Last Updated: March 29, 14:00
Friday, March 29, 2024
ވިޔަފާރި

ފަސޭހަ އޯޑަރު – ގޭގައި ތިބެ އޯޑަރުކުރާނެ ފަސޭހަ ގޮތެއް

ކޮވިޑް-19 އަށް ފައްސިވި މީހެއް މިދިޔަ މާރޗް މަހުގެ 5 ގައި މާލެއިން ފެނުމާއި އެކު، ދެން އިވުނީ ސަރުކާރުން މާލޭގެ ރައްޔިތުން ބަންދެއްގައި ބޭތިއްބުމަށް ދެދުވަހުގެ ކާރފިއު އެއް ހިންގިތަނެވެ. އެއަށް ފަހު އިވުނީ ދިގު ހަފްތާތަކަކަށް ދެމިގެން މިދާ ފުރަބަންދުގެ ވާހަކައެވެ.

މާލެ ސަރަހައްދު ބަންދުކުރިއިރު ރައްޔިތުން ތިބީ އެކަމަށް ތައްޔާރުވެގެންނެއް ނޫނެވެ. ރައްޔިތުން ތިބީ ގެއަށް ބޭނުންވާ ކާބޯ ތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާތަކެތިވެސް ހޯދައިގެންނެއްނޫނެވެ. ގިނަ ގޭބިސީތަކުގައި ދެދުވަހަކަށް ބޭނުންވާވަރަށްވެސް މިތަކެއްޗެއްނެތެވެ. ދެން ފެނުނީ އެކިއެކި ފިހާރަތަކާއި ވިޔަފާރިތަކުން ހާމަކޮށްފައިވާ ނަންބަރުތަކަށް އޯޑަރުތަކުގެ ލިސްޓުތައް އޮއްސާލިތަނެވެ.

އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުދީފައިވާ ވިޔަފާރިތަކުގެ ވެބްސައިޓުތަކަށް ނުތަކާވަރަށް އޯޑަރުތައްކޮށް މުޅި ފިހާރަ ހުސްކޮށްލިތަނެވެ. މި ހާސްކަމުގެތެރޭގައި އެތައް ބައެއްގެ އޯޑަރު ވަނީ "ގެއްލިފަ" އެވެ. ލިބިފައިވާ ވިޔަފާރިތަކުގެ ނަންބަރުތަކަށް ކުރާ ކޯލުތަކާއި ފޮނުވާ ވައިބަރު މެސެޖުތަކަށް ޖަވާބެއް ނުލިބޭތީ، ފޮނުވި އޯޑަރު ބަލައިގަތްކަމެއް ނުވަތަ އެއޯޑަރަށް ތަކެތި ލިބޭނެކަމެއް ނުލިބޭނެކަމެއްވެސް ޔަގީނެއްނުވެއެވެ. މިކަންތަކަށް ހައްލެއްހޯދުމުގެގޮތުން އުފަންވީ "ފަސޭހަ އޯޑަރު" ގެ ނަމުގައި ހަދާފައިވާ ވެބްސައިޓެކެވެ.

ފަސޭހަ އޯޑަރަކީ ގެއަށް ތަކެތި ގެނެސްދިނުމުގެ ހިދުމަތްދޭ ވިޔަފާރިތަކާއި ފިހާރަތައް ލިސްޓުކޮށްފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓު މެދުވެރިކޮށް ބޭނުންވާތަކެއްޗަށް އޯޑަރު ފޮނުވުމަށް، އޯޑަރުކުރާފަރާތަށް އޯޑަރު ފޮނުވާނެ ވިޔަފާރިއެއް ޚިޔާރުކުރެވެއެވެ. އަދި އެއަށްފަހު ޚިޔާރުކުރެވުނު ވިޔަފާރިއަކަށް، ބޭނުންވާތަކެތި ލިސްޓެއްގެ ސިފައިގައި ފޮނުވާލެވެއެވެ.

އޯޑަރު ލިބުމާއިއެކު އެފިހާރައަކަށް އެކަން އަންގައިދޭ މެސެޖެއް ލިބެއެވެ. އެފިހާރައަކުން އޯޑަރު ކުރިފަރާތުގެ ލިސްޓް ބަލާފައި އޭގެތެރެއިން ލިބެންހުރި އައިޓަމްތަކާއި، ލިސްޓުގައި އެދިފައިވާ ވަރަށް އެބާވަތުގެ އެއްޗެހި ލިބޭތޯ ނުވަތަނޫންތޯ ފާހަގަކޮށް އޯޑަރު ބަލައިގަނެއެވެ. އޯޑަރު ބަލައި ގަތުމުން، ކަސްޓަމަރަށް އެކަން އެސްއެމްއެސް މެސެޖަކުން ވަގުތުން އެނގިގެންދެއެވެ. އަދި އޯޑަރުގައިވާތަކެތި ފޮނުވަން ތައްޔާރުވުމުން އޯޑަރުކުރިފަރާތަށް މެސެޖެއް ލިބެއެވެ.

މި ވެބްސައިޓަށްބޭނުންވާ މައުލޫމާތު ވިޔަފާރިތަކުން ނުވަތަ ފިހާރަތަކުން ފޮނުވުމުން، ވެބްސައިޓުގައި ވިޔަފާރި ނުވަތަ ފިހާރައިގެ ނަން ހިމެނިގެންދެއެވެ. އަދި އެއަށްފަހު ތަކެތި ގަންނަންބޭނުންވާ ފަރާތްތަކުން އެ ވިޔަފާރިތަކުން ނުވަތަ ފިހާރަތަކުން ތަކެތިހޯދުމަށް މަގުފަހިކުރެވިގެންދެއެވެ.

ވިޔަފާރިތަކުން އަދި ކަސްޓަމަރުންގެ އަތުންވެސް އެއްވެސް ފީއެއް މިވެބްސައިޓަކުން ނުނަގައެވެ. މިއީ ގޭގައި ރައްކާތެރިކަމާއިއެކު ތިބެ ބޭނުންވާ ތެކެތި އޯޑަރުކޮށްގެން ހޯދުމަށް މަގުފަހިކޮށް، އެއޯޑަރުތަށް ބެލެހެއްޓުން ވިޔަފާރިވެރިންނަށް ފަސޭހަކޮށްދޭން އުއްމީދުކޮށްގެން ހަދާފައިވާ މުޅިން ހިލޭ ލިބިދެވޭ ހިދުމަތެކެވެ.

ފަސޭހަ އޯޑަރުން ވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ގުޅިގެން، ރީޓެއިލް ފިހާރަތަކާއި ވިޔަފާރިތަކުން ހޯލްސޭލްކޮށް މުދާ ވިއްކާފަރާތްތަކަށްވެސް އޯޑަރު ފޮނުވޭގޮތް ހަދާފައެވެ. މީގެ ބޭނުމަކީ އިކޮނޮމިކް މިނިސްޓްރީއަށް މިއިމެޖެންސީ ހާލަތުގައި ވިޔަފާރިތަކަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަށް ފޯރުކޮށްދީ، ރަށުތެރޭގައި ވިޔަފާރި ކުރާ ފަރާތްތަކަށް ހޯލްސޭލަރުންގެ އަތުން ދަތިނުވެ މުދާ ލިބޭނެގޮތް ލުއިފަސޭހަކޮށް އެކަމަށް މަގުފަހިކޮށްދިނުމެވެ.

ފަސޭހަ އޯޑަރަކީ ފަސޭހަކަމާއި އެކު ބޭނުންވާ ތަކެތި ބޭނުންވާ ތަނަކުން ހޯދުމަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. ކޮވިޑް-19އިގެ މިހާރުގެ އަދަދުތަކަށް ބަލާނަމަ، ލަފާކުރެވެނީ ފުރަބަންދުގެ ހާލަތަކީ އަރައިގަތުމަށް ވަގުތު ނަގާނެ ހާލަތަށް ވާނެކަމެވެ. އަދި ފުރަބަންދުން އަރައިގަތުމުންވެސް ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގައި ހިނގާފައިގޮސް ފިހާރަތަކުން ތަކެތި ގަތުމަށްވުރެން ފަސޭހަގޮތަކީ އޮންލައިންކޮށް އޯޑަރުކޮށްގެން ތަކެތި ހޯދުން ކަމުގައިވާނެއެވެ. މިކަމަށް ފަސޭހައޯޑަރު ޚިޔާރުކުރައްވާށެވެ.