Last Updated: April 26, 15:47
Friday, April 26, 2024
ކުޅިވަރު

ކޮވިޑް-19 އިން ޑިބާލާ ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވި ޔުވެންޓަސްގެ އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ ބަލިން ރަނގަޅުވެއްޖެއެވެ.

ޑިބާލާ ބައްޔަށް ޕޮޒިޓިވްވީ މިދިޔަ މާޗު މަހުގެ ފަހުކޮޅު ކަމަށްވާއިރު، ޔުވެންޓަސް އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑުން ރަނގަޅުވިކަން ކަށަވަރުކުރުމަށް ހެދި ދެ ޓެސްޓުގެ ނަތީޖާ ވެސް ނެގެޓިވް ވެފައިވާ ކަމަށެވެ.

ޑިބާލާގެ އިތުރުން ޔުވެންޓަސްގެ ޒުވާން ޑިފެންޑަރު ރުގާނީ އާއި މިޑްފީލްޑަރު މަޓުއިޑީ ވެސް މީގެކުރިން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އެ ދެ ކުޅުންތެރިން ވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

އިޓަލީގެ ސަރުކާރުގެ ހުއްދައާއެކު އެގައުމުގެ ކްލަބުތަކުން މި ހަފްތާތެރޭ ފަރިތަކުރުންތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މިވަގުތު ފަރިތަކުރުންތައް ކުރިއަށް ގެންދާނީ ކުޅުންތެރިން ވަކިވަކިންނެވެ. އަދި ގްރޫޕް ފަރިތަކުރުންތައް ކުރިއަށްގެންދަން ނިންމާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

އިޓާލިއަން ލީގުގެ ބާކީ އޮތްބައި ފެށުމަށް ހުރިހާ ކްލަބުތަކަކުން ވެސް ތާއީދުކުރާއިރު، އަންނަ މަހުގެ ތެރޭގައި އެ ލީގު އަލުން ފެށޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އިޓާލިއަން ލީގުގެ ކުޅުން ވަނީ މާޗު މަހުން ފެށިގެން މެދުކަނޑާލާފައެވެ.