ހިތް ނިޔަތް ﷲއަށް ޓަކައި ޚާލިޞްކޮށް މޮޅުވެރިކަމާއި އާދޭހާއެކު ކުރާ ދުޢާ އިޖާބަވުން ގާތްވެގެންވެއެވެ.

ރޯދަވީއްލަމުން ކިޔުން ސުންނަތް ވެގެންވާ ދުޢާތަށްވެސް ވެއެވެ.

އޭގެ ތެރެއިން އެއް ދުޢާއަކީ " ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ "

މާނައީ: “ކަރުހިއްކުން ފިލައްޖެއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި މާތްﷲ ގެ އިރާދަފުޅުން އަޖުރު ޘާބިތުވެއްޖެއެވެ.”