Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ޔުނިސެފް ގެ އިރުޝާދު: މާބަނޑު އަންހެނުންނާއި ވިހައިގެން އުޅޭ މައިންނަށް

Photo: Unicef

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރޯގާ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި، އެތައް ބަޔަކު މި ބައްޔަށް ފަރުވާ ހޯދަމުންދާއިރު، މިބަލިން ރައްކާތެރިވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އެންމެންވެސް ދަނީ ކުރަމުންނެވެ. އެގޮތުން ބަލީގެ ނުރައްކާ ބޮޑު މީހުން މިބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެހެންމީހުންނަށްވުރެ ހަރުދަނާ ކުރެވެން ޖެހެއެވެ.

ކޯވިޑް 19 ޖެހިފައިވާ މާބަނޑު އަންހެނެއްގެ ފަރާތުން ދަރިފުޅު ބަނޑުގައި އޮންނަ އިރު، އަދި ވިހެއުމުގައި މައިމީހާގެ ފަރާތުން ދަރިފުޅަށް ބަލި ޖެހޭކަން ދެނެގަނެވިފައި ނުވި ނަމަވެސް، ޔުނިސެފުންވަނީ ހުރިހާ މާބަނޑު އަންހެނުންނަށާއި ވިހައިގެން އުޅޭ މައިންނަށް ޚާއްސަ އިރުޝާދުތަކެއް ނެރެފައެވެ. އެގޮތުން؛

– ބަލިނުޖެހޭނެ ހެން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތަށް އެޅުން، އަދި ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ފެނޭތޯ އަބަދުވެސް ބެލުމާއި، އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ނުވަތަ އެއްވެސް ސުވާލެއް، ނުވަތަ ކަންބޮޑުވާ ކަމެއް އޮތްނަމަ، އެންމެ ކައިރީގައިވާ ސިއްޙީ ފަރުވާ ދޭތަނަކުން މަޢުލޫމާތު ސާފުކުރުން.

– ކޯވިޑް-19 އިން ރައްކާތެރި ވުމަށް އެހެން މީހުންވެސް އަޅަން ޖެހޭ ފިޔަވަޅުތައް ކަމަށްވާ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި، އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، އޮންލައިންކޮށް ސިއްޙީ ޚިދުމަތްތަށް ލިބިގަތުން.

– ބަލި ޖެހިފައިވާ މީހުން އުޅޭ ސަރައްހައްދެއްގައި އުޅޭނަމަ ނުވަތަ ބަލި ޖެހުމުގެ ފުރުސަތު އޮތް ސަރަހައްދެއްގައި އުޅޭނަމަ އަވަހަށް ސިއްޙީ ފަރުވާ ހޯދުން. އަދި ހުން އައުން ނުވަތަ ކެއްސުން، ނުވަތަ ނޭވާލާން އުނދަގޫވުން ފަދަ އެއްވެސް އަލާމާތެއް ފެންނަ ނަމަ އަވަހަށް ސިއްޙީ އިރުޝާދު ހޯދުން.

– ކޯވިޑް-19 އަށް ޕޮޒިޓިވް ވި ނަމަވެސް، ނުވަތަ ޝައްކުވާ ނަމަވެސް، މައިމީހާ ގާތުން ދޭ ކިރުން ބަލީގެ އަސަރު މިހާތަނަށް ފެނިފައި ނުވާތީ، ގާތުން ކިރު ދިނުން ހުއްޓާ ނުލުން. ނަމަވެސް، ބައްޔަށް ޕޮޒިޓިވް ވެފައިވާ މައިމީހާ ދަރިފުޅަށް ގާތުން ދޭއިރު މާސްކެއް އަޅަންވާނެއެވެ. އަދި ދަރިފުޅުގައި އަތްލުމުގެ ކުރިންނާއި ފަހުން އަތް ދޮވެ، އަބަދުވެސް ހިފާ ގެންގުޅޭ ތަކެއްޗާއި ތަންތަން ރަނގަޅަށް ސާފު ކުރަންވާނެއެވެ.

– ދަރިފުޅު އުރާލާ، މައި މީހާއާއި ދަރިފުޅާއި ދެމެދު ހަމާއި ހަމުގެ ގުޅުން ބަދަހި ކުރުން

– މި ހާލަތުގައި ވިހެއުމާއިމެދު އުފެދިދާނެ ހާސްކަމާއި ނުތަނަވަސްކަން ކުޑަކުރުމަށް، ހާސްވުމާއި ނުތަނަވަސްކަން ދުރުކުރުމަށް ވިހެއުމަށް އެންމެ ރަނގަޅުތަނެއް ކަނޑައަޅައި، ވިހެއުމުގެ ކަންކަން ގެންދާނެ ގޮތުގެ ޕްލޭނެއް ހެދުމަށް ފޫޅުމައި ނުވަތަ ޑޮކްޓަރުގެ އިރުޝާދު ހޯދާ، އެ ޕްލޭން ތައްޔާރުކުރޭ.

– ދަރިފުޅު އުފަންވުމުން ބޭނުންވާ ސިއްޙީ ފަރުވާ ބަރާބަރަށް ހޯދާ، ވެކްސިން ދިނުމުގެ ކަންކަން ވަގުތުން ވަގުތަށް ކުރިއަށް ގެންދޭ

މިކަންކަމަކީ ޔުނިސެފްގެ ވެބްސައިޓުގައި މާބަނޑު މީހުންނާއި އަލަށް ވިހައިގެން އުޅޭ މައިންނަށް ޚާއްސަކޮށް، ކޯވިޑް-19ގެ ޕެންޑަމިކް ތެރޭގައި އަމަލުކުރުމަށް ދީފައިވާ އިރުޝާދުތަކެކެވެ.