Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ފްރާންސުގައި ކޯވިޑް-19 ޑިސެމްބަރުގައިވެސް އޮތްކަން ހާމަ ވެއްޖެ

ފޮޓޯ: ބީބީސީ

ޑިސެމްބަރ 27 ވަނަ ދުވަހު ނިއުމޯނިއާ އަށް ޝައްކު ކުރެވިގެން ޕެރިސް ކައިރީގައި ހުރި ހޮސްޕިޓަލަކުން ފަރުވާ ދެވުނު މީހާއަށް ހަޤީޤަތުގައި ޖެހިފައި ހުރީ ކޮރޯނާވައިރަސް ކަމުގައި ޑޮކްޓަރަކު ބުނެފިއެވެ.

އެގޮތުން އިވިޗެން ޖީން-ވަރޑިއެރ ހޮސްޕިޓަލްސްގެ ޑރ.ޔްވެސް ކޯހެން އާއި ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު މަހުގައި ފަރުވާ ދެވުނު މި ބަލިމީހާގެ ސާމްޕަލް މިފަހުން ޓެސްޓު ކުރެވި، ނަތީޖާއައުމުން، އެ ސާމްޕަލް ކޯވިޑް-19 އަށް ޕޮސިޓިވް ކަން ކަށަވަރުކުރެވޭ ކަމަށެވެ.

އެފަހުން މިހާރު ބަލިން ރަނގަޅުވެފައިވާ އެ މީހާ ބުނާ ގޮތުން އޭނާއަށް ބަލި ޖެހުނު ގޮތެއް އެއްގޮތަކަށްވެސް ނޭނގޭ ކަމަށާއި، އޭނާ ޤައުމުން ބޭރަށްވެސް ދަތުރުކޮށްފައި ނުވާކަމަށެވެ. އެހެން ކަމުން މި ވައިރަސް ފެތުރުނު ގޮތް ދެނެގަތުމަށް، އެންމެ ފުރަތަމަ ބަލި ޖެހުނު މީހާ ދެނެގަތުމަކީ މުހިންމު ކަމެކެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާ ގޮތުން ކުރިން ރިޕޯޓު ކުރެވުނު ވަރަށް ވުރެ ކުރިން ކޯވިޑް-19 މީހުންނަށް ޖެހިފައިވާ ކަމުގެ ރިޕޯޓުތަށް އައުން އެކަށީގެންވާކަމަށެވެ. އަދި ސްޕޯކްސްމަން ކްރިސްޓިއަން ލިންޑްމެއިއަރ ވަނީ މި ބަލި ފެތުރުނު ގޮތާއި ބެހޭގޮތުން އިތުރަށް ދެނެގަތުމުގެ ގޮތުން މިފަދަ ކޭސްތަކުގެ ރިކޯޑުތައް ބެލުމަށް ޤައުމުތަކަށް ގޮވާލާފައެވެ.

ފްރާންސުން މިކަން ހާމަވެފައިވާ އިރު، އެމެރިކާގެ ކެލެފޯނިއާާގައި ކުރިއަށް ގެންދެވުނު ޕޯސްޓް މޯޓަމަކުންވެސް ވަނީ ކުރިން ޤަބޫލު ކުރެވުނު ތާރީޚަށްވުރެ އެއް މަސް ދުވަސް ކުރިން ކޯވިޑް-19 އާއި ގުޅިގެން މީހަކު މަރުވެފައިވާ ކަން ހާމަވެފައެވެ.

މަސްދަރު: ބީބީސީ