Last Updated: April 27, 09:06
Saturday, April 27, 2024
ވިޔަފާރި

ބިލު ދެއްކުމުގައި އުރީދޫ އިން ހާއްސަ އެހީތަކެއް

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިކަމުގައި އެހީތެރިވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް ބިލް ދެއްކުމަށް ލުއިފަސޭހަކަމެއް ގެނެސްދޭނެ ހާއްސަ ފުރުސަތުތަކެއް ފަހިކޮށްދީފިއެވެ.

މިގޮތުން: ބިލައް ފައިސާ ދެއްކުމުގައި ދަތިތަށް ކުރިމަތިވެފައިވާނަމަ، ފައިސާ ދެއްކުމުގެ މުއްދަތު ބިލް ތައްޔާރުކުރާ ދުވަހުންފެށިގެން ދެމަސް ދުވަހަށް އިތުރުކުމަށް އެދުމުން، އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް މި އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ.

އަދި މި ދަނޑިވަޅުގައި މާލީ ދަތިކަން ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް، ބިލަށް ފައިސާ ދެއްކުމުގެ ޕްލޭންތަކާއި އެހެނިހެން ލުއިފަސޭހަކަން ރިކުއެސްޓްކޮއްލުމުން ހަމަޖައްސައިދެވޭނެ ކަމަށްވެސް އުރީދޫ އިން ބުނެއެވެ.

މީގެއިތުރުން ކޮވިޑް-19 އާއި ގުޅިގެން ދިމާވި ކަންކަމުގައި ވަޒީފާ ގެއްލުނުކަމަށް ރެޖިސްޓަރ ކުރެވިފައިވާ ފަރާތްތަކަށް، އެކަމަށް ހައްލެއް ނުލިބެނީސް ނުވަތަ އެ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ލިބޭނެ އިތުރު ގޮތެއް ފަހިނުވާކަމުގައި ވާނަމަ، އުރީދޫ ބިލްތަށް ދައްކާފައި ނުވިކަމުގައިވިއަސް ޖޫން 2020 ގެ ނިޔަލަށް އެފަރާތްތަކުގެ ޙިދުމަތް ކަނޑާ ނުލާނެ ކަމަށް އުރީދޫން ބުނެއެވެ.

މާލީ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަސްޓަމަރުން ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރުމަށް http://ore.do/billsupport މެދުވެރިކޮށް ރިކުއެސްޓްކުރެވޭނެ އެވެ.

އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން، މީގެ ކުރިން ކުރިމަތިލާން ޖެހިފައިނުވާ ގޮންޖެހުންތަކާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިމަތިލަމުންދާއިރު އެ ކުންފުންޏަށް ދިމާވެފައިވާ އުނދަގޫތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، އެންމެ އިސްކަމެއް ދޭ ކަމަކީ ކަސްޓަމަރުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

"ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެކަހެރިވެ އުޅެންޖެހިފައިވާ މި އައު ދިރިއުޅުމުގައި، އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކޮށް، މުހިންމު މައުލޫމާތާއި ހަބަރުތަކަށް ވާސިލްވުމުގައި ޓެލެކޮމިއުނިކޭޝަންގެ މުހިއްމު ދައުރެއް އޮތްކަން ގަބޫލުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު އަދި ފަސޭހަކަމާއިއެކު ލިބިގަނެވޭނެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ ޓީމުން ދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން. " އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ނާޒުކު ދަނޑިވަޅުގައި، އެންމެހާ ފަރާތްތަކަށްވެސް ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދެވޭކަން ޔަގީންކުރުމަށްޓަކައި، ސަރުކާރުން ޚިދުމަތްދޭ ފަރާތްތަކާއި ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޑިޖިޓަލް ޚިދުމަތްތަކުގެ ބޭނުން އިހުނަށްވުރެ މުހިންމު ވެފައިވާ މި ދުވަސްވަރު، ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެވޭކަން ޔަގީންކުރުމަށްޓަކައި އުރީދޫ މޯލްޑިވްސްއިން މުހިންމު ފިޔަވަޅެއް ނެންގެވީތީ، އެ ކުންފުންޏަށް މިނިސްޓަރު ވަނީ ޝުކުރު އަދާކޮށްފައެވެ.

"ޔަގީނުންވެސް މާލީ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް މިކަމާއި އެކު ލިބިގެންދާނެ. ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމާއި ކޯޕަރޭޓް ދާއިރާއަށް ލިބުނު ގެއްލުމާއި ގުޅިގެން، ޓެލެކޮމިއުނިކޭޝަން ހިމެނޭގޮތަށް، ވަރަށް ގިނަ ދާއިރާތަކަށް ވަނީ އަސަރުކޮށްފައި. ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި، ކަސްޓަމަރުންނާއި އެމަރޖެންސީ ރެސްޕޮންސް ޓީމްތަކަށް ފޯރުކޮށްދެވޭ އެހީތެރިކަން ސަރުކާރުން ފާހަގަކުރަން" ފައްޔާޒު ވިދާޅުވިއެވެ.