Last Updated: April 25, 09:23
Thursday, April 25, 2024
ރިޕޯޓް

މަޓީއާއި ސަރުކާރު: މިއީ ކޮޅުފައިން ތަޅާ ވާހަކަދައްކާ ވަރަށްވުރެ ނާޒުކު ދަނޑިވަޅެއް

ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން ގެންގުޅޭ އިގުތިސާދީ ސިޔާސަތާ ބެހޭ ގޮތުން "މަޓީ" (މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްއަރިޒަމް އިންޑަސްޓްރީ) އަށް މާ ބޮޑު އަދި މާދެރަ ބަހެއް ވެސް ނުބުނެވެއެވެ. ހަމައެކަނި ބުނެވުނުހާވެސް ވާހަކައަކީ ސަރުކާރުގެ އެހީގެ ޕެކޭޖުން ޓޫރިޒަމަށް މާބޮޑު ފައިދާއެއް ނެތްވާހަކައެވެ.
ނެތިއްޔާ ބުނަންޖެހޭނީ ނެތޭ ނޫންހެއްޔެވެ؟

އެހެން ބުނާ އިރަށް އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލު "މަޓީ"އަށް "ބަޑި" ޖައްސަވަންޖެހޭ ހެއްޔެވެ؟ "މަޓީ"ން ސަރުކާރުގައި ކޮޅުފައިން ތަޅަނީކަމަށް ވިދާޅުވާންޖެހޭ ހެއްޔެވެ؟

އެމްޑީޕީގެ ކޯލިޝަން ސަރުކާރަކީ ވިޔަފާރި ކުންފުންޏެއް ނޫނެވެ. ނަފާއެއް ނެތަސް ގެއްލުމާއެކުވެސް ސަރުކާރަށް ޖެހޭނީ ރައްޔިތުންނަށް ޚިދުމަތް ކުރާށެވެ. ސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމެވެ. އެމްޑީޕީގެ ކޯލިޝަން ވެރިކަމަށް އައީ ބޮޑެތި ވައުދުތަކާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. އެކަން އަބަދުވެސް ސަރުކާރުން ހަނދާން ބަހައްޓަން ވާނެއެވެ. އެކަމަކު "މަޓީ"ގައި ތިއްބެވީ ވިޔަފާރިވެރިންނެވެ. އެމީހުންގެ ސިޔާތަތަކަށް ވާނީ އަބަދުވެސް ވިޔަފާރިން ނަފާ ހޯދުމެވެ. ވިޔަފާރިވެރިންނަކީ ގެއްލުމުގައި ޚިދުމަތްދޭ ބައެއް ނޫނެވެ.

ސަރުކާރު ހިންގަނީ "މަޓީ"ގައި ހިމެނޭ ރިސޯޓުތަކުން "ފެލާ ކިރުން"ނެވެ. ސަރުކާރު ހިންގުމުގެ ނަމުގައި ލާފައި ތިބި ސިޔާސީ އެކްޓިވިސްޓުންނަށް މުސާރަ ދޭން ބައިނަގަނީ "މަޓީ"ގައި ހިމެނޭ ރިސޯޓުތަކުން ދޭ ޓެކްސް ފައިސާއިންނެވެ.
މަޓީން ކޮޅުފައިން ތަޅަނީއޭ ކޮޅުފައިން ތަޅަނީއޭ ކިޔައި ހަޅޭފަޅޭލަވަމުން ދުވަނީ ރިސޯޓުހަދަން ލިބުމުން ނުހެދުނު، ރިސޯޓު ހިންގަން ލިބުމުން ނުހިންގުނު މީސްމީހުންނެވެ.

މަޓީއަކީ ރާއްޖޭގެ ޓުއަރިޒަމް ތަރައްގީކޮށް ކުރިއަރުވަން 1982 ގައި އުފެއްދި ޖަމްއިއްޔާއެކެވެ. އެއީ ރާއްޖޭގައި ހިންގާ އެންމެ ކާމިޔާބު ޖަމްއިއްޔާއެވެ. ޖަމްއިއްޔާގައި އިސްކޮށް ތިބީ މުއްސަނދީންނެވެ. ރިސޯޓުތަކުގެ ވެރިންނެވެ. ކޮލި މުޙައްމަދު ޢުމަރު މަނިކާއި ޗަމްޕާ ޙުސެއިން ޢަފީފާއި ޤާސިމް އިބްރާހީމަކީ އެޖަމްއިއްޔާގައި ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ. އެއީ ތަޖުރިބާކާރު، ރާއްޖޭގެ އިގުތިސާދުގެ މައިތަނބުތަކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އެބޭފުޅުން ފިޔަވައި މުހިންމު އެހެން ބޭބޭފުޅުންވެސް ހިމެނެއެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ބަސް ބުނަންޖެހެނީ އެކަން ކުރަން އޮތް "މަޓީ"ންނެވެ. އެހެންވެ މަޓީން ހައްގުބަސް ބުނީއެވެ. ސަރުކާރުގެ އެހީގެ ޕެކޭޖުން ޓޫރިޒަމަށް މާބޮޑު ފައިދާއެއް ނެތްވާހަކަ ހަމަ ބުނެލީއެވެ.

ކޮރޯނާވައިރަހާ ގުޅިގެން ކުދިވިޔަފާރިތަކަށް ލިބުނު ގެއްލުން ފޫބައްދަން ސަރުކާރު މެދުވެރިވެގެން ބޭންކް އޮފް މޯލްޑިވްސްއިން 18000ރ ލޯނެއް ފިހާރަ ހިންގާމީހާއަށް ލިބޭގޮތް ވުމުން އެ މީހާއަށް އެ ވިޔަފާރި ސަލާމަތްކުރެވޭނެ ހެއްޔެވެ؟ އެކަން ނުކުރެވޭނެ ވާހަކަބުނުމުން އެމީހާ އިދިފުށަށް ބަނދެ ކޮޅުފައިން ތަޅަންވީހެއްޔެވެ؟

"މަޓީ"އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ އިގްތިސާދުގެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާއިން ކަމަށާއި އެންމެ ބޮޑު އާމުދަނީއެއް ދައުލަތަށް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާ އިން ކަމަށް ވާއިރުވެސް، ސަރުކާރުގެ އެހީގެ ޕެކޭޖު ކަނޑައަޅާފައި ވަނީ ޓޫރިޒަމް ދާއިރާ ތަމްސީލުކުރާ މަޓީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި ކޮރޯނާވައިރަސްގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ، ވަޒީފާތައް ސަލާމަތް ކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި އެކަމަށް ސަރުކާރުގައި އެކި ގޮތްގޮތުން އެދުމުންވެސް އެކަށޭނަ ފިޔަވަޅުތަކެއް މިހާތަނަށް ނުފެންނަ ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން އިނދަޖެހި ފުނޑެމުންދަނީ ހަމައެކަނި ރާއްޖޭގެ ފަތުރުވެރިކަމާއި އިގުތިސާދެއްނޫނެވެ. އެމެރިކާގެ އިގުތިސާދު ފުނޑި ވަޒީފާނެތް މީހުންގެ އަދަދު މިލިއަނުން މިލިއަނުން ގުނަމުން އެބަދެއެވެ. ސައުދީ އަރިބިޔާއިން ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ނާށިގަނޑުހިފައިގެން ދުވާ ހާލަތަށް އަތުވެއްޖެއެވެ. އިންޑިއާއިން 120 މިލިއަން މީހުންގެ ވަޒީފާ ގެއްލިއްޖެއެވެ. އެމީހުން ދަނީ އަވަށްޓެރި އަދި ދުޝްމަން ޗައިނާއިން ލޯނު ނެގުމަށް ރާވަމުންނެވެ. އިންޑިއާގެ އެކުވެރި އެމެރިކާއަށް މާލީ އެހީތެރިކަން ދެވެން ނެތުމެންނެވެ.

ކޮރޯނާވައިރަހާ ގުޅިގެން އެންމެ ބޮޑު ގެއްލުމެއް ކުރާ އެއްސިނާޢަތަކީ ފަތުރުވެރިކަމުގެ ސިނާޢަތެވެ. ވޯލްޑް ޓްއަރިޒަމް ކައުންސިލުން ހާމަކުރިގޮތުގައި ހަމައެކަނި އެސިނާއަތުން 100 މިލިއަން މީހުންގެ ވަޒީފާ ދުނިޔޭގެ އެކިކަންކޮޅުތަކުން ގެއްލިގެންދާނެއެވެ. އެސިނާޢަތަށާއި އެ ސިނާޢަތުގައި މަސައްކަތް ކުރި މީހުންނަށް ލިބޭ ގެއްލުން އަންދާޒާ ކުރެވޭނީ ކޮރޯނާ ވައިރަސްގެ ކަންތައް ދިގުދެމިގެންދާ މުއްދަތައް ބަލައިގެންނެވެ.

ސަރުކާރު ހިންގަން ބޭނުންވާ "ކިރު ފެލަން" ހިފެން އޮތީވެސް ރިސޯޓުތަކެވެ. މިހާރުވެސް ދަނީ ފެލާނެވަރަކަށް ފެލަމުންނެވެ. ކަން އެހެން އޮތްއިރު ރިސޯޓުތަކުގެ މުއައްޒިފުންނަށް މުސާރަދީފައި ސަރުކާރަށް ރިސޯޓުތަކުން ކުލިދީފައި އެހެނިހެން ޓެކްސްތައް ދައްކާފައި ރިސޯތުތަކުގެ ވެރިން ވީ ލޯނު ބޮލުގައި އަޅައިގެން ބަނޑަށް ތިބެން ހެއްޔެވެ؟ މިއީ ކިހާ ހެއްވާ ގޮތެއް ހެއްޔެވެ؟

"ސަރުކާރުން ބޭނުންހާ ގޮތަކަށް ރިސޯޓުތަކުގެ ވެރިން އިސްދަށަށް ޖަހައި ދޫދޭން އެބަޖެހޭ. މި ނުރައްކާތެރި ދަތި ދަނޑިވަޅު ސަރުކާރުން ސަރުކާރުގެ އޯގާރެރިކަން ހާމަކޮށްދެއްކޭކަށް ނެތް." ފަތުރުވެކަމުގެ ވިޔަފާރީގައި އިސްދައުރެއް އަދާކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ. "މައްސަލައަކީ ވާނުވާ އެނގިވަޑައިގަންނަވާ ތަޖުރިބާއެއް ގާބިލުކަމެއް ނެތް ބޭފުޅުން ކޮޅެއް ސަރުކާރުތެރެއިން ފެންނާތީ."

"މަޓީ"ގެ ބޭފުޅުންނަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި ކޮޅަށް ނެންގެވި ބޭފުޅުންނެވެ.

"ރާއްޖޭގެ ޓުއަރިޒަމަކީ ދިވެހި ވިޔަފާރި ވެރިންނާއި ބޭރުގެ ވިޔަފާރިވެރިންގެ އަމިއްލަ ބުރަ މަސައްކަތުގެ އުފެއްދުމެއް. ސަރުކާރުތަކުން ކުރިހާވެސް ކަމަކީ ބޮޑު އަގު ނަގައިގެން ރަށްތައް ވިއްކުން. އަދި ރިސޯޓުތައް މީހުން ހިންގައިގެން ލިބޭ ފައިސާއިން އިންތިހާއަށް ބޮޑު ޓެކުސްނެގުން." މަޓީ،އަށް ކިޔާފާޑުތަކާމެދު ހިތްޕުޅާނުވެގެން ނަންހާމަކުރައްވަން ބޭފުންފުޅު ނުވާ ބޭފުޅަކު ކޮމެންޓު ކުރެއްވިއެވެ. "ސަރުކާރަކީ ޕުލޭންތަކެއް އޮވެގެން ދައުލަތަށް އާމުދަނީ ހޯދާ ބައެއްނޫން. ލިބޭހާ އެއްޗެއް ތަޅާ ބުރުވަނީ. "މަޓީ"ގައި ހިމެނޭ ރިސޯޓުތަކުން ދޭ ޓެކުސް ފައިސާއިން ދައުލަތް ހިންގަނީ. ލަދު ކޮބާ މަޓީއޭ ކިޔަން."

މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓްއަރިޒަމް އިންޑަސްޓރީގެ ބާނީންނަކީ "މަޓީ"އެވެ. އަދި ރާއްޖޭގެ ޓުއަރިޒަމް ސިނާއަތު ކާމިއާބު ކުރުމުގައި މުހިއްމު ދައުރެއް އަދާކުރެއްވީ "މަޓީ"ގައި މިހާރު ތިއްބެވި ބޭފުޅުންކަމުގައި ވެސް އަލީވަހީދު ފާހަގަކުރެއްވިއެވެ.

މިއީ "މަޓީ" އާއި ސަރުކާރު ބޮޑު ހިފުމަކަށް ގޮސް ތަޅަންވީ ވަގުތެއް ނޫނެވެ. ތަޅާނެ ކުދިބަޔަކު ހޯދަންވީ ވަގުތެއް ވެސް ނޫނެވެ. މިއީ ރުޅިވެފައިވާ ދެ ލޯބިވެރިންހެން އެކަކު އަނެކަކަށް ސިޓީބިޓީ ފޮނުވަންވީ ވަގުތެއް ވެސް ނޫނެވެ. މިއީ ވަރަށް ނާޒުކު ދަނޑިވަޅެކެވެ. ގައުމުގެ ހައްގުގައި އަދި އަމިއްލަ ވިޔަފާރީގެ ހައްގުގައި ފައިދާހުރި ގޮތެއް ނިންމަންވީ ދަނޑިވަޅެވެ. މިއީ ސުލްހަވެރިކަމާއި ރޭވުންތެރިކަމާއެކު ސަރުކާރާއި "މަޓީ" އެއް މޭޒުދޮށެއްގައި ތިބެ މަޝްވަރާކޮށް ގައުމަށާއި ރައްޔިތުންނަށާއި ވިޔަފާރިއަށް ފައިދާހުރި ގޮތެއް ނެރެންވީ ވަގުތެވެ.