Last Updated: April 18, 17:42
Thursday, April 18, 2024
ދީން

ރޯދަމަހު ކައިވެނި ކުރުމަކީ ހުއްދަކަމެއް ތޯ؟

ރޯދަމަހު ކައިވެނިކުރަން ވިސްނާފައިވާ ބައެއް ބޭފުޅުން ދޭތެރެ ދޭތެރެއިން މިސުވާލުކުރެއެވެ. ރޯދަމަހު ކައިވެނި ކުރުމަކީ ހުއްދަކަމެއްތޯ؟

މިސުވާލުގެ ޖަވާބަށް އެނބުރިލާއިރު ދަންވަންޖެހޭނީ ޝަރީޢަތުގައި ރަމަޟާން މަސް ވިޔަސް އަދި އެނޫން މަހެއްގައި ވިޔަސް ކައިވެނި ކުރުން ނަހީވެގެންވާ މަހެއްނުއެވެ. އަދި ރަމަޟާން މަސް އޭގެ ޒާތުގައި ކައިވެނިކުރުމަށް މަނާކުރާ އެއްވެސް ދަލީލެއް އައިސްފައިނެތެވެ.

އެހެނީ ކައިވެންޏަކީ އަހަރުތެރޭގައި އެބަޔަކު ބޭނުންވާ ކޮންމެ ދުވަހެއްގައި ކުރުން ޖާއިޒްވެގެންވާ ކަމެކެވެ.

ނަމެވެސް މިކަމުގައި ވިސްނާލަންޖެހޭ ދެތިން ނުކުތާއެއް އެބައޮތެވެ.

ފުރަތަމަކަމަކީ: ރޯދަމަހު ރޯދަވެރިޔާ އެވަނީ ފަޖްރުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސެންދެން ކެއުމާއި ބުއިމާއި ޖިމާޢުވުމާއި އަދި އެނޫންވެސް ރޯދަގެއްލޭ އެންމެހައި ކަންކަމުން ދުރުހެލިވެގެންނެވެ.

ވީމާ ކައިވެނިކުރަން އުޅޭމީހާއަކީ ރޯދަމަހުގެ ރޯދައަށްހުރެ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވޭ، އަދި އޭނާ ހިފައިގެން ހުރި ރޯދައަށް ފާސަދަ ވިޔަނުދީ ފުރިހަމައަށް ރައްކާތެރިވެވޭ ފަދަ މީހެއް ނަމަ ރަމަޟާން މަހުގައި ކައިވެނި ކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ.

ދެވަނަކަމަކީ: ރޯދަ މަސް ތެރޭގައި އަލަތު ކައިވެނި ކުރާ ބައެއް މީހުން ކެތްތެރިކަން ނެތިގޮސް ރޯދަމަހުގެ ދުވާލު ރޯދަ ހުރެ ކުރުން ޙަރާމް ކުރައްވާފައިވާ ދެމަފިރިކަމުގެ ގުޅުން ހިނގައި، ބަރާކާތްތެރި ރޯދަމަހުގެ ރޯދައިގެ ޙުރުމަތް ކަނޑާލައެވެ. މިކަމުގެ ސަބަބުން ބޮޑު ފާފައަކަށް އަރައިގަނެވި ހިފައިގެން ހުރި ރޯދަ ގެއްލިގެން ދެއެވެ. އަދި ޝަރީޢަތުގައި މިކަމުގެ ކައްފާރާވެސް އެހާމެ ބޮޑެވެ. އެއީ ގެއްލުނު ރޯދަ ޤަޟާކުރުމާއެކު އަޅަކު މިންވަން ކުރެމުވެ.

އެއީ މިޒަމާނުގައި ކުރަން ފަސޭހަކަމެއް ނޫނެވެ. ދެން މިޖެހެނީ ދެމަސް ދުވަހު ޖައްސަޖައްސައިގެން ރޯދަ ހިފާށެވެ. އެކަމަށް ކުޅަދާވެގެން ނުވާމީހާ ޖެހެނީ ފަސްދޮޅަސް މިސްކީނުންނަށް ކާން ދޭށެވެ. އަދި ރޯދަމަހުގެ ދުވާލު އެކި ދުވަސްމަތިން ރޯދައަށްތިބެ ޖިމާޢުވެއްޖެނަމަ އެގެއްލުވާލި ކޮންމެ ރޯދައަކަށް ކައްފާރާ ދޭންޖެހޭނެއެވެ.

މިމައްސަލައިގެ ތެރޭފައި ޢިލްމުވެރިން އިއްތިފާޤުވާ ކަމެއްވެއެވެ. އެއީ އަނބިމީހާގެ ނުރުހުމުގައި އޭނާއާއި ޖިމާޢުވެއްޖެ ޙާލަތުގައި އަނބިމީހާގެ އެއްވެސް ކުށެއްނެތެވެ. އަދި އަނބިމީހާ ކައްފާރާ ދޭކަށްވެސް ނުޖެހޭނެއެވެ.

ރޯދަމަހުގެ ރޭގަނޑު ގަޑީގައި ދެމަފިރިކަމުގެ ގުޅުން ހިނގުމަކީ ހުއްދަވެގެންވާ ކަމަކެވެ.

މާތް ﷲ ވަޙީ ކުރައްވަނީ ( أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَى نِسَائِكُمْ ) މާނައަކީ:

" ރޯދައިގެ ރޭގަނޑު ތިޔަބައިމީހުންގެ އަނބިންގެ ގާތަށްގޮސް ރޭކުރުން ތިޔަބައިމީހުންނަށް ހުއްދަ ކުރައްވައިފިއެވެ. " ވީމާ މިކަމުގައި ބުއްދިވެރި ގޮތަކީ ރޯދަމަހުގެ ދުވާލު ރޯދައިގެ ޙުރުމަތް ކެނޑޭފަދަ ޢަމަލަކަށް އަރައިގަނެވިދާނެކަމުގެ ބިރު ހީވާމީހުން ރޯދަމަސް ނިމެންދެން ކައިވެނިކުރުން ފަސްކޮށްލުމެވެ. އަދި ރޯދަމަހުގެ ތެރޭގައި ވީހާވެސް ގިނައިން އަޅުކަންކޮށް ކީރިތި ޤުރުއާން ކިޔެވުމާއި ރޭއަޅުކަން ކުރުގައި ވަގުތު ހޭދަކުރުމެވެ .