Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

އައްޑޫ ކޭސް: ބުނީ ތައްޔާރު ކަމަށް، ފެނުނީ އެހެން މަންޒަރެއް، ލިބުނީ ފިލާވަޅެއް!

ހަންކެޑެ ބްރިޖު، ފޮޓޯ: ޓޫތައުސަންޑު އައިސްލް

މިދިޔަ ހޮނިހިރު ދުވަހު މުޅި އައްޑޫ ސިއްސައިގެން ދިޔައީ ހާރޓްއެޓޭކެއް ޖެހިގެން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗު) ގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ފޮނުވި ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަބަރާއި އެކުއެވެ. ރައްޔިތުންގެ ތެރޭގައި އުފެދުނު ބިރުވެރިކަމާއި އެކު ލަސްތަކެއް ނުވެ އެމީހާގެ ޒާތީ މައުލޫމާތު މުޅި ސޯޝަލް މީޑިއާ ފުރާލިއެވެ. އެމީހާއާއި އެވެނި މިވެނި ދުވަހެއްގައި ދިމާވިކަމަށްބުނެ ކޮންޓެކްޓް ޓްރޭސިންގ އެއްބަޔަކު ސޯޝަލް މީޑިއާގައި ފަށައިގަތެވެ.

ލިބުނު ކުއްލި ބިރުވެރިކަމުގައި ރައްޔިތުން ތިއްބާ އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި (އޭއީއޯސީ) އަދި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިވިގެން ދިޔައީ އަދި އިތުރަށް ކަންބޮޑުވާ ވާހަކަތަކެވެ. ބަލި މީހާ އާއި ގިނަ އަދަދެއްގެ ބަޔަކު ބައްދަލުވި ވާހަކަ އާއި، ފަރުވާ ދިނުމުގައި ރައްކާތެރި ކަމުގެ ފިޔަވަޅެއް އެޅިފައި ނެތް ވާހަކައެވެ. އަދި ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ ސިއްހީ ހިދްމަތްތެރިން އެކަހެެރި ކުރި ވާހަކައެވެ. ހޮސްޕިޓަލާއި ކައުންސިލުން ދިން ޖަވާބަކީ އެތައް ކަމެއް ބޮލުން ފަހިކޮށް، "އީޒް" ކޮށްލާފައިވާ ކަމެވެ.

ﷲގެ އިރާދަފުޅުން އެމީހާގެ ނަތީޖާ ފަހުންވަނީ ނެގެޓިވްވެފައެވެ. ޖުމްލަ 3 ޓެސްޓެއް ހަދައި އެމީހާ ބަލިން ނެގެޓެވްވިކަން ރަސްމީކޮށް މިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައެވެ.

އަލްހަމްދުއްލިލާހި!

* މުޅި ކޭސް އަށް ނަޒަރެއް!

ބަލިމީހާ ބެލި ޑޮކްޓަރުން މާސްކާއި އަންގި ބޭނުމެއް ނުކުރޭ

 

ނޫސްވެރިންގެ ބައްދަލުވުމުގައި ކަން ހިނގާދިޔަ ގޮތުގެ ޚުލާސާއަކަށް ފަހު ކުރެވުނު ސުވާލުތަކުގެ ތެރެއިން އެންމެ ފުރަތަމަވެސް ހާމަވެގެން ދިޔަ އެއް ކަމަކީ ބަލިމީހާއަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން ތިބީ މާސްކާއި އަންގި ނާޅާކަމަށެވެ. މިކަން ހާމަ ކުރެއްވީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފް ސާދާތުއެވެ.

މިކަމާއި ގުޅިގެން އައްޑޫގެ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ވަނީ ހޮސްޕިޓަލާއި ސިއްޙީ މަރުކަޒުތަކުގައި އަންގިއާއި މާސްކު ނެތްކަން ފާހަގަކޮށްފައެވެ. އަދި ސާމާނު ހުންނަ އިރުވެސް ބޭނުން ކުރަން ނުލިބޭކަންވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ބައެއް ނަރުހުން ފޮތި މާސްކުވެސް މީގެ ކުރިން ބޭނުންކޮށްފައިވެއެވެ.

މިކަން ފާހަގަކޮށް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ އައްޑޫގައި 289 ގައުން (ރައްކާތެރި ވުމަށް އަޅާ ހެދުން)، 1306 ސާޖިކަލް މާސްކު، 59 95-މާސްކު އަދި 133 ފުޅި ސެނިޓައިޒަރ އެބަ ހުރި ކަމަށެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފެއްހެން ބޭނުން ކުރަން ޖެހޭ މާސްކާއި އަންގިތަކުގެ އަދަދަށް ބަލާއިރު، 200 އެއްހާ މުވައްޒަފުންގެ ތިން ޝިފްޓަށް ބޭނުންކުރި ކަމުގައިވިޔަސް ސްޓޮކުގައި ހުރީ ގާތް ގަނޑަކަށް އެއް ހަފްތާއަށް ވާވަރަށް މާސްކުކަމެވެ. މިކަމާއި ގުޅިގެން ހެޔޮ އެދޭ ފަރާތްތަކުން ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް މާސްކާއި ސްޓެރިލައިޒަރ ހަދިޔާކޮށްފައެވެ.

ޑޮކްޓަރުންނާއި ނަރުހުން އެންމެ ކުޑަމިނުން މާސްކާއި އަންގި ނާޅާ ތިބިކަން ހާމަކުރެއްވުމާއި ގުޅިގެން ކުރެވުނު ސުވާލަށް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފް ސާދާތު ދެއްވި ޖަވާބަކީ "އިރުޝާދު ދެވުނު ނަމަވެސް ބައެއް މުވައްޒަފުން އެގޮތަށް ކަން ކޮށްފައި ނުވާ" ކަމަށެވެ.

އަދި އިރުޝާދަށް ތަބާ ނުވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ. މިކަމަށް އަޅާނެ އިސްލާހީ ފިޔަވަޅުތަކަކީ ކޮބައިކަމާ މެދު ކުރެވުނު ސުވާލަށް ޝަރަފް ސާދާތު ދިން ޖަވާބަކީ "ބަސް ގަބޫލު ނުކުރާ ކުދިން އުޅޭ ކަމަށާއި، ދެން ދޭން ޖެހޭ އިންޒާރުތަކެއް ދީގެން ނަމަވެސް ކުރިއަށް ގެންދާނެކަމަށެވެ."

މިކަމުން އުފެދޭ ސުވާލަކީ، ބަލިން ރައްކާތެރިވުމަށް މުވައްޒަފަނުން ބޭނުން ކުރަން ޖެހޭ ސާމާނު ހުރީ އެންމެ އެކަށޭނެ މިންވަރަށްތޯއެވެ؟ ހުރި ނަމަ މުވައްޒަފުންނަށް އެތަކެތި ނުދެނީތޯއެވެ؟ ދޭނަމަ، ބޭނުން ނުކުރާ ހާލަތްތަކުގައި އިސްލާހީ ފިޔަވަޅުތައް މީގެ ކުރިން އެޅިފައިނުވަނީ ކީއްވެތޯއެވެ؟

މި ފަހަރު ކަން ދިމާވި ގޮތަކީ ސްޓޮކް މަދުވުމުން، ކޯވިޑް-19 އައްޑޫގައި ފެތުރިދާނެ ދުވަހަކަށް ރައްކާ ކޮށްގެން ތިބި ސާމާނުތައް ބޭނުން ނުކުރެވެނީސް ބަލި ޖެހިފައި ހުރި މީހަކު ހޮސްޕިޓަލަށް އައީތޯއެވެ؟ ރަން ގަނޑަކަސް، ހިލަ ގަނޑަކަސް، ފޮރުވާފައި އޮތުމުން ކުރާނެ މާބޮޑު ފައިދާއެއް ނެތްކަން މިހާދިސާއިން ފެނިގެން ދިޔައެވެ.

މަނާކަމެއް، ނަމަވެސް އައިސީޔޫއަށް ޒިޔާރަތް ކުރަން މީހުން ވެއްދި

 

މި ހާދިސާއިން ފާހަގަވި ދެވަނަ ކަމަކީ، ބަލިމީހާ އޮތް އައިސީޔޫއަށް ގިނަ ބަޔަކު ވަދެ ބަލި މީހާއަށް ޒިޔާރަތްކޮށްފައިވާ ކަމެވެ. ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފް ސާދާތު ވިދާޅުވީ "ބަލި މީހާއަށް ޒިޔާރަތް ކުރުމުގަ އަޅުގަނޑުމެން ވަރަށް ބޮޑު ރެސްޓްރިކްޝަންސްތަކަކާ އެއްކޮށް އަޅުގަނޑުމެން ކުރިއަށް ގެންދިޔައީ. އެހެން ނަމަވެސް ބަލިމީހާގެ ބަލީގެ ގޮތުން ވަރަށް ގިނަ މީހުން ބޭނުން ވެގެން ދޭތެރެއަކުން އަޅުގަނޑުމެންގެ އެންގުމާއި ޚިލާފަށް އެތެރެއަށް ވަދެ، އައިސީޔޫ އަދި ވޯޑުގައި ވެސް ކޮންމެވެސް ވަރަކަށް މީހުން ތިބި" ކަމަށެވެ.

ސާދާތު މިގޮތަށް ވިދާޅުވިއިރު އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ވޯޑު ތަކާއި އައިސީޔޫ ހުންނަނީ ވަކި ފްލޯރ އެއްގައި ހާއްސަ ސެކިއުރިޓީއާއި އެކު ކަން ފާހަގަ ކުރެވެއެވެ. އަދި ހުއްދަ ނެތި އެތަނަށް ނުވަދެވޭނެ ކަން ފާހަގަ ކުރެވެއެވެ. ހާއްސަކޮށް އައިސީޔޫއަކީވެސް އެތެރެއިން ހުޅުވުމުން ނޫނީ ބޭރުން މީހަކަށް ވަދެވޭނެ ތަނެއް ނޫނެވެ. މިކަމުގައިވެސް ހޮސްޕިޓަލުން ވަނީ އިހުމާލުވެފައެވެ.

ބަލިމީހާ ފުރުވަން އެތައް ބަޔަކު ދިޔަ، އެއް ރަށުން އަނެއް ރަށަށް ހުއްދަ ނެތި ދިޔުން މަނާ

 

ރާއްޖޭގެ އެހެން ރަށްތަކެކޭވެސް އެއްފަދައިން، އައްޑޫ ސިޓީގެ އެއް އަވަށުން އަނެއް އަވަށަށް ހުއްދަ ނެތި ދަތުރު ކުރުން ވަނީ މަނާ ކުރެވިފައެވެ. އެގޮތުން ގުޅިފައިވާ ރަށްތަކަކީ މިހާލަތުގައި ވަކި ރަށްތަކެއް ކަމަށްބަލާ، އެއް އަވަށާއި އަނެއް އަވަށް ގުޅުވައިދޭ ހިސާބުގައި ވަނީ ބެރިކޭޑް ޖަހާފައެވެ. އެތަނުގައި ފުލުހުން ދަނީ 24/7 ފޯރިމަރަމުންނެވެ. ބެރިކޭޑު ހުރަސް ކުރެވެނީ ފުލުހުން ދޫކޮށްފައިވާޚާއްސަ ހުއްދަ އޮންނަ ފަރާތަށެވެ. އިތުރު ބަޔަކަށް ބެރިކޭޑު ހުރަސް ނުކުރެވެއެވެ.

ނަމަވެސް ބަލިމީހާ މާލެއަށް ފުރުވަން އެއަރޕޯޓަށް ދިޔައިރު، އެމީހާ ފުރުވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއާޕޯޓަށް ގޮސްފައެވެ. ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފު ސާދާތު ވިދާޅުވީ ބަލި މީހާ ފުރުވަން އެއާޕޯޓަށް ގިނަ އަދަދެއްގެ ބަޔަކު ދިޔަކަން ފާހަގަވެފައިވާ ކަމަށެވެ.

ފުލުހުންގެ ބެރިކޭޑުތައް ފަހަނަ އަޅައި ބަލި މީހަކު ފުރުވަން އެއަރ ޕޯޓަށް އެހާ ގިނަ މީހުންނަށް ދެވުނު ދެވުމަކީވެސް ކޮންމެވެސް ބައެއްގެ އިހުމާލެވެ.

މީގެ އިތުރުން، ބަލި މީހާ ގޮވައިގެން ދިޔަ އެމްބިއުލާންސް އަނބުރާ ހޮސްޕިޓަލަށް އައީ އެހެން އިތުރު ބަލިމީހެއް ގޮވައިގެންނެވެ. އެއީވެސް އެމްބިއުލެންސް ޑިސްއިންފެޓު ނުކޮށެވެ. އެކަންވެސް ހޮސްޕިޓަލްގެ މެނޭޖަރ ވަނީ ހާމަކޮށްފައެވެ.
.

ނެގެޓިވްވި ހާދިސާއިން ފިލާވަޅު ލިބިގަންނަން ޖެހޭ

ކޯވިޑް-19ގެ ބިރުވެރިކަން ދުނިޔޭގައި ފެތުރެން ފެށުމާއެކު ރައްޖެ ތައްޔާރީ ހާލަތަކަށް ގެނައުމުގެ މަސައްކަތް ފެށުނެވެ. ބަލި ރާއްޖެއިން ފެނުމާއެކު މިއަދު އެތައް ބަޔަކު އެދަނީ އާއިލާ އާއި ލޯބިވާ މީހުންނާއި ދުރުގައި ތިބެ، މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއީ ބިރުވެރި ބުރަ އަދި ހިތާމަވެރި ހާލަތެކެވެ. ސިއްހީ ހިދްމަތްތެރިން އެދަނީ ފުރާނަ އަތް މައްޗަށް ލައިގެން ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދެމުންނެވެ. ބަލި ޓެސްޓު ކުރަމުންނެވެ. ބަލި މީހުން އެކަހެރިކޮށް އަޅާލައި އެހީތެރިވަމުންނެވެ. ބަލި ކޮންޓްރޯލް ކުރުމަށް ރެއާއި ދުވާލު ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އައްޑޫގައި ހޮނިހިރު ދުވަހު ހިނގި ހާދިސާއަކީ އައްޑޫގެ ސިއްހީ ނިޒާމު މިކަމަށް ތައްޔާރަށް ނެތްކަން ފެނިގެން ދިޔަ ހާދިސާއެކެވެ. ހެދިފައިވާ އުސޫލުތަކަށް އަމަލު ނުކުރެވޭކަން ފެނިގެން ދިޔަ ހާދިސާއެކެވެ. މިއީ މީގެ ދެވަނަ ހާދިސާއެއް ތަކުރާރު ވިޔަ ނުދިނުމަށް ވިސްނައި ފިޔަވަޅު އަޅަން ލިބުނު ފުރުސަތެކެވެ. ކަންކަން އިތުރަށް ހަރުދަނާކޮށް ތަރުތީބު ކުރުމަށް ލިބުނު ދެވަނަ ފުރުސަތެކެވެ.