Last Updated: April 26, 06:56
Friday, April 26, 2024
މުނިފޫހިފިލުވުން

ހަގީގީ ކާމިޔާބު ލިބެން އޮތީ މިޔުޒިކާއި ދުރަށް ދިޔުމުން

ހަގީގީ ކާމިޔާބާއި، ފޮނިކަމާއި އަރާމު ލިބެން އޮތީ މިޔުޒިކާއި ދުރަށް ގޮސްގެން ކަމަށް، ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ މޯލްޑިވިއަން އައިޑޮލް އިން ތިންވަނަ ހޯދި އަދި ލަވަކިޔުން މިއަދު ހުއްޓާލިކަން އިއުލާންކުރި މުހައްމަދު އިޝާން ބުނެފިއެވެ.

ލަވަކިޔުން ހުއްޓާލުމަށްފަހު ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒަށް ދިން އިންޓަވިއުއެއްގައި އިޝާން ބުނީ މިއުޒިކު ކުޅުނީ ވަރަށް ކުރާ ހިތުން ކުރި ކަމެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ރޯދަ މަހެއްގައި މިސްކިތާއި ގާތްވި ހިސާބުން ހިތްހަމަޖެހުމެއް ލިބިފައި، އުނދަގޫތަކެއް އިހުސާސްކުރެވެން ފެށި ކަމަށެވެ.

ނަމަވެސް އެއީ މިއުޒިކު ކުޅެގެން އިހުސާސް ކުރެވެން ފެށި ނުތަނަވަސްކަމެއްކަން އޭރު ފާހަގަނުކުރެވޭ ކަމަށާއި ނަމަވެސް އެކަން ފާހަގަވާން ފެށީ އަޅުކަމާއި މިއުޒިކު ކުޅުން ވެސް އެއްވަރެއްގައި ހިފަހައްޓަން ފެށި ހިސާބުން ކަމަށްވެސް އިޝާން ބުންޏެވެ. އެގޮތުން އެ ނުތަނަވަސްކަން އިހުސާސް ކުރެވެނީ ޝޯ ކުޅެފައި އަންނަ ގަޑީގައިކަން ފާހަގަކުރެވުނު ކަމަށްވެސް އޭނާ ބުންޏެވެ.

"ރޯދަ މަހު އޭރު އުޅުނީ ރިސޯޓެއްގައި، އެތަނުގެ ހަމަ އިން ހައުސް ބޭންޑަކަށް. އޭރު ހެނދުނު ހޭލައިގެން ރޯދަ ވީއްލަންދެން ވަރަށް އުފާވެރި މޫޑެއްގައި މި ހުންނަނީ. އެކަމަކު ރޭގަނޑު ޝޯ ނިންމާފައި އެބަ އާދޭ ހިތްނުތަނަވަސްކަމެއް. މިއުޒިކް ކުޅުމަކީ ހިތްނުތަނަވަސްކަމެކޭ މީހުން ބުނާ ބުނުން ބޮލަށް ނަގަން ފެށުމުން އެއީ ހަމަ ރަނގަޅު ވާހަކައެއްކަން އެނގުނު" އިޝާން ބުންޏެވެ.

އިޝާން ބުނީ މިއުޒިކުގެ ދާއިރާ އަށް ދިން ވަރުގެ އަހައްމިއްޔަތު ކަމެއް ދީނީ ކަންކަމަށް ވެސް ފަހުން ދޭން ފެށި ކަމަށާއި އެހާ ހިސާބުން ވަރަށް ގިނަ ކަންކަން އެނގިގެންދިޔަ ކަމަށެވެ.

"ވާނުވާ އެނގުނީމަ މި އިނގެނީ މީ އާދައިގެ ކަމެއް ނޫންކަން. ދުނިޔެ މީ ބޭނުންހާ ގޮތަކަށް އުޅެފައި ދާން އޮތް ތަނެއް ނޫންކަން. އެ ހިސާބުން މިއުޒިކު ކުޅުން ދޫކޮށްލުން މާބޮޑު ތަކުލީފަކަށް ނުވި" އިޝާން ބުންޏެވެ.

މިއުޒިކް ކުޅުން ހުއްޓާލަން ނިންމީ އަލްބަމެއް ހެދުމުގެ މަސައްކަތެއްގައި ވަރަށް ގަދަޔަށް ހިފާލައިގެން އުޅުނު ދުވަސްވަރެއްގައި ކަމަށާއި އެކަން ފުރިހަމަ ނުކުރެވުމުން އުފާކުރާ ކަމަށްވެސް އިޝާން ބުންޏެވެ. އަދި މިޔުޒިކު ކުޅުން ހުއްޓާލުމަކީ އުނދަގޫ ކަމެއް ކަމަށާއި އެކަން ކުރެވޭނީ ވަރަށް ގަދައަށް މަސައްކަތްކޮށްގެން ކަމަށްވެސް އޭނާ ބުންޏެވެ.

"ހަގީގީ ކާމިޔާބީ އާއި ފޮނިކަމާއި، އަރާމު ލިބެން އޮތީ އަސްލު މިއުޒިކު ކުޅުން ދޫކޮށްލައިފިއްޔާ" އިޝާން ބުންޏެވެ.