Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ޝިލްޕާ ސަރޮގެސީ މެދުވެރިކޮށް ކުއްޖަކު ހޯދި ސަބަބު ކިޔާދީފި

ބޮލީވުޑްގެ ތަރި ޝިލްޕާ ޝެއްޓީ ސަރޮގެސީ މެދުވެރިކޮށް ކުއްޖަކު ހޯދަން ނިންމި ސަބަބު އޭނާ ކިޔާދީފިއެވެ.

އިންޑިއާގެ ނޫހަކަށް ޝިލްޕާ ދީފައިވާ އިންޓަރވިއު އެއްގައި އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ ފިރިހެން ދަރިފުޅު ވިއާން ރާޖް އަށްފަހު އިތުރު ކުއްޖަކު ހޯދުމަށް އޭނާ ކުރި މަސައްކަތް ވަނީ އެތައް ފަހަރަކު ނާކާމިޔާބު ވެފައެވެ. އޭނާގެ ހަށިގަނޑުގައި ހުރި މައްސަލައެއްގެ ސަބަބުން ކޮންމެ ފަހަރަކު ވެސް ދަރިފުޅު ބައިގެންދަނީ ކަމަށް ޝިލްޕާ ބުނެފައިވެއެވެ. އޭނާގެ ފިރިމީހާ ރާޖް ކުންދްރާ އާއެކު އިންޑިއާގެ ނޫހަކަށް ދިން އިންޓަރވިއުގައި ދަރިފުޅު ސަމީޝާ ރާޖް ގެނައުމުގެ ކުރިން ކުއްޖަކު އެޑޮޕްޓް ކުރަން ވެސް އޭނާ ވިސްނި ކަމަށް ބުނެފައިވެއެވެ.

" އަހަރެން ބޭނުމެއް ނުވޭ ވިއާން އެކަނި ހުރެ ބޮޑުވާކަށް. އަހަރެން އަބަދުވެސް ދެ ކުދިން ބޭނުންވޭ. އަހަންނަށް އިނގޭ އެއްބަނޑު އެއްބަފާ ކުއްޖަކު ހުރުމުގެ މުހިއްމުކަން. އެގޮތުން އެކި އައިޑިއާތަކަށް ބެލިން މިކަމުގައި. ކުއްޖަކު އެޑޮޕްޓް ކުރުމުގެ ޚިޔާލުއައި ފަހަރެއްވެސް ދިޔަ. އަދި އެކަމަށް އެދި އަހަރެންގެ ނަން ވެސް ނޯޓުކޮށް އިންތިޒާރުގައި 4 އަހަރު ހުރިން. އެއަށްފަހު ސަރޮގެސީ މެދުވެރިކޮށް ދަރިއަކު ހޯދުމަށް ނިންމީ" ޝިލްޕާ ބުންޏެވެ.

ސަމީޝާ ލިބިފައިވަނީ ތިން ފަހަރުމަތިން ކުރެވުނު މަސައްކަތުން ކަމަށް ވެސް ޝިލްޕާ ބުނެފައިވެއެވެ. ކުއްޖަކު ހޯދުމަށް 5 އަހަރު ވަންދެން މަސައްކަތް ކުރި ކަމަށާއި، އެއަށްފަހު ފިލްމް "ނިކަންމާ" އަށް ސޮއިކޮށް ފިލްމް"ހަންގާމާ" ކުޅުމަށް ތާރީޚްތައް ފައިނަލް ކޮށްފައިވަނިކޮށް ފެބްރުއަރީމަހު ދަރިފުޅަކު ލިބެންއުޅޭ ކަމުގެ ޚަބަރު ލިބިފައިވާ ކަމަށް ވެސް ޝިލްޕާ ބުންޏެވެ. އެ ޚަބަރާއިއެކު މުޅި މަހުގެ ޝެޑިއުލްތައް އެއްކޮށް އެ ދެމަފިރިން ކެންސަލް ކުރިކަމަށް ވެސް ޝިލްޕާ ބުންޏެވެ.

ޝިލްޕާގެ ހުރި މައްސަލައެއްގެ ސަބަބުން އޭނާ ސަރޮގެސީ މެދުވެރިކޮށް ކުއްޖަކު ހޯދި ނަމަވެސް މައްސަލަތަކެއް ނެތް ކަމުގައިވިޔަސް ބޮލީވުޑްގެ ތަރިންގެ ފަރާތުން މި މަންޒަރު ފެނުން ފަހަކަށް އައިސް ވަނީ އާއްމު ވެފައެވެ. ކަރަން ޖޯހަރު، ތުޝާރް ކަޕޫރު، އޭކްތާ ކަޕޫރް އަދި ޝާހްރުކްޚާން ފަދަ މަޝްހޫރު ތަރިން ވެސް ވަނީ ސަރޮގެސީ މެދުވެރިކޮށް ކުދިން ހޯދާފައެވެ.