Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ވޫހާންއިން 11 މިލިއަން މީހުން ޓެސްޓުކުރުމަށް ތައްޔާރު ވަނީ

ޗައިނާގެ މީޑިއާ ރިޕޯޓުތަކުގައި ހާމަކޮށްފައިވާ ގޮތުގައި ވޫހާން އިން ދަނީ އެސިޓީގެ މުޅި އާބާދީ ކަމަށްވާ 11 މިލިއަން މީހުން ޓެސްޓުކުރުމަށް ތައްޔާރު ވަމުންނެވެ.

މ ޕްލޭން ވަކި ގޮތަކަށް އަދި ނިންމާފައިނުވާ އިރު، ވޫހާންގެ ހުރިހާ އަވަށްތަކަށް ވަނީ 10 ދުވަހުގެ ތެރޭގައި އެ އަވަށެއްގެ ހުރިހާ އެންމެން ޓެސްޓުކޮށް ނިންމޭނެ ފަސޭހަގޮތްތަކެއް ހުށަހެޅުމަށް އަންގާފައެވެ.

ވައިރަސް ފުރަތަމަ ފެނުނު ސިޓީ ކަމަށްވާ ވޫހާންއިން މިހެން މިކަން ކުރުމަށް ރާވައިފައި ވަނީ ވޭތުވެދިޔަ ހަފްތާގެ ތެރޭގައި 6 އާ ކޭހެއް ރިޕޯޓު ކުރެވުމާއި ގުޅިގެންނެވެ. 11 ހަފްތާ ވަންދެން ލޮކްޑައުންގެ ހާލަތުގައި އޮތް ވޫހާން އިން ވަނީ 8 އޭޕްރިލް އިން ފެށިގެން ލޮކްޑައުން ނަގާފައެވެ.

ސްކޫލުތައް އަލުން ހުޅުވި، ވިޔަފާރިތައް އަލުން ފެށި، ޕަބްލިކް ޓްރާންސްޕޯޓު އަލުން ފައްޓާފައިވުމުން ދިރިއުޅުން އާންމު ޙާލަތަށް ބަދަލުވާން ފެށިހެން އެންމެންނަށް ހީވިއެވެ. ނަމަވެސް މީހުން ދިރިއުޅޭ އެއް ސަރަހައްދަކުން ކްލަސްޓަރތައް ފެނުމާއި އެކު އަނެއްކާވެސް ވޫހާން ސިޓީ ވަނީ ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

"ދަ ޕޭޕަރ" އިން ނެރެފައިވާ ރިޕޯޓަކުން ބުނާގޮތުގައި، ސިޓީގެ ހުރިހާ އަވަށަކުން 10 ދުވަހުގެ ތެރޭގައި އެންމެން ޓެސްޓުކޮށް ނިންމާނެ ގޮތުގެ ޕްލޭނެއް މިއަދުގެ މެންދުރުގެ ކުރިން ހުށަހެޅުމަށް އޮތީ އަންގާފައެވެ.

އެއަވަށެއްގައި ވައިރަސް އައުޓް ބްރޭކެއް ނެތަސް، އާބާދީގެ ނިސްބަތުން ޓެސްޓުތައްކޮށް ނިންމާނެ ގޮތުގެ ޕްލޭން ހެދުމަށް ވަނީ އަވަށްތަކާއި ހަވާލު ކޮށްފައެވެ.

"10 ޑޭ ބެޓްލް" ގެ ނަމުން ނަން ދެވިފައިވާ މި ޓެސްޓް ޕްލޭންގައި ބުނެފައިވާ ގޮތުގައި، ޓެސްޓު ކުރާއިރު އުމުރުން ދުވަސްވީ މީހުންނާއި އަާބާދީގެ ނިސްބަތުން ބޮޑު އަވަށްތަކަށް އިސްކަން ދެވިގެން ދާނެއެވެ.

ނަމަވެސް މުޅި ސިޓީ މުޅިން ޓެސްޓު ކުރުމަކީ ފަސޭހަ ވާނެ ކަމެއް ނޫން ކަމާއި، ވަރަށް ވެސް އަގުބޮޑު ވެގެން ދާނެ ކަމެއް ކަމަށް އެތަކެއް ސީނިއަރ ހެލްތު އޮފިޝަލުން ވަނީ "ގްލޯބަލް ޓައިމްސް" ނިއުސްއަށް ކިޔައިދީފައެވެ.

އެހެނަސް ވޫހާން ޔުނިވާސިޓީގެ ޒޮންގނަން ހޮސްޕިޓަލްގެ އިންޓެންސިވް ކެއަރ ޔުނިޓް ގައި މަސައްކަތް ކުރާ ޕެންގ ޒަޔަންގ ބުނެފައިވާ ގޮތުގައި މިއީ ސިއްޙީ މަސައްކަތްތެރިންނާއި، ޕޮޒިޓިވް ކޭހަކާއި ކޮންޓެކްޓް ވެފައިވާ މީހުން ޓެސްޓު ކުރުމަށް އަމާޒުކުރާ ޕްލޭނަކަށްވުން އެކަށީގެން ވެއެވެ.

ވޫހާން ޔުނިވާސިޓީގެ އެހެން ޑައިރެކްޓަރަކު ބުނެފައިވާ ގޮތުގައި ވޫހާންގެ އާބާދީގެ ބޮޑު އިންސައްތައެއް ވަނީ މިހާރުވެސް ޓެސްޓު ކުރެވިފައެވެ. އެއީ ބެލެވޭ ގޮތުގައި 3 މިލިއަނާއި 5 މިލިއަނާއި ދެމެދުގެ މީހުންނެވެ. މީގެ އިތުރުން އޭނާ ބުނެފައި ވަނީ 10 ދުވަހުގެ މުއްދަތެއްގެ ތެރޭގައި 6 މިލިއަނާއި 8 މިލިއަނާއި ދެމެދުގެ މީހުން ޓެސްޓު ކުރުމުގެ ޤާބިލުކަން ވޫހާންއަށް ލިބިގެންވެއެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން އެންމެ ބޮޑުވަރުވެފައިވާ އެއް ޤައުމު ކަމަށްވާ އެމެރިކާއިން ދަނީ ދުވާލެއްގެ މައްޗަށް 300،000 މީހުން ޓެސްޓު ކުރަމުން ކަމަށް އެޤައުމުގެ ވައިޓް ހައުސް އިން ވަނީ އިއުލާން ކޮށްފައެވެ. މިހާތަނަށް އެމެރިކާއިން ވަނީ މުޅި ޖުމްލަ 9 މިލިއަން މީހުން ޓެސްޓު ކޮށްފައެވެ.

މަދު ދުވަސް ކޮޅެއްގެ ތެރޭގައި އެހާގިނަ މީހުން ޓެސްޓު ކުރުމަށް ތައްޔާރު ވަމުން ދާއިރު ޗައިނާގެ ސޯޝަލް މީޑިއާ ސައިޓެއް ކަމަށްވާ "ވެއިބޯ" ގައި އާންމުން ދަނީ ސުވާލުތައް އުފައްދަމުންނެވެ. "އެހާ ގިނަ މީހުން އެއްފަހަރާ ޓެސްޓު ކުރުމަކީ ނާދިރު ކަމެއް" އަގުބޮޑު ވާނެ ކަމަށް އަޑު އުފުލާ ކޮމެންޓު ކުރި މީހަކު ބުނެފައިވެއެވެ. އިތުރު މީހަކު ދެކޭ ގޮތުގައި މިއީ ޗައިނާގެ އެހެން ހިސާބުތަކަށް ވޫހާން ހުޅުވުމުގެ ކުރިން ކުރަންޖެހޭ ކަމެކެވެ.