Last Updated: April 20, 07:18
Saturday, April 20, 2024
ވިޔަފާރި

މިދިޔަ މަހުގެ ނިޔަލަށް 12 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި

އެމްޕީއެލް ބަނދަރު ސަރަހައްދު ފޮޓޯ: އެމްޕީއެލް

މިދިޔަ މަހުގެ ނިޔަލަށް 12 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ދަތުރުފަތުރު ކުރުމަށް ކޮންމެވެސް ވަރެއްގެ ހީނަރުކަމެއް އައިސްފައިވާ ކަމަށާއި ނަމަވެސް މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އަށް 12 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރެވިފައިވާ ކަމަށެވެ.

އަދި މިތަކެތިން އިމްޕޯޓު ޑިއުޓީގެ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ މިންވަރު ދަށްކަމަށް ބެލެވުނު ނަމަވެސް އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އިމްޕޯޓު ޑިއުޓީ ފާއިތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ އެއްވަރަކަށް ހިފެހެއްޓި އަދި ބައެއް ބާވަތްތަކުން އިތުރުވެފައިވާކަން ވެސް ޝަރީފު ފާހަގަކުރެއްވިއެވެ.

އެގޮތުން މިކަހަލަ ދުވަސްވަރެއްގައި އެންމެ ބޮޑަށް ބޭނުންވާނީ ކާޑުގެ ބާވަތްތައް ކަމަށާއި، މިހާތަނަށް އެތެރެކުރެވުނު ކާޑުގެ ބާވަތްތައް އެތެރެކުރެވުނު މިންވަރު 45 އިންސައްތަ އިތުރުވެފައި ވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި ޕެޓްރޯލާއި ޑީސެލް އިމްޕޯޓުކޮށްފައިވާއިރު މިންވަރުވެސް ހަ އިންސައްތަ އިތުރުވެފައިވާއިރު، ބިސް އިމްޕޯޓް ކޮށްފައިވާ މިންވަރު ފަސް އިންސައްތަ އިތުރުވެފައިވާ ވެސް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން އިމްޕޯޓު އެންމެ ދަށްވެފައިވާ ތަކެތީގެ ތެރޭގައި ރަލާއި އޫރުމަސް ހިމެނޭއިރު، މި ތަކެތީގެ އިމްޕޯޓު ދަށްވެފައިވަނީ ފަތުރުވެރިކަމާ ގުޅުންހުރި ތަންތަން މި ދުވަސްވަރު ބަންދުކޮށްފައިވާތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.