Last Updated: April 26, 22:31
Friday, April 26, 2024
މުނިފޫހިފިލުވުން

ހަޔާތަކީ ކުރު އެއްޗެއްކަން ލޮކްޑައުން އިހުސާސް ކޮށްދީފި: ޖެކްލިން

ކޮރޯނާ ވައިރަހުގެ ސަބަބުން ދިރިއުޅުމަށް އައި ބަދަލާއިއެކު ގިނަ ކަންތަކެއް ދަސްވެފައިވާ ކަމަށް ބޮލީވުޑްގެ ތަރި ޖެކްލިން ފަރނަންޑަޒް ބުނެފިއެވެ.

އޭނާ ބުނެފައިވަނީ، ހަޔާތަކީ ވަރަށް ވެސް ކުރު އެއްޗެއް ކަމާއި، އަތުގަ އޮތް ކުޑަ ވަގުތުކޮޅުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަކީ ވަރަށް ވެސް މުހިއްމު ކަމެއްކަން އޭނާއަށް ވިސްނިއްޖެ ކަމަށެވެ.

ލޮކްޑައުން އަކީ އޭނާއަށް އެތަކެއް އާ ކަންތައް ދަސްކުރުމަށް ލިބުނު ފުރުސަތެއް ކަމަށާއި އެގޮތުން އެންމެ ބޮޑު އެއް ފިލާވަޅަކަށް ވެގެން ދިޔައީ އިންސާނިއްޔަތަށް ބަލާއިރު އަހަރެމެންނަކީ މާބޮޑު އެއްޗަކަށް ނުވާކަން ކަމަށް އޭނާ ބުންޏެވެ. ދުނިޔެ އަހަރެމެން ތިއްބަސް ނެތަސް ހިނގަމުންދާނެތީ، ދުނިޔޭގައި އުޅުމަށް ލިބުނީތީ އިންތިހާއަށް ޝުކުރުވެރި ވާންޖެހޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. މީގެ އިތުރުން ދުނިޔެ އަކީ މާބޮޑު އެއްޗަކަށް އިންސާނުން ނަހަދާކަން ވެސް އޭނާ ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ޖެކްލިން ބުނެފައިވަނީ އޭނާއަށް ދަސްވި ދެވަނަ ފިލާވަޅަކީ ހަޔާތަކީ ވަރަށް ކުރު އެއްޗެއް ކަމެވެ. އެހެންކަމުން އަހަރެމެން ކުރާހިތްވާ ކަންތައްތައް ކޮށް، ލޯބިވާ މީހުންނާއެކު ވަގުތު ހޭދަކުރަންޖެހޭ ކަމަށެވެ. ސަބަބަކީ މިއަދު ކުރިމަތީގައި ހުއްޓަސް މާދަން ނެތް ދުވަހެއްވެސް އަތުވެދާނެތީކަން އޭނާ ހާމަކޮށްފައިވެއެވެ. އަދި ހަޔާތުގެ ބޭނުން އެންމެ ރަގަޅު ގޮތުގައި ހިފުމަކީ މިފިލާވަޅުގެ ބޮޑު ބައެއް ކަމުގައި އޭނާ ދެކެއެވެ.

ލޮކްޑައުންގެ މިދުވަސްކޮޅު ބޮލީވުޑްގެ ސުޕަރސްޓާރު ސަލްމާން ޚާންއާއި އޭނާގެ ޓީމާއި އެކީ ޕަންވޭލްގެ ފާމް ހައުސްގައި ވަގުތު ހޭދަކުރަމުންދާ ޖެކްލިން ބުނެފައިވަނީ މިއީ މިދުވަސްކޮޅުގައި އޭނާއަށް ދަސްވި މައިގަނޑު ދެކަމެއް ކަމަށެވެ.

ލޯބިވާ މީހުންނާއި ޖެހުމުން ހަގީގަތަކީ ކޮބައިކަން ގިނަފަހަރު އިންސާނާއަށް ވަކި ނުވާ ކަމަށް ޖެކްލިން ބުންޏެވެ. ނަމަވެސް އޭނާ އަކީ ކޮންމެ ކަމެއް ކުރިޔަސް ކުރަނީ އެންމެ ރަނގަޅު ކަންތޯ ޔަގީންކުރާ މީހެއްކަން ވެސް ފާހަގަ ކުރިއެވެ. "ކުރަންޖެހޭނީ ރަނގަޅުކަމޭ" މިއީ އޭނާ އަމިއްލަ ނަފްސަށް ހަނދާން ކޮށްދޭ ކަމެއް ކަމަށް ޖެކްލިން ބުނެފައިވެއެވެ.

2006 ގައި "މިސް ސްރީލަންކާ"ގެ ޚިތާބު ހޯދި މި ފަންނާނު ބޮލީވުޑްގައި ޑެބިއު ކޮށްފައި ވަނީ ރިތޭޝް ދޭޝްމުކް އާއިއެކު 2009 ގައި ނިކުތް ފިލްމު "އަލާއްދިން" އިންނެވެ. "އަލާއްދިން" އަށް ބޮކްސް އޮފީހުން މާބޮޑު ކާމިޔާބީއެއް ނުލިބުނު ކަމުގައިވީ ނަމަވެސް ޖެކްލިންގެ ހުނަރު ފާހަގަވެ އޭނާއަށް "ހައުސް ފުލް 2"، "މާޑަރ 2"، "ކިކް"، "ބްރަދާސް"، "ޑިޝޫމް" އަދި "ޖުޑްވާ 2" ފަދަ ހިތްގައިމު އެތައް ފިލްމަކުން ފެނިގެން ދިޔުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

މިހާރު އޭނާ ދަނީ ލޮކްޑައުންގެ ތެރޭގައި ސަލްމާންއާއި އެކު އޭނާގެ ފާމް ހައުސް ސަރަހައްދުގައި ޝޫޓްކޮށް ނެރުމަށް ނިންމާފައިވާ ލަވަ "ތޭރޭ ބިނާ" ނިކުންނާނެ ދުވަހަކަށް އުފަލާއި އެކު އިންތިޒާރު ކުރަމުންނެވެ.