Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ކޮވިޑް-19: ޕެންޑެމިކް ތެރޭގައި 116 މިލިއަން ކުދިން އުފަންވާނެ: ޔުނިސެފް

Photo: Unicef

ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް (ޔުނިސެފް) އިން ލަފާކުރާ ގޮތުގައި ކޯވިޑް-19 ޕެންޑެމިކް ތެރޭގައި 116 މިލިއަން ކުދިން ދުނިޔެއަށް އުފަންވާނެއެވެ. މިކުދިން އުފަންވާނެ ކަމަށް ލަފާކުރެވެނީ 11 މާރިޗުގައި ޕެންޑެމިކެއްގެ ދަރަޖަ ދެވުނު ކޯވިޑް-19ގެ ޕެންޑެމިކަށް 40 ހަފްތާ ފުރޭ ދުވަހާއި ހަމައަށެވެ.

ނަމަވެސް، ދުނިޔޭގެ އެތައް ހާސް ބަޔަކަށް ކޯވިޑް-19 ޖެހި، އެތައް ބަޔަކު މަރުވަމުން ދާއިރު، ދުނިޔޭގެ ހުރިހާ ޤައުމެއްގެ ސިއްޙީ ނިޒާމުވަށްވެސް މިވަނީ ވަރަށް ބާރު ބޮޑުވެ، ވިއްސުމާއި އަލަށް އުފަންވާ ތުއްތު ކުދިންނަށް ފަރުވާ ކުރުމުގެ ތަމްރީނު ލިބިފައިވާ ގިނަ ސިއްޙީ މަސައްކަތްތެރިންވެސް ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ޚާއްސަ ކުރެވިފައެވެ.

މީގެ އިތުރުން ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާ ލޮކްޑައުންއާއި، ކަރފިއުފަދަ ފިޔަވަޅުތަކާއި، އޭގެ ނަތީޖާއެއްގެ ގޮތުން އަންނަ ޚާއްސަ ސިއްޙީ ސާމާނު ލިބުންދަތިވުމުގެ ސަބަބުން އަލަށް އުފަންވާ ކުދިންނާއި އެކުދިންގެ މަންމައިންނަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށްވެސް ޔުނިސެފުން ލަފާކުރެއެވެ.

"އެތައް މިލިއަން މައިންނެއް އެމީހުން މައިންނަށް ވުމުގެ ދުވަސްތައް ގުނަން ފެށީ ދުނިޔެ އޭރު އޮތް ގޮތަށް އޮތް އިރު. ނަމަވެސް މިހާރު އެމައިންނަށްވަނީ ދުނިޔެ މިހާރު މިއޮތް ހާލަތުގައި އާ ދިރުމެއް ދުނިޔެއަށް ގެނައުމަށް ތައްޔާރުވާން މަޖުބޫރުވެފައި. އެ ދުނިޔެއަކީ ބަލި ޖެހިދާނެ ކަމުގެ ބިރަށްޓަކައި މައިން ސިއްޙީ ފަރުވާދޭ ތަންތަނަށް ޖެހިލުންވާނެ ދުނިޔެއެއް. އަދި ބާރު ބޮޑުވެފައިވާ ސިއްޙީ ނިޒާމާއި ލޮކްޑައުންތަކުގެ ސަބަބުން ބޭނުން ޖެހޭ ކުއްލި ފަރުވާ ލިބުމުން މަހުރޫމުވެސް ވެދާނެ ދުނިޔެއެއް. ކޮރޯނާވައިރަސް މަންމައަކަށްވުމުގެ ތަޖުރިބާ ބަދަލުކޮށްލާފައިވާ ގޮތް ހިތަށް ގެންނަންވެސް އުނދަގޫ." ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ހެންރިއެޓާ ފޯރ ބުންޏެވެ.

ދުނިޔޭގެ 128 ޤައުމެއްގައި ފާހަގަ ކުރާ ބައިނަލްްއަޤުވާމީ މަންމައިންގެ ދުވަހުގެ ކުރިއަށް ޔުނިސެފުން ވަނީ ކޯވިޑް-19 އާއި ގުޅިގެން ބަލި ފެތުރުން ހުއްޓުވުމަށް އަޅަން ޖެހިފައިވާ ފިޔަވަޅުތަކުގެ ސަބަބުން، މުހިންމު ފަރުވާތައް ލިބުމުގައި އަރާ ބުރޫތަކުގެ ސަބަބުން އަލަަށް ވިހާ އެތައް ކުދިންނާއި އެކުދިންގެ މައިން ނުރައްކަލަށް ހުށައެޅުމުގެ ފުރުސަތު ބޮޑުކަމުގައެވެ.

ޕެންޑަމިކް އިއުލާން ކުރިފަހުން އަންނަ ނުވަ މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ ކުދިން އުފަން ވާނެ ކަމަށް ބެލެވޭ ޤައުމުތަކަކީ، އިންޑިއާ (20.1 މިލިއަން)، ޗައިނާ (13.5 މިލިއަން)، ނައިޖީރިއާ (6.4 މިލިއަން)، ޕާކިސްތާން (5 މިލިއަން) އަދި އިންޑޮނޭޝިއާ (4 މިލިއަން) އެވެ. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، ކޯވިޑް-19 އާއި ގުޅިގެން ސިއްޙީ ނިޒާމަށް ބާރު ބޮޑުވުމުގެ ކުރިންވެސް މިޤައުމުތަކަކީ އުފަންވުމުގައި ތުއްތު ކުދިން މަރުވާ ނިސްބަތް މަތި ޤައުމުތަކެއް ކަމެވެ. އަދި މިނިސްބަތް ކޯވިޑް-19 އާއި ގުޅިގެން މައްޗަށް ދިޔުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ނަމަވެސް މިކަމުގެ ސަބަބުން، ފަޤީރު ޤައުމުތަކުގެ އިތުރުން މުއްސަނދި ޤައުމުތަކަށްވެސް މިކަމުގެ އަސަރު ކުރާނެކަމަށް ލަފާކުރެވެއެވެ. އެގޮތުން 11 މާރިޗާއި 16 ޑިސެމްބަރާއި ދެމެދު އެމެރިކާގައިވެސް 3.3 މިލިއަން ކުދިން ވިހާނެ ކަމަށް އަންދާޒާ ކުރެވޭއިރު، ބަލި ޖެހިދާނެ ކަމުގެ ބިރަށް އެތައް މާބަނޑު އަންހެނުންނެއް ހޮސްޕިޓަލަށް ވިހަން ބިރުގަތުމުގެ ސަބަބުން، އިދާރާތަކުން ދަނީ 'އަލްޓަނޭޓިވް ބަރތިންގ ސެންޓަރ' ނުވަތަ ހޮސްޕިޓަލް ނޫން ނަމަވެސް ވިހެއުމަށް ޚާއްސަ ކުރެވޭ ސެންޓަރުތަކަށް ބަލަމުންނެވެ.

ކޯވިޑް-19 ޖެހިގެން މާބަނޑު އަންހެނުންނަށް ކުރާ އަސަރު ވަކި އިތުރު ނުވިނަމަވެސް، ޔުނިސެފުންވަނީ ޤައުމުތަކުގައި މާބަނޑުއިރު، ވެހުއުމުގަ، އަދި ވިހެއުމުގެ ފަހުން ބޭނުންވާ ފަރުވާ ލިބޭނެގޮތް ވީހާވެސް ރަނގަޅަށް ހަމަޖެއްސުމަށް ޤައުމުތަކަށް ގޮވާލާފައެވެ. ހަމަ މިގޮތަށް އަލަށް އުފަންވާ ކުދިންގެ ތެރެއިން ސިއްޙީ މައްސަލަ ހުންނަ ކުދިންނަށް ކުއްލި ޚާއްސަ ފަރުވާ ލިބޭނެ ގޮތް ހެދުމާއި، އާ އާއިލާތަކަށް ގާތުން ދިނުމާއި، ބޭހާއި، ވެކްސިނާއި، ދަރިފުޅުގެ ދުޅަހެޔޮކަމަށް ބޭނުންވާ ކާނާގެ މަޢުލޫމާތުވެސް ފޯރޮށް ދިނުން މުހިންމު ކަންވެސް އެ ޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވަ މަންމައިންގެ ނަމުގައި ފުރާނަތައް ސަލާމަތް ކުރުމުގެ ގޮތުން ޔުނިސެފުން ވަނީ އަންނަނިވިކަންތައް ހަމަޖެއްސުމަށް ސަރުކާރުތަކާއި ސިއްޙީ ފަރުވާދޭ ތަންތަނަށް ގޮވާލާފައެވެ:

– ވިހެއުމުގެ ކުރިން ބޭނުންވާ ޗެކަޕްތަކާއި، ތަމްރީނު ލިބިފައިވާ ފަރާތްތަކުގެ ރަނގަޅު ވިހެއުމުގެ އިންތިޒާމުތަކާއި، ވިހެއުމުގެ ފަހުން ބޭނުން ޖެހޭނެ ޚިދުމަތްތަކުގެ އިތުރުން، ބޭނުން ޖެހިއްޖެ ހާލަތެއްގައި ކޯވިޑް-19އަށްވެސް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން
– މި ޕެންޑެމިކް ތެރޭގައި މައިންނާއި އަލަށް އުފަންވާ ކުދިންނަށް ބޭނުންވާ ފަރުވާ އެންމެ އެކަށޭނެ ގޮތެއްގައި ދެވޭނެހެން، ސިއްޙީ ޚިދުމަތްތެރިންނަށް ބޭނުންވާ ޕަރސަނަލް ޕްރޮޓެކްޓިވް އެކުއިޕްމެންޓް ފަދަ ސަލާމަތީ އެންމެހާ އާލާތްތަކާއި، ޓެސްޓު ކުރުމުގައި ޚާއްސަ އިސްކަމާއި، ވެކްސިނެއް އުފެދިއްޖެ ނަމަ، ވެކްސިން ދިނުމުގެ ކަންކަން ހަމަޖެއްސުން.
– ވިހެއުމާއި، ވިހެއުމުގެ ފަހުން، އިންފެކްޝަން ފެތުރުން ހުއްޓުވުމާއި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅެއް އެޅުން.
– ސިއްޙީ ހިދުމަތްތެރިންނަށް ގޭގެއަށް ޒިޔާރަތްކޮށްގެން މާބަނޑު އަންހެނުންނާއި ގުޅޭނެ ގޮތް ހަމަޖެއްސުމާއި، ދުރު ހިސާބުތަކުގައި އުޅޭ މާބަނޑު އަންހެނުް މެޓަރނަލް ވެއިޓިނގް ހޯމްތަކުގައި މަޑުކުރުމަށް އިރުޝާދު ދިނުމާއި ޓެލެކޮންސަލްޓޭޝަނަށް އެކި ކަހަލަ މޮބައިލް އުކުޅުތައް ގެންގުޅުން.
– ސިއްޙީ ފަރުވާދޭ ސެންޓަރުތައް ބަންދުކޮށްފައިވާ ހާލަތެއްގައި ގޭގައި ވިއްސުމުގެ ކަންކަން ހަމަޖެއްސޭނެހެން ސާފު ވިއްސާ ކިޓުތައް ލިބޭނެ ގޮތް ހަމަޖައްސައި، އެކަމަށް މަސައްކަތްތެރިން ތަމްރީނުކޮށް، ރައްކާތެރި ކުރުން.
– މައިމީހާ އާއި ތުއްތު ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާނެ ސާމާނާއި ވަސީލަތްތައް ކަނޑައެޅުން.

ކޯވިޑް-19ގެ ކުރިންވެސް ހައްލުކުރެވިދާނެ ސަބަބުތަކާއި ހުރެވެސް ކޮންމެ 11 ސިކުންތަކުން މަޔަކު ނުވަތަ އަލަށް އުފަންވާ ކުއްޖަކު މަރުވެއެވެ. އެހެންކަމުން ކޯވިޑް-19ގެ މިދަނޑިވަޅުގައި ހޮސްޕިޓަލްތަކަށް ދިޔުމަށް މާބަނޑު އަންހެނުން ޖެހިލުންވާނެކަން ދެނެގަނެ، ރައްކާތެރި ގޮތުގައި، ތަމްރީނު ލިބިފައިވާ އަތްމަތީގައި، ރައްކާތެރި ގޮތުގައި ވިހެއުމާއި، އެއާއި ގުޅިގެން އަންނަ އެންމެހާ ކަންކަން ކޮންމެ ޤައުމަކުންވެސް ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެކެވެ.

މަސްދަރު: ޔުނިސެފް