Last Updated: April 26, 23:59
Friday, April 26, 2024
ދީން

މީހެއްގެ ހައްޤަކަށްވަނީ އަރައިގަނެވިފައި! އެކަމަކު މާފެއް ނުކުރި! ދެން ވާނީ ކިހިނެއް؟

ދުނިޔެމަތީގައި އިންސާނާއަށް ކުރެވިފައިވާ ފާފަތަކުން ތައުބާވާއިރު، އާދަމުގެ ދަރިއެއްގެ ޙައްޤަކަށް އަރައިގަނެފައިވާނަމަ އެޙައްޤު ދުނިޔެމަތީގައި އަދާކޮށް އެކަމުން ޚަލާޞްވެގަތުމީ ތައުބާގެ ޝަރުޠުތަކުގެ ތެރޭގައި ޢިލްމުވެރިން ބަޔާން ކުރައްވާ ކަމެކެވެ.

ނަމަވެސް މިކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރާ ބައެއް މީހުންނަށް ކުރިމަތިވާ ހުރަހަކީ ނުވަތަ ދަތިކަމަކީ އެފަދަމީހުން އެޙައްޤު ކަނޑައި ނުދީ އޭނާއަށް މާފް ނުކުރުމެވެ. މިޙާލަތުގައި ކިހިނިތްތޯ ހަދާނީ؟

އާދެ! ޝައްކެތް ނެތް ގޮތުގައި ތައުބާގެ ޝަރުޠު ތަކާއެކުވާ ތައުބާއަކީ ﷲ ގެ ޙަޟްރަތުގައި ޤަބޫލުވެގެންދާނެ ތައުބާއެކެވެ. ތައުބާގެ ޝަރުޠުތަކުގެ ތެރޭގައި ޢިލްމުވެރިން ބަޔާންކުރައްވާ ޝަރުޠުތުތަކަކީ ވަޤުތުން ފާފަކުރުން ދޫކޮށްލުމާއި މާޒީވެދިޔަތަނާމެދު ދެރަވެ ހިތާމަކުރުން، އަދި (ފާފައަށް) އެނބުރި އިޢާދަ ނުވުމަށް އަޒުމުކަނޑައެޅުން، މިޝަރުޠުތަކަކީ ﷲ ގެ ޙައްޤުތަކާއި ގުޅިފައިވާ ކަންކަމުން ތައުބާވުމަށް ފުރިހަމަ ވާންޖެހޭ ޝަރުޠުތަކެވެ.

އަދި މަޚްލޫޤުންގެ ޙައްޤުތަކާއި ގުޅިފައިވާ ކަމެއްނަމަ ޢިލްމުވެރިން 4 ވަނަ ޝުރުޠެއް އިތުރުކުރައްވައެވެ. އެއީ އޭނާ އަނިޔާ ދިން މީހުންގެ ޙައްޤުތައް އަދާކޮށް އެބައިމީހުންގެ ކިބައިން މާފުލިބިގަތުން މިއެވެ.

ދުނިޔެމަތީގައި މީހެއްގެ ޙައްޤަކަށް އަރައިގަނެފައިވާނަމަ އެޙައްޤު އޭގެ ވެރިފަރާތަށް އަދާކޮށް ދޭން ޖެހޭނެއެވެ. އެއީ ރުފިޔާ ފައިސާ ނުވަތަ މުދަލެއްނަމަ ނަމަ އެރައްދުކޮށްދޭންޖެހޭނެއެވެ. ޤަޒްފެއްކޮށް ފައިވާނަމަ މާފަށް އެދެންޖެހޭނެއެވެ. ޣީބަ ބުނެފައިވާނަމަ އަނެކާގެ ހިތް ޙައްލާލު ހޯދަންޖެހޭނެއެވެ.

އެހެނީ މިއިން ކަމެއް ނުކޮށް ހުއްޓައި މާދަން މަރުވެއްޖެނަމަ ޤިޔާމަތް ދުވަހުން މިކަމުގެ ބަދަލު ދޭންޖެހޭނީ ތިމާކޮށްފައިވާ ހެޔޮ ޢަމަލުންނެވެ.
މީހެއްގެ އަތުން ވައްކަން ކޮށްގެން ހޯދި މުދަލެއްނަމަ އެކަން އޭނައަށް އެނގުމުން މަސްލަޙަތު ގޯސްވެދާނެކަމަށް ހީވާނަމަ އެހެން މީހަކު މެދުވެރިކޮށްގެންވިޔަސް އެމުދާ އޭނާއަށް ރައްދުކޮށްދޭން ޖެހޭނެއެވެ.

އަދި މިޒަމާނުގައި ފައިސާ ޓްރާންސްފާވެސް ކޮށްލެވިދާނެއެވެ. އެފައިސާ އޭނަ ޤަބޫލުކުރަން ދެކޮޅު ހަދާނަމަ ކާކުކަން ނޭގޭ ގޮތަށް އެފައިސާ އޭނާއަށް ރައްދުކޮށްދެވިދާނެއެވެ. މުހިންމު ކަމަކީ ކޮންމެ ޙާލަތެއްގައިވެސް އެލާރި އޭނާއަށް ރައްދުކޮށް ދިނުމެވެ.

ހަމަ އެގޮތަށް މިހަކާއި މެދު ޣީބަ ބުނެފައިވާ މީހާވެސް އޭނަގެ ކިބައިން ރިވެތިގޮތުގައި މާފަށް އެދެންޖެހޭނެއެވެ.

އެމީހާއަށް ހެޔޮށް ހިތައި ހަދިޔާ ދީހަދާށެވެ. މާލީގޮތުން އެހީތެރިވާށެވެ.

ސީދާ ސީދަލަށް އޭނާއާއި އެވާހަކަ ދެއްކުމުން މަސްލަހަތު ގެއްލިދާނެކަމަށް ޤަބޫލު ކުރެވޭނަމަ ނުވަތަ ދެމީހުންގެ ގުޅުން އިތުރަށް ގޯސްވެ ހަމަނުޖެހުން އުފެދިދާނެކަމަށް ފެންނަ ނަމަ، ގިނަ ގިނައިން އިސްތިޣްފާރުކުރާށެވެ. އަދި ތިމާގެ އަޚާއަށް ހެޔޮދުޢާކުރާށެވެ. އަދި ތިބާ އޭނާގެ ނެތި ނުބައި ވާހަކަ ދެއްކި މަޖްލީސްތަކުގައި އޭނާގެ ހެޔޮ ކަންކަމުގެ ވާހަކަ ދައްކާށެވެ. މިއީ ޣީބައިގެ ކައްފާރާއެއްގޮތުން ކުރެވިދާނެ ކަންމުގެ ގޮތުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ބައެއް ކަންކަމެވެ.