Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ކޮވިޑް-19: އައްޑޫގައި އެކަށީގެންވާ ވަރަށް ޕީޕީއީ ނެތް: އޭއީއެޗް

ކޮވިޑް19 އާ ގުޅިގެން ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން -- ފޮޓޯ / ދި އެޑިޝަން

އައްޑޫގައި ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި ބޭނުން ކުރާނެ އެކަށީގެންވާ މިންވަރަށް ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމެންޓް (ޕީޕީއީ) ނެތްކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްއިން ބުނެފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އޭއީއޯސީ) އިން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރަ ޝަރަފު ސާދާތު (ސާތު) ވިދާޅުވީ ކޮވިޑް-19 ގައ ބޭނުންކުރާނެ ޕީޕީއީގެ ކޮންމެވެސް ވަރެއް އައްޑޫއަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެންމެ ބޭނުންވާ މިންވަރަށް ޕީޕީއީ ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިން ހުރި ސްޓޮކްގެ އިތުރަށް ފަހުން ދެ ފަހަރެއްގެ މަތިން ސްޓޮކް ލިބުނު. އެކަމަކު އަޅުގަނޑު ނުދަންނަވާނަން އެންމެ އެކަށީގެންވޭ އަދަދަކަށް އެބަހުއްޓޭ" ސާތު ވިދާޅުވިއެވެ.

އައްޑޫގައި އެކަށީގެންވާ ވަރަށް ޕީޕީއީ ނެތް ކަމަށް ސާތު ވިދާޅުވިއިރު، މި ބައްޔަށް ޓެސްޓު ކުރެވޭނެ ގޮތެއް ވެސް އައްޑޫގައި ނެތެވެ. އެކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނާއިރު، ރާއްޖޭގައި މި ބައްޔަށް ޓެސްޓު ކުރަމުން އަންނަނީ އައިޖީއެމްއެޗާއި، ފުލުހުންގެ ލެބުގައެވެ.

އައްޑޫ އިން މިއަދު ކޮވިޑަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު އެމީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެނައުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހެކެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންދާ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން ހެދި ޓެސްޓު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ބައްޔަށް ޕޮޒިޓިވްވި މީހާ އަކީ މާޗް 10 ވަނަ ދުވަހު އައްޑޫއަށް ރިސޯޓަކުން އައި މަރަދޫފޭދޫ މީހެކެވެ.

އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފެށިފައިވާއިރު، މިހާތަނަށް އެމީހައާ ޑައިރެކްޓް ކޮންޓެކްޓުވި 26 އަށް ވުރެ ގިނަ ފަރާތް ވަނީ ފާހަގަކުރެވިފައެވެ. އޭގެތެރޭގައި ހަތް ޑޮކްޓަރަކާއި 10 ނަރުހަކު ވެސް ހިމެނެއެވެ.