Last Updated: March 29, 02:52
Thursday, March 28, 2024
ދީން

ރޯދަ: މާތް ﷲގެ ޛާތުފުޅަށް ޚާއްޞަވުމުގެ ޙިކްމަތް!

ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ވާރިދުވެފައިވާ ޤުދްސިއްޔަ ޙަދީޘެއްގައި ބަޔާންވެ އައިސްފައިވެއެވެ.

"قَالَ اللَّهُ: كُلُّ عَمَلِ ابْنِ آدَمَ لَهُ إِلا الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ

މާތް ﷲ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ހުރިހާ ޢަމަލެއް ވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ފަހެ، ރޯދަ ވަނީ ތިމަން ﷲ އަށެވެ . އަދި އެރޯދައަށް އޭނާއަށް ޖަޒާދެއްވާނީ ތިމަން ﷲ އެވެ.

ރޯދައިގެ މަތިވެރި އަޅުކަން ﷲ ޙަޟްރަތަށް ނިސްބަތް ކުރައްވައި، އެއިލާހުގެ ޒާތުފުޅަށް އެއަޅުކަން ޚާއްޞަކުރައްވާފައިވުމުގެ ސިއްރަކީ ކޮބައިބާވެއެވެ؟ މިސުވާލުގެ ތަފްސީލް ޢިލްމުވެރިން ތަފާތު އެކި ރައުޔުތަކުގެ އަލީގައި ބަޔާން ކުރައްވައެވެ.

ބައެއް ޢިމްލްވެރިން ފާހަނގަ ކުރައްވާ ގޮތުގައި ސަޖިދަކުރުމާއި ރުކޫޢަކުރުމާއި ޞަދަޤާތްކުރުމާއި ޤުރުބާން ކުރުމާއި ނަދުރުބުނުމާއި ދުޢާ ކުރުންފަދަ އަޅުކަންތަކުގައި މީސްތަކުންވަނީ އެކިޒަމާންތަކުގައި ﷲ ފިޔަވައި އެހެންފަރާތްތަށް ބައިވެރިކޮށްފައެވެ.

ނަމަވެސް އެއްވެސް ޒަމާނެއްގައި ރޯދައިގެ އަޅުކަން ﷲ ފިޔަވައި އެހެން ފަރާތަކަށް ނިސްބަތްކޮށްފައިވާކަން އެނގެން ނެތެވެ . އަނެއްބައި ޢިލްމުވެރިން ފާހަނގަ ކުރައްވާގޮތުގައި ޤިޔާމަތް މަޙްޝަރުގެ މައިދާނުގައި ދުނިޔެމަތީގައި އެކަކު އަނެކެއްގެ ޙައްޤަކަށް އުނިކަމެއްދީފިކަމަށްވާނަމަ އޭގެ ބަދަލު އިންސާނާކޮށްފައިވާ ހެޔޮ ޢަމަލުތަކުން ބަދަލު ދޭންޖެހޭ ވަޤުތު ރޯދަވެރިޔާގެ ރޯދައިގެ ސަވާބު އޭނާގެ ކިބައިން ކެނޑިގެން ނުދާކަމަށް ވިދާޅުވެފައިވެއެވެ.

އިމާމް حافظ ابن حجر رحمه الله މިމައުޟޫގައި އެކި ޢިލްމުވެރިންގެ ބަސްފުޅު ޖަމާކުރައްވަމުން ވިދާޅުވެފައިވެއެވެ.

މިގޮތުން އެއް ކަމަކީ، އެހެނިހެން އަޅުކަންތަކަށް ދެއްކުންތެރިކަމުގެ ސިފަ ހުށަހެޅިގެންދާގޮތަށް ރޯދައިގައި އެ ފުރުސަތު ނެތުމެވެ.

އަދި އެހެން އަޅުކަންތަކަށް ޖަޒާދެއްވާ މިންވަރު މާތް ﷲ އަންގަވާއިވާއިރު، ރޯދައަށް ﷲ ވަކި މިންވަރެއް ނެތިކަން ޖަޒާދެއްވާކަމާއި އަދި އެދެއްވާ މިންވަރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ސުބްޙަނާހޫ ވަތަޢާލާކަމާއި ރޯދައަކީ އެއިލާހުގެ ޛާތުފުޅަށް ޚާއްޞަވެގެންވާ އަޅުކަމެއްކަން ކަމެއްކަން މިޙަދީޘް ބަސްފުޅުން އެނގި ބަޔާންވެގެން ދެއެވެ .