Last Updated: May 9, 06:05
Thursday, May 9, 2024
ޚަބަރު

މީ މުގުރިހައިގެ ވާހަކަ ދައްކަން ތިބެންޖެހޭ ހާލަތެއް ނޫން

މިހާރު ރާއްޖެ އަށް ދިމާވެފައިވާ ހާލަތަކީ 24 ގަޑިއިރު ވަންދެން މުގުރިހައިގެ ވާހަކަދައްކަން ތިބެންޖެހޭ ހާލަތެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވިދާޅުވީ މިހާރު ރާއްޖެ މިއޮތީ ރައްޔިތުންގެ ތެރެއިން ބަޔަކު މަރުގެ ތުންފަތް މައްޗަށް އުފުލިދާނެ ހާލަތެއްގައި ކަމަށާއި މިހާރު މިއޮތީ ހަނގުރާމައިގެ ހާލަތެއް ކަމަށެވެ. އަދި ސިފައިންނާއި ފުލުހުން ވެސް ރައްޔިތުންގެ ސަލާމަތަށްޓަކާ އާއިލާއާ ދުރުގައި އެތައް ދުވަހެއް ވަންދެން ތިބިއިރު މިއީ މުގުރިހައެއްގެ ކަމެއްގައި 24 ގަޑިއިރު ހޭދަކޮށްލަންޖެހޭ ހާލަތެއް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ހަގީގަތުގައި ރާއްޖެ މިއަދު މިއޮތް ހާލަތަކީ މުގުރިހައެއްގެ ކަމެއްގައި 24 ގަޑިއިރު ހޭދަކޮށްލަންޖެހޭ ވަރުގެ ހާލަތެއް ނޫން" އަލީ ވިދާޅުވިއެވެ.

އަދި މިއީ ވައިޓް ބްރެޑްގެ ބަދަލުގައި ބްރައުންޑް ބްރެޑް ނުލިބިގެން އުޅެންވީ ހާލަތެއް ވެސް ނޫން ކަމަށާއި ހަނގުރާމަ ކުރަމުން މިދަނީ ވައިރަހަކާއި ދެކޮޅަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ގިނަ ރައްޔިތުން މި ހާލަތުގައި ވަރަށް ކެތްތެރި ކަމަށާއި މިއަދު މަސައްކަތް ކުރަންވީ އެކަކު އަނެކަކަށް އެހީވެ އެއްބާރުލުން ދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 226 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި އަންނަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ.