Last Updated: April 25, 09:23
Thursday, April 25, 2024
ޚަބަރު

މަރުވި ބިދޭސީ މީހާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފައި

ޑރ. މޫސާ އަލީ: ފޮޓޯ / ސަން

ރާއްޖެއިން ކޮވިޑް19 ޖެހިގެން މިއަދު މަރުވި ބަންގްލަދޭޝް މީހާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ އަލީ ވިދާޅުވެއްޖެއެވެ.

މަރުވި ބިދޭސީ މީހާއަކީ ބަންގްލަދޭޝް ރައްޔިތެކެވެ. އެމީހާ އަކީ އުމުރުން 33 އަހަރުގެ މީހެކެވެ.

އެމީހާ މަރުވި ގޮތާއި ގުޅިގެން މިއަދު ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވާ އެމީހާ އަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ޑރ. މުހައްމަދު ފައިޝަން ވިދާޅުވީ އެމީހާ އަށް ސްޓްރޯކެއް ޖެހި ސިކުނޑިއަށް ލޭ އެޅިގެން ކަމަށެވެ.

އެމީހާ ޑޮކްޓަރަށް ދެއްކީ ފިޓު ޖެހިގެންނެވެ. ނަމަވެސް އައިޖީއެމްއެޗުގައި މިހާރު އޮންނަ އުސޫލުގެ ތެރެއިން އެމީހާ ކޮވިޑަށް ޓެސްޓުކުރީއެވެ. އެމީހާ ކޮވިޑް އަށް ޓެސްޓު ކުރުމުން ވަނީ ޕޮޒިޓިވްވެފައެވެ.

އެމީހާ މަރުވީ ސިކުނޑިއަށް ލޭ އެޅި ވެންޓިލޭޓަރުގައި އޮވެއެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ އަލީ ވިދާޅުވީ ދެ ފަހަރު ކާޑިއެކް އެރެސްޓަކަށްވެސް އެމީހާ ދިޔަ ކަމަށެވެ. ފައިޝަން ވިދާޅުވީ، އެ މީހާ އައިޖީއެމްއެޗުން ސީޓީ ސްކޭން ހެދިއިރު، އެ ސްކޭނުން ދައްކާގޮތުން ފުދޭވަރަކަށް ބޮޑުކޮށް އޭނާގެ ސިކުނޑިއަށް ލޭ އަރާފައިވާ ކަމަށެވެ.

"ސީޓީ ސްކޭން ހެދި އިރު ފުދޭވަރަކަށް ސިކުނޑި އަށް ލޭ އެޅިފައި ހުރި. ބޮޑަށް ބެލެވެނީ ލޭ ނާރެއް ފަޅައިގެން ދިޔައީ ކަމަށް. ކުރިން ވެސް ހުރި ބައްޔެއް ކަމަށް ބެލެވެނީ. ޓިއުމަރެއް ނުވަތަ ކެންސަރާ ގުޅުން ހުރި ކަަމަކަށް ވެސް ވެދާނެ. ކޮވިޑްގައި އެބަހުރި ލޭހޮޅިތަކަށް ވެސް އަސަރުކޮށްފައި" ފައިޝަން ވިދާޅުވިއެވެ.

އެމިހާ މަރުވިކަން ބަންގްލަދޭޝް އެމްބަސީ އަށް މިހާރު އަންގާފައިވާއިރު، އެމީހާގެ އާއިލާއިން ވަނީ ރާއްޖޭގައި ވަޅުލާން އެދިފައެވެ.