Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ބްރެޒިލްގައި 24 ގަޑިއިރު ތެރޭ މަރުވި މީހުންގެ އަދަދު 881އަށް

ސިއްޙީ މާހިރުން ބުނާގޮތުގައި ބްރެޒިލް އިން ވަނީ އެޤައުމުގައި 24 ގަޑިއިރު ތެރޭ ކޮރޯނާ ވައިރަސްގެ ސަބަބުން އެންމެ ގިނައިން މީހުން މަރުވިކަމަށް އިއްޔެ ރެކޯޑު ކޮށްފައެވެ.

އެޤައުމުގެ ހެލްތު މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި، އަންގާރަ ދުވަހު އެކަނި އެޤައުމުގައި 881 މީހުންވަނީ ވައިރަސްގެ ސަބަބުން މަރުވެފައެވެ. މިއާއިއެކު ބްރެޒިލްގެ ޖުމްލަ މަރުވި މީހުންގެ އަދަދު މިވަނީ 12،400 އަށް އަރާފައެވެ. އެހެން ކަމުން ލެޓިން އެމެރިކާއިން އެންމެ ފުރަތަމަ ވައިރަސް ފެނުނު ޤައުމު ކަމަށްވާ ބްރެޒިލް ވެގެން ދަނީ މުޅި ދުނިޔޭގައި ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޤައުމުތަކުގެ ތެރެއިން 6 ވަނައަށް އަރާފައެވެ.

ސިއްޚީ މާހިރުން ލަފާކުރާ ގޮތުގައި، ވައިރަސްއަށް ޓެސްޓު ކުރާވަރު މަދުވަރަށް ބަލާ، ވައިރަސް ޖެހިފައިވާ މީހުންގެ އަސްލު އަދަދު މާބޮޑުތަން މަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ބްރެޒިލްގައި ޓެސްޓު ކުރަނީ ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން އެކަނި ކަމަށް ޔުނިވާސިޓީ އޮފް ސާއުނ ޕައުލޫ މެޑިކަލް ސްކޫލުގެ ޑޮމިންގޯ އެލްވެސް "އޭ.އެފް.ޕީ" ނޫހަށް ކިޔައިދީފައި ވެއެވެ.
މީގެ އިތުރުން ލިބިފައިވާ ޑޭޓާގެ މައްޗަށް ވާނުވާ ބެލުމަކީ ފަސޭހަ ކަމެއް ނޫން ކަމާއި، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުންވާ ރަނގަޅު ޕޮލިސީއެއް ނެތްކަމަށްވެސް އޭނާ ބުނެފައެވެ. އެލްވެސް އަކީ ވައިރަސް ޖެހިފައިވާ ކަމަށް ބުނެފައިވާ އަދަދާ އަޅާ ބަލާއިރު، އަސްލު ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 15 ގުނަ މަތިވާނެ ކަމަށް ލިޔެ ނެރެފައިވާ ލިޔުމުގެ މުސައްނިފުންގެ ތެރެއިން އެކަކެވެ.

ބްރެޒިލްގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެޤައުމުގައި ވައިރަސް ޖެހިފައިވާ ކަމަށް ޔަގީންވާ 177،589 ކޭހެއް ވެއެވެ. މިއަދަދު ވަނީ އަންގާރަ ދުވަހު 9،000 އަށްވުރެ މައްޗަށް އަރާ، ޖަރުމަންގެ 170،000 ގެ އަދަދު ވައްޓާލާފައެވެ.

ދުނިޔޭގެ ހުޅަނގު ހިސާބަށް ބަލާއިރު ބްރެޒިލް ވަނީ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ދެވަނައަށް އެންމެ މަތި ޤައުމުގެ ގޮތުގައެވެ. އެއްވަނާގައިވާ އެމެރިކާ ވަނީ މުޅި ދުނިޔޭގައިވެސް ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު އެންމެ ގިނަ ޤައުމުގެ ގޮތުގައެވެ.

ދުނިޔޭގެ ސިއްޚީ ޖަމިއްޔާއިން ބުނާ ގޮތުގައި އެމެރިކާ ވަނީ ކޮރޯނާ ވައިރަސްގެ މަރުކަޒެއް ކަމުގައި ވެފައެވެ.