Last Updated: April 26, 06:56
Friday, April 26, 2024
ރިޕޯޓް

ކޯވިޑް 19: ނަފްސާނީ ދުޅަހެޔޮ ކަމާއި، އުންމީދު މުހިންމު!

Photo: TechCrunch

ދުނިޔޭގައި އަލަށް ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ބަލިޖެހޭ މީހުންގެ އަދަދު އިތުރު ވަމުންދާ ވަރަކަށް އެކަމާއި ގުޅިގެން ހިތް ނުތަނަވަސްވާ މީހުން ދަނީ އިތުރުވަމުންނެވެ. އެހެންކަމުން އާންމު މުޖުތަމައަށް، މިބަލިން ހަށިގަނޑަށް ކުރާ އަސަރާއި އެއްވަރަށް، ބަލިން އަހަރެމެންގެ ނަފްސާނީ ސިއްޙަތަށް ކުރާ އަސަރުގެ ވާހަކަ ދެއްކުމަކީވެސް އެހާމެ މުހިންމު ކަމެކެވެ.

ފިހާރަތަކުގެ ހަރުން ސެނިޓައިޒަރ ފުޅިތައް ހުސްވެ، ސިއްހީ ހިދްމަތްތެރިންނަށް ބޭނުންވާ މާސްކު މަދުވެ، ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ ކެނޑިނޭޅި އިވެމުންދާ އިރު އެ ވާހަކަ ތަކާއި ދުރަށް ދިއުމަކީ އުނދަގޫ ކަމަކަށްވެދާނެއެވެ.

ޚާއްސަކޮށް، މި މައުލޫމާތުތަކުން ކިތަންމެ އަސަރެއް ކުރި ނަމަވެސް މިވާހަކަތައް އަޑުއަހަން ގިނަ މީހުން ބޭނުންވެއެވެ. ވަކިން ހާއްސަކޮށް މީސްމީޑިއާގައި އެންމެ ބޮޑަށް ދައުރު ވަމުން ދަނީ މި ބަލީގެ އެންމެ ފަހުގެ ވާހަކަތަކެވެ.

ކޯވިޑް-19 އާއި ގުޅިގެން ލިބޭ ހިތާމަވެރި ޚަބަރާއި، ބިރުވެރިކަމާއި ނުތަނަވަސްކަން އަމިއްލައަށް އިހްސާސް ކުރެވޭނަމަ އަވަހަށް އެހީތެރިކަން ހޯދާށެވެ. މިކަމުގައި ތިމާ ހުރީ އެކަނި ކަމުގައި ނުވިސްނާށެވެ.

އެކި މަސްދަރުތަކުން އެކި މައުލޫމާތު އެކި ގޮތްގޮތަށް އަހަރެމެންނާއި ހަމައަށް ވާސިލުވާ އިރު މި ޚަބަރުތަކާއި މައުލޫމާތު އަހަރެމެންގެ ނަފްސާނީ ސިއްޙަތަށް އެންމެ އަސަރު ކުޑަގޮތަކަށް ނަގައިގަންނާނީ ކިހިނެއް؟

އަބަދުވެސް އެންމެ އެކަށޭނެ، ތެދު މައުލޫމާތު ލިބޭ މަސްދަރެއް ޚިޔާރު ކުރޭ
ތަފާތު އެކި މަސްދަރުތަކުން އެކި ގޮތްގޮތަށް މަޢުލޫމާތު އާންމުންނާ ހިއްސާ ކުރަމުންދާއިރު، އިތުބާރު ކުރެވޭ މަސްދަރުތަކުން ލިބޭ މަޢުލޫމާތު އަޑު އަހައި، ޤަބޫލު ކުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން ރާއްޖޭގައި މިމަޢުލޫމާތު ލިބިގަތުމަށް އެންމެ ރަނގަޅުވާނީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.ޔޯ)، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)، އަދި ރަޖިސްޓަރ ކުރެވިގެން ހިންގޭ އިތުބާރު ހުރި ޚަބަރު ފަތުރާ ވަސީލަތްތަކެެވެ.

ތިމާގެ ބާރުގައި ވާ ކަންކަން ކުރުން
ގިނަ ފަހަރަށް އިންސާނެއްގެ ހިތްނުތަނަަވަސްވުން ގުޅިފައިވަނީ ދިމާވާ ކަމަކާއި ގުޅޭ، ނޭނގުމުގެ ތެރޭގައިވާ ކަންކަމުން (އަންސަރޓެއިންޓީއިން) އަހަރެމެންގެ ސިކުނޑިތައް މާނައެއް ހަމަޖައްސަން މަސައްކަތް ކުރުމުންނެވެ. އެގޮތުން ކޯވިޑް-19 އަކީ އަހަރެމެންގެ ކޮންޓްރޯލްގައި ވާ ކަމަަކަށް ނުވާއިރު، އަހަރެމެންނަށް ބާރު ފޯރުވޭ ފަދަ ކުދި ކަންކަން ވީހާވެސް ގިނައިން ކުރުމަކީ މުހިންމު ކަމެކެވެ.

އެގޮތުން، ކޯވިޑް-19 އާއި ގުޅިގެން އަހަރެމެންގެ ބާރުގައި ވާ، އަހަރެމެންނަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ އަމިއްލަ ސާފުތާހިރު ކަަމަށް ވީހާވެސް ބޮޑަކަށް ބެލުމެވެ. އެގޮތުން މޫނުގައި އަތް ނުލުމާއި، ގިނަގިގައިން ފެންވަރައި އަތް ދޮވެ، އުޅޭ ތަންތަން ސާފުކޮށް ގެންގުޅުމަކީ އަހަރެމެންގެ އިޚުތިޔާރުގައިވާ ކަންކަމެވެ. މީގެ އިތުުރުން މީސްމީޑިއާ މެދުވެރިކޮށް ލޯބިވާ އާއިލާ މީހުންނާ، އެކުވެރިންނާ ގުޅުން ދެމެހެއްޓުމާއި، އާ ގޭމެއް ނޫނީ އޮންލައިން ކޯހެއް ފަދަ އާ ކޮންމެވެސް ކަމެއް ދެށުމަކީވެސް ތިމާގެ އިޚުތިޔާރުގައިވާ، ކުރުން ރަނގަޅު ކަންކަމެވެ. އަދި ގޭގައި ކަސްރަތުކޮށްލާ، އާ ކަމެއް ކުރަން ދަސްކުރަން މަސައްކަތް ކުރުމަކީވެސް ގޭގައި ތިބެން ޖެހިފަވާ މިވަގުތު ތިމާއަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

އުންމީދު ގެއްލުވާ ނުލާ – އުންމީދު އާލާ ކުރަމާ
ހިތްދަތި ދަނޑިވަޅުތަކުގައި އުންމީދު އާލާ ކުރުމަކީ ދަތިކަމަކަށް ވެދާނެއެވެ. ނަމަވެސް އަހަރެމެންގެ ހިތް ތަކުގައި އުންމީދު އާލާކޮށް، ނުތަނަވަސް ކަން ކުޑަކޮށްލެވޭނެ ކުދިކުދި ކަންކަން އަމިއްލައަށްވެސް ކުރެވިދާނެއެވެ. އެގޮތުން، ތިމާގެ ދިރިއުޅުމުގައި ވާ ކުދިކުދި އުފާވެރި ވަގުތުކޮޅުތަށް ހަނދާންކޮށް، އެކަމަށް ޝުކުރުވެރި ވުމަކީ ކުރެވިދާނެ މުހިންމު ކަމެކެވެ. މި އުފާވެރި ވަގުތުތަށް އޭގެ އެންމެ ފޮނި ގޮތުގައި ހަނދާން އާ ކުރުމަކީ ނުތަނަވަސް ކަން ވެރިވެފައިވާ ހިތްތަކަށް ކޮންމެވެސް ވަރެއްގެ ފަސޭހަކަމެއް އިހުސާސްކޮށްދޭނެ ކަމެކެވެ. އުފާވެރި ކަމުގެ ހިނދުކޮޅުތަކުގެ ވާހަކަ ދައްކާ، އެކަމާ ބެހޭގޮތުން ލިޔެ، އެހަނދާންތައް އާކުރުމުން މީހާގެ ނަފްސަށް ވެރިވެފައިވާ އުދާސްކަން ލުއި ކޮށްދޭނެއެވެ. އެހެންކަމުން، ދުވަހުގެ ހުރިހާ ވަގުތެއް މި ދަނޑިވަޅުގެ ނުތަނަވަސް ވާހަކަތަކުގެ ތެރޭގައި ހޭދަނުކޮށް، ވީވަރަކުން މާޒީގެ އުފާތަށް ހަނދާންކޮށް ހީލާ، އުފާކޮށްލާ، މަޖާކޮށްލެވޭތޯ ބެލުންވެސް މުހިންމެވެ.

ނަފްސާނީ ދުޅަހެޔޮ ކަމަށް ވަގުތު ހުސްކުރޭ
ކޮންމެ ދުވަހަކު ފެންވަރާ، ދަތް އުނގުޅާ، އަތް ދޮވެ، ސާފު ތާހިރު ވުމަކީ އަހަރެމެންގެ ޖިސްމާނީ ދުޅަހެޔޮކަން ދަމަހައްޓަން އަހަރެމެން ކުރާ ކަންކަމެވެ. ހަމަ މިގޮތަށް، ރަނގަޅު ކާނާ ކާހެން، ބަލި ވުމުން ޑޮކްޓަރަށް ދައްކާ، ބޭސްކާ ހެން އަހަރެމެންގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްވެސް މަސައްކަތްތަކެއް ކޮށްލަން ޖެހެއެވެ.

މިކަމުގެ ސަބަބުން ދުވަހުން ދުވަހަށް ކުރާ ކަންކަމުގައި "ކޮންސިސްޓެންސީ" ދެމެހެއްޓި، ހަށި ހެޔޮކަމާ ދުޅަހެޔޮކަންމަތީ ދެމިތިބުމަށް ދޮރު ހުޅުވާލައެވެ. އަދި އަހަރެމެންގެ ނަފްސުތަށް ނުތަނަވަސްކަމާ، ހާސްކަމުން ވަށާލެވުން ހުއްޓުވައިދެއެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި، މީސްމީޑިއާގައި އެކި މީހުންނާއި މުއާމަލާތް ކުރުމުގައި ތިމާ ބަހައްޓަން ބޭނުން ދުރުމިން ގާއިމު ކުރުމާއި، ދުވާލުގެ ކަންކަމުގައި ތިމާ ހިތްހަމަ ޖެހޭފަދަ ހަރަކާތްތައް ހިމެނުން ރަނގަޅެވެ. މިސާލަކަށް ކުރެހުން، ފޮތް ކިޔުން، ލިޔުން ފަދަ ކަންކަމަކީ ކުރުން ރަނގަޅު ކަންކަމެވެ. ހަމަ އެގޮތަށް ހަށިގަނޑު ހަމަޖައްސާލުމަށް، ނޭވާލުމުގެ ކަސްރަތުތަކާއި، ލުއި ކަސްރަތެއް ކޮށްލެވޭތޯ ބެލުމަކީވެސް ރަނގަޅު ކަމެކެވެ. އަދި މިނޫނަސް ތިމާގެ ނަފްސު ހަމަޖައްސާލެވޭ، ތިމާގެ ނަފްސާނީ ދުޅަހެޔޮކަމާއި ހަމަޖެހުން ދެމެހެއްޓުމަށް ކުރެވެން ހުރި ކަންކަން، މެދުކެނޑުމެއް ނެތި، ދިގު މުއްދަތުގައި ދެމެހެއްޓޭތޯ ބަލަންވާނެއެވެ.

މިކަހަލަ ދަނޑިވަޅެއްގައި ވަށާލެވިފައިވާ ހުރިހާ ކަމެއް ތިމާގެ ނަފްސު ފުރާލުން އެކަށީގެންވެއެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހުސްކޮށްލުމަކީ މުހިންމު ކަމެކެވެ. އަދި ނަފްސާނީ ގޮތުން އެއްވެސް އެހީއެއް ބޭނުން ވެއްޖެނަމަ، ޖެހިލުމެއް ނެތި 1425 އަށް ގުޅާލާށެވެ. އެންމެން މިތިބީ އެކަކު އަނެކަކަށް އެހީވާށެވެ.

މާތް الله މިދުނިޔެއަށް ޝިފާ ދެއްވާށި! އާމީން.

މަޢުލޫމާތު: ޕްރޮފެސަރ ފިލިޕް ޖޯރޖް، ޑިޕާރޓްމެންޓް އޮފް ސައިކައެޓްރީ، އައިއެމްޔޫ، މެލޭޝިއާ