Last Updated: July 1, 14:24
Tuesday, July 1, 2025
ދީން

ރޯދައަށްހުރެ ފަތަން ދެވިދާނެތަ؟

ރޯދައިގެ މަތިވެރި އަޅުކަން އަދާކުރުމުގައި މުސްލިމުން ބަރަކާތްތެރި ރަމްޟާންމަސް ހޭދަކުރަމުންދާއިރު މިމަތިވެރި އަޅުކަން ފުރިހަމަގޮތުގައި އަދާކުރުމަށް، ރޯދައިގެ އަޅުކަމާއި ގުޅޭ ފިޤްހީ ޙުކުމްތަކާއި މަޢުލޫމާތު އެނގިފައިވުމަކީ ނުހަނު މުހިންމުކަކެމެކެވެ.

ޚާއްޞަކޮށް ރޯދަ ގެއްލޭކަންކަމާއި ރޯދަ މަކްރޫހަވާ ކަންކަން އެނގި އޮޅުންފިލުވުން ވަރަށްމުހިންމެވެ. ނޫނީ ރޯދަގެއްލޭކަމެއްކަމަށް ހީކޮށް ރޯދައަށް ހުރެ ކުރުން ހުއްދަ ބައެއްކަންކަމާއި ވެސް މީހުން ދުރުހެލިވަމުންދާ މަންޒަރު ފެނިގެންދެއެވެ .

ޒަމާނުންފެށިގެންވެސް ރޯދަމަހު ރޯދައަށް ހުރެ މޫދަށް އެރި ހެދުމަކީ ރޯދަގެއްލޭ ކަމެއްކަމަށް ވަރަށް ގިނަމީހުން ބުނާއަޑުއިވެއެވެ. އޭގެ ތެރެއިން އެއްބަޔަކު ވަކިން ޚާއްޞަކޮށް އަންހެނުން މޫދަށް އެރުން ރަނގަޅު ނޫންކަމަށްވެސް ކިޔާހަދައެވެ.

ނަމަވެސް މިމައްސަލައާއި މެދު ދީނީ އަދި ފިޤްހީ ނަޒަރަކުން އިސްލާމީ އުންމަތުގެ ފިޤްހު ޢިލްމުވެރިންގެ ބަސްތަކަށް ރުޖޫޢަވާއިރު ރޯދައަށް ހުރެ މޫދަށްއެރުމާއި ފެތުން ރޯދަ ގެއްލޭ ކަންކަމުގެ ތެރޭގައި ނުހިމެނެއެވެ.

ނަމަވެސް ފަތާ މީހާއަކީ ފަތަން ރަނގަޅަށް ދަންނަ އަދި އޭނަ ހިފައިގެން ހުރި ރޯދަޔަށް ރައްކާތެރިވޭވޭ ފަދަ މީހަކަށް ވާންޖެހޭނެއެވެ.

އޭގެ ބަދަލުގައި ފަތަން ރަނގަޅަށް ނޭނގުމުގެ ސަބަބުން އަނގައިންނާއި ނޭފަތުގެ ޒަޢާއިން ލޮނު ބޮވޭމީހަކު ފަތަން ދިޔުމަކީ ހުއްދަކަމެއްނޫނެވެ.
ސަޢުދިޢަރަބިޔާގެ ކުރީގެ ފަތްވާކޮމެޓީގެ މެމްބަރު އަލް ޢައްލާމާ އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ.

"ރޯދަވެރިޔާ ފެތުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. މޫދަށް އެރުމަކީ އިންސާނާގެ ހަށިގަނޑުން ވަރުބަލިކަން ކަނޑުވާލާ ހަށިގަނޑު ހަމަޖައްސައިދޭ ކަމެކެވެ. އަދި ﷲ އަދާކުރާ އަޅުކަމަކަށް ހަށިގަނޑު ހަމަޖައްސައިދީ އަޅުކަމަށް ލުއިކަން ގެނެސްދިނުން މަނާކަމެއްގެ ގޮތުގައި ހިމެނިގެން ނުދާނެއެވެ. ނަމަވެސް ހަށިގަނޑުގެ އެތެރެއަށް ލޮނު ނުގޮސްވޭތޯ ބަލައި އެކަމަށް ވަރަށް ބޮޑަށް ރައްކާތެރިވާން ވާނެއެވެ. މޫދަށް އެރޭއިރު ލޮނުބޮވޭނެކަން އެމީހަކަށް ޤަބޫލު ކުރެވޭ ޙާލަތުގައި ރޯދައަށް ހުރެ ފެތުމަކީ ހުއްދަކަމެއް ނޫނެވެ."

والله اعلم