Last Updated: March 29, 13:37
Friday, March 29, 2024
ކުޅިވަރު

ފްރާންސް ލީގު ޗެމްޕިއަންކަން ޕީއެސްޖީ އަށް ލިބިއްޖެ

ކޮވިޑް-19 އާއި ގުޅިގެން ފްރާންސް ލީގުގެ ބާކީ ހުރި މެޗުތައް ކުރިއަށް ނުގެންދަން ނިންމައި، އެ ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އަށް ދިނުމަށް، ފްރެންޗް ޕްރޮފެޝަނަލް ފުޓްބޯލް ލީގް (އެލްއެފްޕީ) އިން ނިންމައިފިއެވެ.

ކޮވިޑް އާއި ގުޅިގެން ފްރާންސް ލީގުގެ މެޗުތައް މެދުކަނޑާލީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. ލީގު މެދުކަނޑާލިއިރު ޕީއެސްޖީ ލީގުގެ އެއްވަނައިގައި އޮތީ 13 ޕޮއިންޓުގެ ލީޑަކާއެކުއެވެ.

ފްރާންސް ލީގު ނިމުމަކަށް ގެންނަން ނިންމީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން އެގައުމުގައި ކުޅިވަރު އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދަން ފްރާންސްގެ ސަރުކާރުން ދާދިފަހުން ނިންމުމާ ގުޅިގެންނެވެ.

މިއީ ޕީއެސްޖީން ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދި 9 ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ލީގު ޗެމްޕިއަންކަން ލިބުމާ ގުޅިގެން ޕީއެސްޖީގެ ޗެއާމަން ނަސީރް އަލް ހަލައިފީ ވިދާޅުވީ މި ތަށި ހާއްސަކުރަން ބޭނުންވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށާއި، ކޮވިޑް-19 ގެ ކަންކަމުގައި ފްރަންޓްލައިންގައި ބޮޑެތި ގުރުބާނީތަކެއް ވަމުންދާ މީހުންނަށް ކަމަށެވެ.

"އުއްމީދަކީ މި ތަށްޓާއެކު މި އުނދަގޫ ހާލަތުގައި ކޮންމެވެސް ވަރެއްގެ އުފާވެރިކަމަކާއި އުއްމީދެއް ސަޕޯޓަރުންނަށް ލިބޭނެ ކަމަށް" ހަލައިފީ ވިދާޅުވިއެވެ.

ފްރާންސް ލީގު ނިމުމަކަށް ގެނައިރު ދާދިފަހުން ނެދަލޭންޑްސް ލީގު ވެސް ނިމުމަކަށް ގެންނަން ވަނީ ނިންމާފައެވެ. ލީގު ނިމުމަކަށް ގެނައި ނަމަވެސް ޗެމްޕިއަންކަން އެއްވެސް ޓީމަކަށް ދީފައެއް ނުވެއެވެ.