Last Updated: May 19, 16:57
Sunday, May 19, 2024
ޚަބަރު

މި ހާލަތުން އަރައިގަތުމަށް ސަރުކާރާއެކު މަސައްކަތް ކުރާނަން: ޖަމިއްޔާތައް

ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ޓޫރިޒަމް އިންޑަސްޓްރީ އޮތީ ސަރުކާރާއެކު މަސައްކަތް ކުރަން ތައްޔާރަށް ކަމަށް އެ އިންޑަސްޓްރީގެ ޖަމިއްޔާތަކުން ބުނެފިއެވެ.

ލޮކްޑައުންގެ ކުރިން ފެށިގެން ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ ހަރަކާތްތެރި ޖަމިއްޔާތައް ކަމަށްވާ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕޮރޭޓާސް (މަޓާޓޯ)، އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އާޓާ)، ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)، ޑައިވާސް އެސޯސިއޭޝަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑޭމް) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ދަނީ އެކުގައި ގުޅިގެން މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ލޮކްޑައުންގެ ކުރިން މިދިޔަ މާޗް މަހުގެ ކުރީކޮޅު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުރުން މީރާގެ ޓެކްސް ކޮމިޝަނަރާ އެ ޖަމިއްޔާތަކުން ވަނީ ބައްދަލުކޮށްްފައެވެ.

މިބައްދަލުވުންތަކުގައި މަޝްވަރާކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ޓޫރިޒަަމް އިންޑަސްޓްރީގެ ޖަމިއްޔާތަކުން ބުނީ، ސަރުކާރުން މިވަގުތައް ނެރެދެއްވާފައިވާ މޮރޮޓޯރިއަމާއި ރިލީފް ލޯނުތަކަކީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށެވެ. ނަމަވެސް މިރިލީފް ލޯނުތަކުގެ އަދަދުތަކާއި އެންޓައިޓްލްމަންޓްތައް ބަދަލުކުރުން ރަނގަޅު ކަމަށާއި އަދި ލޯނުތައް އަވަހަށް ލިބުމަކީ މުހިންމު ކަމެއްކަމަށް ވެސް އެ ޖަމިއްޔާތަކުން ފާހަގަކުރެއެވެ.

އެ ޖަމިއްޔާތަކުން ބުނީ ކުރިއަށް އޮތް ޖޫން ނުވަތަ ޖުލައި މަހުގެ ފަހުކޮޅު ރާއްޖެ ހުޅުވާލުމަށް ސަރުކާރުން ރޭވިޔަސް، މިހާރެކޭ އެއްފަދައިން ސަރުކާރާއެކުގައި މަސައްކަތް ކުރުމަށް ހުރިހާ އެސޯސިއޭޝަންތަކުން ތައްޔާރަށް އޮތް ކަމަށެވެ.

އެގޮތުން ހާލަތު އެނަލައިޒްކޮށް ކޮންމެ ދުވަހަކު ވެސް އިންޑަސްޓްރީ ބައްދަލުވުންތަކާއި މަޝްވަރާތައް ޑިޖިޓަލްކޮށް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި އަދި މިކަމަކީ ވަކި ފަންތިއެއް ގިންތިއެއް ތަފާތުނުވެ، މުޅި އިންޑަސްޓްރީ އެއްކޮށް މަސައްކަަތް ކުރުން މުހިންމު ވަގުތެއް ކަމަށް ވެސް އެ ޖަމިއްޔާތަކުން ބުނެއެވެ.

ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސޯދީ ހުރިހާ ކަމަކާ ގުޅިފައިވާ ސެގްމަންޓަކަށްވުމުން މިކަމުން އަރައިގަނެވޭނީ އެންމެން އެކުވެރިކަމާއެކުގައި މަޝްވަރާކޮށް، ޕްރިކޯޝަނަރީ މެޝާސްއާއެކު މިސިނާއަތް ހުޅުވާލެވި، ބޭރު ގައުމުތަކުން މީހުން އަންނަން ފެށުމުންކަން މި އިންޑަސްޓްރީގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކުން ދަންނަ ކަމަށްވެސް އެ ޖަމިއްޔާތަކުން ބުނެއެވެ.