Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރަޝިޔާގެ ހޮސްޕިޓަލްތަކަށް ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރުން ގަދަކަމުން ނެރެނީ

ކޮރޯނާ ވައިރަހުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއް ގައުމު ކަމަށްވާ ރަޝިޔާގައި ޑޮކްޓަރުކަން ކިޔަވަމުންދާ ދަރިވަރުން ގަދަކަމުން އެކުދިންގެ ނުރުހުމުގައި ކޮރޯނާ އަށް ޕޮޒިޓިވްވެފައިވާ ބަލިމީހުން ތިބި ވޯޑްތަކުގައި މަސައްކަތް ކުރުމަށް އަންގަމުންދާ ކަމަށް އެދަރިވަރުންނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް އަމިއްލައަށް ގޮތެއް ނިންމުމުގެ މިނިވަންކަން ލިބިދޭންޖެހޭ ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ. އެހެން ނަމަވެސް އެ ފަދަ މިނިވަންކަމެއް ނުދީ ގަދަކަމުން ފްރަންޓްލައިނަށް ނެރެން އުޅޭ ކަމަށް ވެސް އެ ދަރިވަރުން ބުނެފައިވެއެވެ.

100ށް ވުރެ ގިނަ ޑޮކްޓަރުން ފްރޮންޓްލައިނުން މަރުވެފައިވުމާއެކު ބަލިމީހުންނާއެކު ވޯޑުތަކުގައި ހަރަކާތްތެރިވުމަށް ގިނަ ދަރިވަރުން ވަނީ ފަސްޖެހޭގޮތްވެފައެވެ. އެހެން ނަމަވެސް އެގޮތަށް ނުގޮސްފިނަމަ އެ ދަރިވަރުންގެ ކޮލިފިކޭޝަން ސެޓްފިކެޓް ނުލިބޭނެ ކަމަށް އަންގަމުންދާ ކަމަށް ވެސް ބައެއް ދަރިވަރުން ބުނެފައިވެއެވެ. އެހެން ނަމަވެސް އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކޮށް ނުދެނީސް ކުރިޔަށް ނުދާނެކަމަށް ގިނަ ދަރިވަރުން ވަނީ ބުނެފައެވެ. ވައިރަހުން ސަލާމަތްވުމަށް ބޭނުންކުރާ ސާމާނުތައް ޑޮކްޓަރުންނަށް އެކަށީގެންވާ ވަރަށް ސަރުކާރުން ފޯރުކޮށްނުދެވޭ އިރު ދަސްކުރާ ދަރިވަރުންނަށް ފޯރުކޮށްދެވޭނެ ކަމާމެދު ޝައްކު އުފެދޭ ކަމަށް ވެސް ދަރިވަރުން ބުނެފައިވެއެވެ.

މިކަމާއިގުޅިގެން ރަޝިޔާގެ ހެލްތް މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ އެ ދަރިވަރުން ބޭނުން ނޫންނަމަ ގަދަކަމުން ނުގެންދާނެ ކަމަށެވެ. ޕްރެކްޓިސް ކުރުމަށް ބޭނުން ތަނަކަށް ދިޔުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި މޮސްކޯގައި ހަރަކާތްތެރިވާން ނިކުންނަ ކޮންމެ ދަރިވަރަކަށް ސަލާމަތީ ހުރިހާ ސާމާނާއެކު 1360 ޑޮލަރުގެ މުސާރައެއް ދޭނެ ކަމުގެ ވައުދުވެސް ވަނީ ވެފައެވެ.

އާދީއްތަ ދުވަހުގެ އިރުއޮއްސުމާއި ހަމަޔަށް ރަޝިޔާގައި ކޮރޯނާއަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ ދެލައްކަ އަށްވުރެ މައްޗަށް އަރާފައެވެ. ދުވާލެއްގެ މައްޗަށް 10،000ށްވުރެ ގިނަ ޕޮޒިޓިވް ކޭސް ރަޝިޔާގައި ފެންނަތާ މިހާރު ހަފްތާއެއްވަރު ވެއްޖެއެވެ.

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ފްރަންޓްލައިނަށް ނެރެން ޖެހުނީ ރަޝިޔާގައި ޑޮކްޓަރުން މަދުވެގެން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.