Last Updated: May 10, 06:02
Friday, May 10, 2024
ވިޔަފާރި

ރިކަވަރީ ސްކީމްގެ ދަށުން 45 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން 45 މިލިއަން ރުފިޔާގެ ލޯނު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މިހާތަނަށް ބޭންކުން އިވެލުއޭޓް ކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އިން އެޕްރޫވްކޮށްފައިވާ ލޯނުތަކުގެ ތެރެއިން 63 ލޯނާ ގުޅޭ ލިޔުންތައް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޮނުވާފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ބޭންކަށް އަނބުރާ ލިޔުން ފޮނުވާފައިވާ ކަސްޓަމަރުންގެ ތެެެރެއިން 34 ކަސްޓަމަރަކަށް 45 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ދޫކުރެވިފައިވާ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

ލޯނަށް ފައިސާ ދޫކުރުމުގެ މަރުހަލާ ނިމޭނީ ކަސްޓަމަރުން ބޭންކަށް އަނބުރާ ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުމުންކަމަށްވުމާއެކު، ކަސްޓަމަރުން ވިހާވެސް އަވަހަކަށް މި ލިޔުންތައް ފޮނުވުމަށް ބޭންކުން އިލްތިމާސްކުރެއެވެ.

މިއީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު %6 އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިންގ އެކެވެ. މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ 3 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ.

މި މުއްދަތުގައި ގައި ވެސް ބޭންކުން ދަނީ ކުރިއެކޭ އެއްގޮތަށް ލޯނާއި ފައިނޭންސިންގ ފެސިލިޓީތައް ދޫކުރަމުންނެވެ. އަދި ކަސްޓަމަރުންނަށް ބޭންކުން ދޫކުރާ ލޯނު އަދި ފައިނޭންސިންގ ފެސިލިޓީތަކުގެ އިތުރުން ރިކަވަރީ ސްކީމަށް އެދި ހުށަޅޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ޚިދުމަތްތަކަށް ބަދަލުތައް ގެންނަމުންނެވެ. މިގޮތުން، ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތައް 6 މަސް ދުވަހަށް ފަސްކޮށްދިނުމާއި، ރާއްޖޭ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތްވެސް ވަނީ މަގުފަހިކޮށްދީފައެވެ.

އަދި ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާޖުކުރުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދުވެސް ބޭންކުން ވަނީ އިތުރުކޮށްފިއެވެ.