Last Updated: April 19, 22:45
Friday, April 19, 2024
މީހުން

ބޮލީވުޑް ތަރި ރިޝީ ކަޕޫރު މަރުވެއްޖެ

ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ރިޝީ ކަޕޫރު މަރުވެއްޖެއެވެ،\.

އިންޑިއާގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި އުމުރުން 67 އަހަރުގެ ރިޝީ ކަޕޫރު މަރުވެފައިވަނީ ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.

ރިޝީ ކަޕޫރު މަރުވި އިރު އޭނާ އަންނަނީ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުންނެވެ. ފާއިތުވި ދުވަސްތަކުގައި ރިޝީވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ލަންޑަނަށާއި، އެމެރިކާގެ ނިއުޔޯކުގައި އުޅެފައެވެ.

އިންޑިއާގެ ބޮލީވުޑްގައި އެންމެ ބާރުގަދަ އެއް އާއިލާކަމަށްވާ ކަޕޫރު އާއިލާއަށް ނިސްބަތްވާ ރިޝީ ކަޕޫރުވަނީ ކާމިޔާބު އެތައް ފިލްމެއް ކުޅެފައެވެ.

ހިންދީ ފިލްމް އިންޑަސްޓްރީ އަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ރިޝީގެ އެންމެ ހާއްސަ އެއް ފިލްމަކީ 1973 ވަނަ އަހަރު އޭނާގެ ބައްޕަ ރާޖް ކަޕޫރު ޑައިރެކްޓް ކުރި "ބޮބީ" އެވެ. އެ ފިލްމަކީ ރިޝީ ކަޕޫރު ފިލްމު އިންޑަސްޓްރީއަށް ތައާރަފުވެގެންދިޔަ ފިލްމެވެ.

އޭގެ ކުރިން އޭނާ ވަނީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ބައްޕަގެ 1970 ވަނަ އަހަރުގެ ހިޓް ފިލްމް "މޭރާ ނާމް ޖޯކަރު" ކުޅެގެން ގައުމީ އިނާމް ވެސް ހާސިލްކޮށްފަ އެެވެ. އެ ފިމްގައި ރިޝީ ފެނިގެން ގޮސްފައި ވަނީ ރާޖް ކަޕޫރުގެ ކުޑަ އިރުގެ ކެރެކްޓާ އިންނެވެ.

ބޮލޮކްބަސްޓާއަކަށް ވެގެން ދިޔަ "ބޮބީ" އަށް ފަހު ރިޝީ ވަނީ ކާމިޔާބް ވަރަށް ގިނަ ފިލްމްތަކެއް ކުޅެފަ އެވެ. އޭނާ މިހާތަނަށް ވަނީ 140 އަށް ވުރެ ގިނަ ފިލްމް ކުޅެފަ އެވެ. އަދި ކުރިއަށް ރިލީޒް ވާން ވެސް ގިނަ ފިލްމްތަކެއް އެބަ ހުއްޓެވެ.

ރިޝީގެ ކެރިއަރުގައި އޭނާ ވަނީ އަންހެނުން ނީޓޫ ސިންގާއި ޑިމްޕަލް ކަޕާޑިއާ، ޕަދްމިނީ، ޕޫނަމް ދިލަން، މީނާކްޝީ، މަނީޝާ ކޮއިރަލާ، ތާބޫ، ސްރީ ދޭވީ، މަދޫރީ، ރޭކާ، ރަވީނާ ޓަންޑަން، ދިވްޔާ ބާރްތީ ފަދަ ތަރިންނާ އެކު ފިލްމް ކުޅެ، ބޮލީވުޑްގެ އެންމެ ފުންނާބު އުސް ގިނަ ޑައިރެކްޓަރުންނާ އެކު މަސައްކަތްކޮށްފަ އެވެ.

މީގެ އިތުރުން އައިޝްވާރިއާ ރާއީ އާއި އަކްޝަޔޭ ކަންނާ ހިމަނައިގެން 1999 ވަނަ އަހަރު ރިޝީ ވަނީ "އާ އަބް ލޯޓް ޗަލޭ" ގެ ނަމުގައި ފިލްމެއް ވެސް ޑައިރެކްްްޓްކޮށްފަ އެވެ.

ރިޝީ މަރުވި އިރު އިއްޔެ އަކީވެސް ހިންދީ ފިލްމު އިންޑަސްޓްރީއަށް ހިތާމަވެރި ދުވަހެކެވެ. ސްލަމްޑޯގް މިލިނިއާ ފަދަ ފިލްމުތަކުން މަޝްހޫރުކަން ހޯދި އިރުފާން ހާން އިއްޔެ ވަނީ މަރުވެފައެވެ. އެހެންވެ މިއީ ހިންދީ ފިލްމު އިންޑަސްޓްރީއަށް ލިބިގެންދާނެ ފުން ހިތާމަވެރި ދުވަސްތަކެވެ.