Last Updated: March 29, 17:30
Friday, March 29, 2024
ދީން

ކޮރޯނާ ބަލީގައި މަރުވާ މީހުން ހިނެވުމާއި ގުޅޭ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ މިދަނޑިވަޅުގައި މިބަލީގައި ދުނިޔެ ދޫކުރާ މީހުންގެ ހަށިތަކާއި މެދު އެކި ގޮތްގޮތަށް އެކި ޤައުމުތަކުން ޢަމަލުކުރަމުންދާ އަޑު މިދަނީ އިވެމުންނެވެ.

އޭގެ ތެރެއިން ބައެއް ޤައުމުތަކުގައި ބަލިން ރައްކާތެރިވުމުގެ ނަމުގައި އިންސާނުންގެ ހަށިތައް އަނދާލުމާއި ބޮޑެތި ވަޅު ވަޅު ކޮނެ ލޮރީތަކަށް ލައިގެން ހަށިތައް ފުނިފުންޏަށް އުކާލުން ފަދަ ލާއިންސާނީ ޢަމަލްތައް ކުރެވެމުންދާ މަންޒަރު ދުނިޔޭގެ މީޑިޔާތަކުން ދޭތެރެ ދޭތެރެއިން މިދަނީ ފެންނަމުންނެވެ.

ނަމަވެސް ޙަޤީޤަތަކީ މައްޔިތާ ދިރި ދުނިޔޭގައި އުޅުނުއިރު އޭނާއަށް އިޙްތިރާމާއި ޤަދަރު ދޭ ފަދައިން އޭނާ މަރުވުމަށް ފަހުވެސް އެ އިޙްތިރާމާއި ޤަދަރު ލިބެންޖެހެއެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން ގޮވާލާ ބާރުއަޅުވާފައިވަނީ ވެސް ދިރި ހުރި އިރު މުސްލިމަކަށް ކުރާ އިޙްތިރާމް އޭނާ މަރުވުމަށްފަހުގައި ކުރުމަށެވެ.

ނަބިއްޔާ صلّى الله عليه وسلّم ޙާދީޘް ކުރައްވާފައިވެއެވެ.

(كَسْرُ عَظْمِ الْمَيِّتِ كَكَسْرِهِ حَيًّا)

މާނައަކީ : "މައްޔިތާގެ ކަށި ބިނދުން (ހަލާކުކުރުން) ދިރި ހުރި މީހެއްގެ ކަށި ބިންދުން (ހަލާކުކުރުން) ފަދައެވެ."

ކޮރޯނާ ބަލީގައި މުސްލިމަކު ދުނިޔެ ދޫކޮށްފިނަމަ އަޞްލަކީ އެހެން މީހުންނެކޭ ވެސް އެއްފަދައިން އެމީހަކު ހިނަވާ ކަފުންކޮށް އެމީހާގެ މައްޗަށް ކަށުނަމާދުކޮށް ވަޅުލުމެވެ.

ނަމަވެސް އެޤައުމުއްގެ ކަމާއިބެހޭ ސިއްޙީ އިދާރާއަކުން އެފަދަ މީހަކު ހިނެވުމަކީ އެބަލި އަނެކާގެ ގަޔަށް އަރަން މެދުވެރިވާ ސަބަބެއްކަމަށް ފާހަނގަކޮށް އެކަން ނުކުރުމަށް އިރުޝާދު ދީފައިވާނަމަ މައްޔިތާ ނުހިނަވާ ވަޅުލެވިދާނެއެވެ.

ސަޢުދީގެ ބޮޑު ޢިލްމުވެރިއެއްކަމަށްވާ الشيخ محمد بن محمد المختار الشنقيطي ވިދާޅުވެފައިވެއެވެ.

"ކަމުގެ ތަޖުރިބާކާރުން މައްޔިތާ ހިނެވުމުގެ ސަބަބުން އެބަލި އެހެންމީހުންގެ ގަޔަށް އެރުމުގެ ފުރުސަތު އޮތްކަމަށް ބުނާނަމަ މައްޔިތާ ހިނެވުމުގެ ބަދަލުގައި ތަޔައްމަމް ކުރެވިދާނެއެވެ."

މިއާއި ގުޅިގެން ފިޤްހީ ބައެއް މަޒްހަބުތަކުގެ ރައުޔު ބަޔާން ކުރައްވަމުން ޝައިޚް އިތުރަށް ފާހަނގަ ކުރައްވާފައިވަނީ މައްޔިތާ ހިނެވުމަކީ މައްޔިތާ ހަށިގަނޑު ސާފުކުރުމަށް ކުރެވޭ ކަމެއްކަމުން ތަޔައްމަމް ކުރުމުން އެކަން ޙާޞިލް ނުކުރެވޭ ކަމަށް ބައެއް ޢިލްމުވެރިން ބުރަވެލައްވާތީ އެފަހަ ޙާލަތެއްގައި މައްޔިތާ އެއޮތްގޮތަށް ބާއްވައިގެންވެސް ވަޅުލެވިދާނެއެވެ.

ނަމަވެސް މިކަމުގައި ވިސްނާލަން ޖެހޭ ނުކުތާއަކީ މިއީ އަޅުގަނޑުމެން އަމިއްލަ އަމިއްލައަށް ނިންމާލެވޭ ވަރު ކަން ކަމެއް ނޫނެވެ. އަދި މިއީ ވަކި ވަކި ހޮސްޕިޓަލްތަކަށާއި ވަކި ވަކި ސިއްޙީ މަރުކަޒު ތަކަށާއި އަދި ވަކި ވަކި ޢިލްމުވެރިންނަށްވެސް އަމިއްލައަށް ނިންމޭވަރު ކަންކަމެއް ނޫނެވެ. މިކަމުގައި ބަލަންޖެހޭނީ އެޤައުމެއްގެ ކަމާއި ބެހޭ އެންމެ މަތީ އިދާރާއަކުން ދެއްވާ އިރުޝާދުތަކަށާއި ލަފާތަކަށެވެ.

والله أعلم.