Last Updated: March 29, 17:30
Friday, March 29, 2024
ދީން

ސޫރަތުލް ޙުޖުރާތު ގެ ތަފްސީރު

މިއީ މަދަނީ ސޫރަތެކެވެ.

މައްކީ ސޫރަތަކީ: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާ އަށް ހިޖްރަ އަށް ވަޑައިގެންނެވުމުގެ ކުރިން ބާވާލެއްވުނު ސޫރަތް ތަކަށެވެ.

މައްކީ ސޫރަތްތަކުގެ ޚާއްޞިއްޔަތުތައް:

1. މުޝްރިކުން އެކަމަކަށް އިންކާރު ކުރާ ތަވްޙީދުލް އުލޫހިއްޔާ އަށް ގޮވާލުން.

2. ﷲ ފިޔަވާ އެހެން ފަރާތަކަށް ދެންނެވުމުގެ ނުބައިކަމުން މީސްތަކުންނަށް އިންޛާރު ދެއްވުން. ސޫރަތު ޔޫނުސްގެ 106 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.(وَلَا تَدْعُ مِن دُونِ اللَّـهِ مَا لَا يَنفَعُكَ وَلَا يَضُرُّ‌كَ ۖ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ الظَّالِمِنَ) މާނައަކީ: "އަދި اللَّه ފިޔަވައި ކަލޭގެފާނަށް މަންފާއެއް ނުދެވޭ، އަދި ކަލޭގެފާނަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް، ކަލޭގެފާނު އަޅުކަން ނުކުރައްވާށެވެ! ފަހެ، ކަލޭގެފާނު އެކަންކުރައްވައިފިނަމަ، ހަމަކަށަވަރުން، އޭރުން ކަލޭގެފާނު ވާނީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ."

3. ﷲ އާއި ކުއްތަންވުމުގެ ގޮތުންނޭ ބުނެ ވަލީވެރިންގެ ކިބައިން ޝަފާޢަތަށް އެދޭ އެދުން ހުއްޓާލުމަށް ގޮވާލެއްވުން. ސޫރަތު ޔޫނުސްގެ 18 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ) މާނައަކީ: "މި ތަކެއްޗަކީ، اللَّه ގެ حضرة ގައި ތިމަންމެންނަށް شفاعة ތެރިވާނޭ ތަކެއްޗެވެ."

4. އާޚިރަތް ދުވަހަށް އީމާން ވުމަށް ގޮވާލެއްވުން.

5. ޢަރަބިންގެ ފަޞާޙާތްތެރި ކަމާއި އެކުވެސް ގުރްއާނާއި އެއްފަދަ އެއްޗެއް ނުގެނެވޭނެ ކަމަށް ޢަރަބިންނަށް ޗެލެންޖު ކުރެއްވުން. ސޫރަތު ޔޫނުސްގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَمْ يَقُولُونَ افْتَرَ‌اهُ ۖ قُلْ فَأْتُوا بِسُورَ‌ةٍ مِّثْلِهِ وَادْعُوا مَنِ اسْتَطَعْتُم مِّن دُونِ اللَّـهِ إِن كُنتُمْ صَادِقِينَ) މާނައަކީ: "އަދި ކިއެއްތަ! (އެ قرآن (އެއީ، އެކަލޭގެފާނު ހައްދަވައިގެން އުޅުއްވާ އެއްޗެއްކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބަޔަކަށް ގޮވައިގެން ނަމަވެސް، އެއާ އެއްފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ!"

6. އިސްވެދިޔަ އުއްމަތްތަކުގެ މީހުންގެ ތެރެއިން ދޮގު ކުރި މީހުންގެ ޚަބަރުތައް ވާރިދުވެފައިވުން.

7. ކެތްތެރިވުމަށް ބާރު އަޅުއްވާފައިވުން.

މަދަނީ ސޫރަތަކީ: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާ އަށް ހިޖްރަ އަސް ވަޑައިގެންނެވުމަށްފަހު ބާވާލެއްވުނު ސޫރަތްތަކެވެ.
މަދަނީ ސޫރަތްތަކުގެ ޚާއްޞިއްޔަތުތައް:

1. ﷲ ގެ މަގުގައި ޖިހާދު ކުރުމަށް ހިތްވަރުދެއްވާފައިވުން.

2. އިސްލާމްދީނުގެ ޙުކުމްތަކާއި ޙުދޫދު ތަކުގެ ވާހަކަތައް ބަޔާން ކުރައްވާފައިވުން.

3. މުނާފިގުންގެ ވާހަކަތައް ބަޔާން ކުރައްވާފައިވުން.

4. ހަނގުރާމަ ތަކުގައި މުސްލިމުންނަށް ނަޞްރު ދެއްވި ކަމުގެ ޚަބަރުތައް އައިސްފައިވުން. ސޫރަތު އާލު ޢިމްރާންގެ 123 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَقَدْ نَصَرَ‌كُمُ اللَّـهُ بِبَدْرٍ‌ وَأَنتُمْ أَذِلَّةٌ ۖ فَاتَّقُوا اللَّـهَ لَعَلَّكُمْ تَشْكُرُ‌ونَ) މާނައަކީ: " ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، بدر ހަނގުރާމައިގައި اللَّه، ތިޔަބައިމީހުންނަށް نصر ދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكر ވެރި ވުމަށްޓަކައެވެ."

މި ސޫރަތަށް ނަން ކިޔުނު ގޮތް:

 

މި ސޫރަތަށް "ސޫރަތުލް ޙުޖުރާތޭ" ކިޔުނު ސަބަބަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގަނޑުވަރު ތަކުގެ ޙުރުމަތްތެރިކަން ބަޔާން ކުރައްވާފައިވާތީއެވެ. އެ ގަނޑުވަރުތަކަކީ އެކަލޭގެފާނުގެ އަނބިކަބަލުންތައް ދިރިއުޅުއްވާ ގަނޑުވަރުތަކެވެ.
މި ސޫރަތުގައި މުސްލިމުންގެ އަޚްލާގިއްޔާތު ބަހައްޓަން ޖެހޭނެ ގޮތް ވަނީ ބަޔާންކޮށް ދެއްވާފައެވެ. އެހެންކަމުން ބައެއް މުފައްސިރުން މިސޫރަތަށް "ސޫރަތުލް އަޚްލާގް" ގެ ނަމުންވެސް ނަންދެއްވައެވެ.