Last Updated: April 24, 19:12
Wednesday, April 24, 2024
ޚަބަރު

އައްޑޫގައި "ކޮންޓްރޯލްޑް ޝޮޕިންގ"، އެންމެ ރަނގަޅު ނިންމުން ބާ؟

Photo: Mihaaru

ހޮނިހިރު ދުވަހަކީ އައްޑޫ ސިޓީއާއެކު މުޅި ރާއްޖެވެސް ސިއްސުވާލި ދުވަހެކެވެ. ހިތުގެ މައްސަލައެއްގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްވެ އޮތުމަށްފަހު މާލެ ފޮނުވި، ދުވަހުގެ ފަހު ދުވަހު އެމީހަށް ކޯވިޑް-19އަށް ޕޮޒިޓިވްވި ކަމުގެ ޚަބަރުންނެވެ. ނަމަވެސް ﷲގެ އިރާދަފުޅުން ފަހުން ހެދުނު ޓެސްޓުން އެމީހާ އެބައްޔަށް ނެގެޓިވްކަން ކަށަވަރު ކުރެވުނެވެ.

ކޯވިޑް-19 ރާއްޖެއަށް އައުމުގެ ކުރިއްސުރެވެސް ސަރުކާރުން ބުނަމުން ދިޔައީ މިފަދަ ހާލަތަކަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް އެ ހާދިސާއާއި ގުޅިގެން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރާއި އައްޑޫ ސިޓީގެ މޭޔަރ ދެއްކެވި ވާހަކަތަކުން، މިފަދަ ކަމަކަށް އައްޑޫ ސިޓީ ތައްޔާރު ނުވެ އޮތް މިންވަރުގެ ހަޤީޤަތް ވަރަށް ބޮޑަށް ރައްޔިތުންނަށް ސާފުވެގެން ދިޔައެވެ.

ސަރުކާރުން އިހުމާލު ނޫން ކަމަށާއި އެއީ "ބްރީޗް އޮފް ޕްރޮޓޮކޯލް" ކަމުގައި ބުނި ނަމަވެސް، ޙަޤީޤަތަކީ، އައްޑޫ މިފަދަ ކަމަކަށް ތައްޔާރު ވުމުގައި އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް ކިތަންމެހާވެސް ގިނަ ކަމެވެ. އަދި އައްޑޫ އަށާއި މުޅި ރާއްޖެއަށް ވެސް މި ކަމުން ލިބިގެން ދިޔައީ ބޮޑު ފިލާވަޅެއް ކަމެވެ. ނަމަވެސް ފިލާވަޅެއްގެ ބޭނުން ހިފޭނީ، އެއިން ދަސްވާ ކަންކަމާއި އެއްގޮތަށް ރަނގަޅު ބަދުލު ގެނެސްގެންނެވެ. ކުރިން ދޫ ދެވިފައި ހުރި ކަންކަން އިތުރަށް ހަރުދަނާ ކޮށްގެންނެވެ.

އެދުވަހު އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤު ވިދާޅުވީ އައްޑޫގެ ކަންކަން މާބޮޑަށް "އީޒް" ކޮށްލެވުނީ ކަމަށެވެ. ނަމަވެސް އޭގެ ފަހު ދުވަހު އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޭޔަރ ވަނީ އިތުރަށް "އީޒް" ކުރުމުގެ ވިސްނުން އޮޕަރޭޝަން ސެންޓަރ ނުވަތަ ޓާސްކް ފޯސްއިން ގެންގުޅޭކަން ހާމަކޮށްފައެވެ. އެގޮތުން، ވަކި އުސޫލުތަކެއްގެ މަތިން ފިހާރަތަކަށް މީހުންނަށް ވިޔަފާރި ކުރަން ދެވޭނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދާކަން މޭޔަރ ފާހަގަ ކުރެއްވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ބާރުތައް ވެސް ނިކަމެތި ކޮށްލަމުންދާ ކޯވިޑް-19 އިން ސަލާމަތް ވުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ ގޭގައި ތިބުން ކަމުގައި ގިނަ މާހިރުންނާއި، އަދި ޚުދު އައްޑޫ ސިޓީގެ މޭޔަރުވެސް ތަކުރާރުކޮށް ވިދާޅުވެފައި ވަނިކޮށް، މީހުން ބޭރަށް ނިކުތުމަށް ހިތްވަރު ލިބޭ މިފަދަ ކަމަކަށް ހުއްދަ ދިނުމަކީ އެންމެ ރަނގަޅު ގޮތް ބާއެވެ؟

އައްޑޫގައި ވަރުގަދަ ޑެލިވަރީ ސިސްޓަމެއް

މުޅި ރާއްޖޭގައިވެސް ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރަމުންދާ ބޮޑު މަސައްކަތުގެ ތެރެއިން، ބަލި އައުމުގެ އެތައް ދުވަހެއް ކުރިއްސުރެ ފިހާރަތަކާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް ގޮސް ވިޔަފާރި ކުރުން ހުއްޓުވުމަކީ އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންގެ ޙައްޤުގައި އަޅާފައިވާ ވަރަށް މުހިންމު ފިޔަވަޅެކެވެ.

އެގޮތުން ފިހާރަތަކަށް ގުޅައިގެންނާއި ވައިބަރކޮށްގެން ތަކެއްޗަށް އޯޑަރުކޮށް، ޑެލިވެރީ ކުރެވޭގޮތްް ހަދާފައިވާ އިރު، ޕްރޮފެސަރ އުގެއިލްގެ ފައުނޑޭޝަނުންވަނީ ޑެލިވަރީއަށް ޚާއްސަ ސިސްޓަމެއްވެސް ތަޢާރަފުކޮށް، ޑެލިވެރީ ކުރުމުގެ ހުއްދަ ދީފައިވާ ހުރިހާ ފިހާރަތަކަށް އެ ސިސްޓަމް މެދުވެރިކޮށް ވިޔަފާރީގެ ކަންކަން ހަމަޖެއްސުމަށް މަގުފަހި ކޮށްދީފައެވެ.

ފަހަރުގާ މިގޮތަކީ ވިޔަފާރިތަކަށް އެންމެ މުނާސަބު ގޮތް ކަމުގައި ނުވުމުން، ވިޔަފާރިވެރިން މިގޮތާއި އެންމެ ނުރުހިދާނެއެވެ. ވިޔަފާރިތަކަށް އެހެން އަހަރުތަކާއި އަޅާބަލާއިރު، އަދި އެހެން އާންމު މަސްތަކާއި އަޅާބަލާއިރުވެސް ވިޔަފާރި ދަށްވެދާނެއެވެ. ނަމަވެސް ވިސްނާލަން ޖެހޭ ކަމަކީ، ގިނަ ރައްޔިތުންގެ ވަޒީފާ ގެއްލި، އެތައް ބައެއްގެ އާމްދަނީވެސް މިހާލަތުގައި ހީނަރުވެފައިވާއިރު، ފިހާރަތައް ހުޅުވާލުމަކުން އާންމުންގެ ޖީބުގައި ޚަރަދުކުރުމަށް ފައިސާ އިތުރު ނުވާނެކަމެވެ. އިނގިރޭސި ބަހުން ބުނާކަމުގައިވަނީ ނަމަ "ޕަރޗޭސިންގ ޕަވަރ" އިތުރެއް ނުވާނެއެވެ.

އެންމެން ވެސް ވިސްނާލަން ޖެހޭ ކަމެއް

ޑެލިވެރީ ނިޒާމާއި މެދު އާންމުންވެސް ވިސްނާލަން ޖެހޭ ދެތިން ނުކުތާއެއް އެބައޮތެވެ. އައްޑޫގެ ޑެލިވެރީ ނިޒާމު މިހާރު މިއޮތް ގޮތުން، އާންމު ގޮތެއްގައި ކުދި ފިހާރަތަކަށް ޑެލިވެރީއަކަށް ގުޅާލުމުން ލަސްވެގެން 20 މިނެޓު ތެރޭ ޑެލިވެރީކޮށްދެއެވެ. ބޮޑެތި ވިޔަފާރިތަކުންވެސް ދެތިން ގަޑިއިރު ތެރޭގައި ޑެލިވަރކޮށްދެއެވެ. އެންމެ ލަސްވާ ހާލަތްތަކުގައި ވެސް ޑެލިވެރީއަށް ގުޅާ ދުވަހު އެތަކެތި ލިބިގެންދެއެވެ. ބައެއް ހާލަތްތަކުގައި އޯޑަރު ކުރާ ސާމާނުން ބައެއް ތަކެތި މަދުވެ، ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރި ނަމަވެސް އާންމު ހާލަތުގައި ޑެލިވެރީގެ ނިޒާމު ގޯހެކޭ ނުބުނެވޭނެއެވެ.

އައްޑޫގައި އަބަދުވެސް ފިހާރަތަކުން ކުރާ ޑެލިވެރީ ކޮންމެވެސް ވަރަކަށް ކުރިއަށް ގޮސްފައިވީނަމަވެސް، މިފަދަ ފުޅާ ދާއިރާއެއްގައި މިކަން ކުރިއަށްދާ މިއީ ފުރަތަމަ ފަހަރެވެ. އާންމު ހާލަތުގައި ސާމާނު ލިބޭހާ އަވަހަށް ނުލިބުނު ނަމަވެސް، އެބަ ލިބެއެވެ. މާލޭގެ ހާލަތާއި އަޅާ ބަލާއިރު އެތައް ގުނައެއް އަވަހެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގެ ހާލަތާއި އަޅާ ކިޔާއިރު އެތައް ގުނައެއް އަވަސް ވެފައި ރަނގަޅެވެ. މާލޭގައި ޑެލިވެރީ ސާމާނު ލިބެން އެއް ދުވަހަށްވުރެ ގިނަ ދުވަސް ނަގާއިރު، ބޭރު ޤައުމުތަކުގައި ހަފްތާއެއް ހާ ދުވަސް ނަގައެވެ. އަހަރެމެންގެ އައްޑޫގައި ވިޔަފާރިތައް އާބާދީއާއި އަޅާބަލާއިރު އެކަށޭނެ މިންވަރަކަށް ހުރިހާ ރަށެއްގައިވެސް އެބަ ހުއްޓެވެ. އަަދި އައްޑޫގައި ކޯވިޑް-19 ނެތުމުގެ ސަބަބުންނާއި އެއްކޮށް، އައްޑޫގެ ޑެލިވެރީ ނިޒާމު އެހެން ތަންތަނަށްވުރެ އަވަހެވެ.

މިއީ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ދާނެ ދަނޑިވަޅެއް ނޫންކަން އަހަރެމެން ޤަބޫލުކުރަން ޖެހެއެވެ. އަހަރެމެންގެ ސަލާމަތަށްތަކައި އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން މިހާރު ތަކުލީފުތަކެއް އުފުލަން ޖެހުނު ނަމަވެސް، އައްޑޫއަށް ކޯވިޑް-19 ނައިސް، އައްޑޫގައި އެބަލި ފެތުރުން ހުއްޓުވުމަށް އެފިޔަވަޅުތަކުން މަގުފަހި ކޮށްދޭނަމަ، އެ ތަކުލީފުތައް ބަރުދާސްތު ކުރުމަކީ އަހަރެމެންގެ އަމިއްލަ ރައްކަލަކަށް ކުރެވޭ ކަމެއް ނޫންތޯއެވެ؟

ޑެލިވަރީ ހުއްދަ އެކަނި އޮންނަ އިރުވެސް އުސޫލާއި ޚިލާފު

މިވަގުތު އައްޑޫ ސިޓީ ކައުންސިލުން ހަމައެކަނި ވިޔަފާރިތަކަށް ދީފައިވާ ހުއްދަ ތަކަކީ ޑެލިވެރީ ކޮށްގެން ވިޔަފާރި ކުރުމުގެ ހުއްދައެވެ. ނަމަވެސް ޤަބޫލު ކުރަން ކިތަންމެ ބޭނުން ނުވިއަސް، ޙަޤީޤަތަކީ އައްޑޫގެ ގިނަ ވިޔަފާރިތަކުންވެސް، އައްޑޫގެ ރައްޔިތުންވެސް، އަދި އިދާރާތަކުންވެސް މިއުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމުގައި އިހުމާލުވާ ކަމެވެ.

ޑެލިވެރީކޮށްގެން ވިޔަފާރި ކުރިއަށް ގެންދިޔުމުގެ ހުއްދަ ލިބިފައިވީ ކަމުގައިވީ ނަމަވެސް، ފިހާރަތަކަށް މީހުން ދޭތެރެ ދޭތެރެއިންވެސް ވަންނަމުންދެއެވެ. ނުވަތަ ގުޅާފައި އޯޑަރު ދިނުމަށްފަހު، ބަލާ އަންނަން ވާއިރަށް ތައްޔާރުކޮށްފައި ހުންނާނެހެން "ޓޭކްއަވޭއި"ގެ ޚިދުމަތް ދެމުންގެންދެއެވެ. މިކަމާއި ގުޅިގެން، ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހު ވެސް އިސްލާހު ނުވުމުން ވަނީ އެއް ވިޔަފާރީގެ މައްޗަށް ފިޔަވަޅު އަޅާފައެވެ. ނަމަވެސް މިކަން ކުރާ އެތައް ވިޔަފާރިއެއް މިނޫނަސް އެބަ ތިއްބެވެ. މިކަން މިގޮތަށް ކުރިއަށް ދިޔުމުގައި އާންމު ރައްޔިތުންގެ އިހުމާލުވެސް އެބަ އޮތެވެ. އިދާރާތަކުން އެންމެންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ހަދާފައިވާ އުސޫލުތައް އެއްކިބާކޮށް، އަމިއްލަ މީހާގެ ސިއްޙަތާ މެދު ފަރުވާލެއްނެތި ފިހާރަތަކަށް ގޮސް ވިޔަފާރި ކުރާ އާންމުންވެސް މަދެއް ނޫނެވެ. ފިހާރަތަކަށް ނުވަންނަ ނަމަ، ފިހާރަ ދޮރުމަތިން ޓޭކްއަވޭއި ބަލާ ދިއުމަށެވެ.

މިކަން މިގޮތަށް ހިނގާއިރު، ކަންކަން އެންމެ އެކަށީގެންވާ މިންވަރަށް ބެލެހެއްޓުމުގެ ކުޅަދާނަކަން އައްޑޫ ސިޓީގެ އިދާރާތަކުގައި އެބަ ހުރިތޯ ސުވާލު އުފެދެއެވެ. އެއް ރަށުން އަނެއް ރަށަށް ދިޔުން މަނާ ކުރެވި، ބެރިކޭޑު ޖަހާ، ފުލުހުން ބަލަހައްޓަމުންދާ ކޯޒްވޭއި ތަކުންދާ އެންމެންގެ އަތުގައި ފާސް އޮތްތޯ ބެލުމަށް ފުލުހުން މަޑު ނުކުރުވާ ފަހަރުތައް އެބަ ދެއެވެ. ހުރިހާ ފިހާރަ ތަކުން ޑެލިވެރީގެ އުސޫލުތަކަށް ތަބާވޭތޯ ބެލުމަށް އެންމެ އެކަށީގެންވާ މިންވަރަށް އިންސާނީ ވަަސީލަތް ނެތުމުން، ފިހާރަތަކަށް ގޮސް ވިޔަފާރި ކުރުން މިވަނީ އެންމެން ދަންނަ ބޮޑު ސިއްރަކަށް ވެފައެވެ.

އީއޯސީއާއި ޓާސްކްފޯސްގެ މެމްބަރުން އިޖުތިމާއީ ގައި ދުރުކަން ބެހެއްޓުމުގެ އުސޫލަށް ތަބާ ނުވާކަމުގެ މަންޒަރު ދައްކުވައިދޭ ސެލްފީތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. އާންމުން ކަންކަމުގައި ބަލާނީ އުސޫލު ދަމަހައްޓަން ތިބި ފަރާތް ތަކުގެ ނަމޫނާއަށެވެ. ހެދިފައިވާ އުސޫލުތަކުން ދެމިގަނެވޭނެ ދޭތެރެއެއް ހޯދައިގެން، "ސިސްޓަމް ޗީޓް" ކޮށްގެން ކުރިއަށް ދިއުން ނޫން ގޮތެއް ހޯދަން އެބަ ޖެހެއެވެ.

ކޮންޓްރޯލްޑް ޝޮޕިންގ އަށް ހުޅުވުމުން ވެދާނެ ގޮތެއް

އިސްވެ ދެންނެވުނު ގޮތައް ހާލަތު މިހާރު އޮތް އިރު، ކޮންޓްރޯލްޑް ޝޮޕިންގ އަކަށް ދިޔުމުން ވާނެގޮތުގެ ތަސައްވުރެއް ކޮށްލަމާތޯއެވެ؟ އައްޑޫގެ ހާލަތު މިވަގުތު އޮތް ގޮތުން، އެއް ރަށުން އަނެއް ރަށަށް ނުދެވުނު ނަމަވެސް، އަމިއްލަ ރަށުގައި ބޭރަށް ގޮސް އުޅެވެއެވެ. ބޭނުން ވަރަކަށް ބޭރަށް ދިޔުމަކުން ޤާނޫނީ މައްސަލައެއްވެސް ނެތެވެ. ނަމަވެސް ކަން މިހެން އޮތް އިރުވެސް ފިނި ބުރު ޖެހުމާއި، އެހެނިހެން ކަންކަމުގައި ގެއިން ބޭރުގައި އުޅޭ މީހުންގެ އަދަދު ވަކި މަދެއް ނޫނެވެ. ކަން މިހެން އޮތް އިރު، ކޮންޓްރޯލްޑް ޝޮޕިންގްއަކަށް ހުޅުވާ ލެވިއްޖެނަމަ، މަގުތަކުގައި މީހުން މިހާރަށް ވުރެ އިތުރު ވުން ވަރަށް ގާތެވެ.

ދެން އުސޫލަށް ބަލާލަމާތޯއެވެ. ސީދާ އުސޫލުތައް ކަނޑައެޅިފައި ނެތް ނަމަވެސް، އެންމެ ދަށް މިންގަނޑުން ބެލި ނަމަވެސް، ފިހާރައަށް ވަނުމުގެ ހުއްދަ ލިބޭނީ ކޮންމެ ބުރެއްގައި އަތަކުން ގުނާލެވޭހާ މަދު ބަޔަކަށެވެ. ވިޔަފާރި ކުރުމުގައި ގައި ދުރުކަން ބަހައްޓަން ޖެހޭނެއެވެ. މާސްކާއި އަންގި ލައްވަން ޖެހޭނެއެވެ. ސުވާލަކީ، އައްޑޫގައި އެހާވަރަށް މާސްކާއި އަންގި އެބަ ހުރި ހެއްޔެވެ؟ ހަމައެކަނި ޑެލިވެރީކުރުމުގެ ހުއްދަ އޮތް އިރު، އެ އުސޫލާއި ޚިލާފަށް މީހުން މިހާރުވެސް އަމަލު ކުރަމުން ދާއިރު، އިތުރު ލުޔެއް ލިބިއްޖެނަމަ، އާންމުންނާއި ވިޔަފާރިވެރިން އެ އުސޫލުތަކަށް ބޯލަނބާނެ ކަމުގެ އޮތީ ކޮން ޔަޤީންކަމެއްތޯއެވެ؟ މީހުން ގައި ދުރުކަން ބެހެއްޓުމަށް މިހާރު އިސްކަން ނުދޭއިރު، ފަހުން ދޭނެތޯއެވެ؟ ފިހާރަތަކަށް މީހުން ވަނުމުގެ ކޯޓާއެއް ކަނޑައެޅިގެން ގޮސްފައި އޮންނާނެ ކަމަށް ބަލާއިރު، އިތުރަށް އަންނަ މީހުން ދޭހާ އަތްވަކާއި، ވެހޭހާ ވާރެއެއްގައި ބޭރުގައި އޮންނަ ކިޔު އެއްގައި މަޑު ކުރާނެތޯއެވެ؟ މިހާރު ކަންކަން ދާގޮތް އެންމެ ރަނގަޅަށް މޮނިޓަރކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އެންމެ އެކަށޭނެ ގޮތަށް ނޭޅޭއިރު، އިތުރު ލުޔާ ގުޅިގެން އަންނަ އިތުރު ޒިންމާތަކާއެކު، ލޯޑު ބޮޑުވުމުން އަތުން ދޫވެގެން ދާނީ ނޫންތޯއެވެ؟ މިއީ މިވަގުތު ނަގަން އެންމެ ރަނގަޅު 'ރިސްކެއް' ތޯއެވެ؟

މިކަމުގެ ވާހަކަ ދެއްކޭއިރު، ފަހަރުގާ މާލޭގެ މިސާލު ނެގިދާނެއެވެ. މާލޭގައި ބަލި އޮތް އިރުވެސް މީހުންނަށް ފިހާރައަށް ދެވުމުގެ ހުއްދަ އެބަ ދެވެއެވެ. ބަލި ނެތް ތަނެއްގައި ފިޔަވަޅުތައް ހަރުކަށި ވުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ މާލޭގެ ހާލަތައް ބަލާލާއިރު، މާލޭގައި ވަކި ހުއްދަތަކަކާއެކު މެނުވީ ގެއިން ނިކުތުން ވަނީ މަނާ ކުރެވިފައެވެ. އާބާދީ އާއި އަޅާ ބަލާއިރު ޑެލިވެރީ ކުރެވޭ ވިޔަފާރިތަކުގެ އަދަދު މަދެވެ. ޑެލިވެރީއަށް ބާރު ބޮޑެވެ. މިކަމުގެ ސަބަބުން ޚާއްސަ ހުއްދަ ތަކަކާއެކު ވަކި އުސޫލެއްގެ މަތިން ފިހާރަތަކަށް ވިޔަފާރި ކުރަން މީހުންނަށް ވަނީ ހުއްދަ ދެވިފައެވެ. އައްޑޫ އާއި މާލެ ހާހުން ތަފާތެވެ. އައްޑޫގެ އާބާދީ ކުޑައެވެ. ބައްޔެއް ނެތެވެ. ޑެލިވެރީއަށް މާބޮޑު ބުރެއް ނާރައެވެ. ކުރަން އުޅޭ މަސައްކަތަކީ ބަލި އައުން ހުއްޓުވުމެވެ. އަޔަސް ބަލި ފެތުރޭ މިންވަރު ކުޑަ ކުރުމެވެ. ގޭގައި ތިބުމެވެ. އެހެން ކަމުން އެޅިފައި އޮތް ފިޔަވަޅަކުން އެކަން ކާމިޔާބު ކުރެވެމުން ދާއިރު، ވަށައިގެންވާ ރާއްޖޭގެ ބަލި އޮތް އަތޮޅުތަކާއި، އެހެން ޤައުމުތަކުގެ ހާލަތު އެއްކޮށް ރަނގަޅު ނުވަނީސް، އަދި ޤައުމުގެ ހާލަތު "ޕީކް" އަކަށް ދާނެ ކަމަށް ސިއްހީ މާހިރުން ބުނަމުން ދާ ދަނޑިވަޅެއްގައި، ރަނގަޅު ނަތީޖާ ފެންނަމުންދާ ޑެލިވަރީ ސިސްޓަމަށް ލުޔެއް ދިނުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފައްދަން ޖެހެއެވެ.

އާރު-ނޮއުޓް ދަށް ކުރުން – ކޯވިޑް ފެތުރުން ހުއްޓުވުމަށް މުހިންމު

ދުނިޔޭގެ ގިނަ ޤައުމުތަކުން ކޯވިޑް-19 އާއި ގުޅިގެން އެންމެ އިސްކަމެއް ދޭ އެއް ކަމެއްގެ ގޮތުގައި އާރު-ނޮއުޓް ދަށް ކުރުން މިވަނީ ވެފައެވެ. ކުރު ގޮތަކަށް ބުނާނަމަ، އާރު-ނޮއުޓަކީ ބަލި ޖެހިފައިވާ މީހެއްގެ ގައިން އެބަލި ޖެހެނީ އިތުރު ކިތައް މީހުންތޯއެވެ. މި އަދަދަކީ ކޮންމެ ޤައުމަކަށް، އަތޮޅަކަށް، އަދި ރަށަކަށްވެސް ތަފާތު ވެދާނެ އަދަދެކެވެ. އަދި މި އަދަދު މައިގަނޑު ގޮތެއްގައި ބިނާ ވެގެން ވަނީ މީހުންގެ އަމަލުތައް ހުންނަ ގޮތުގެ މައްޗަށެވެ. އެގޮތުން، އާރު-ނޮއުޓް މަތި ނަމަ، އެ ސަރަހައްދެއްގައި ބަލި ފެތުރޭ މިންވަރު ވަރަށް އަވަހެވެ. އާރު-ނޮއުޓް ދަށް ނަމަ، ބަލި ފެތުރޭ މިންވަރު ކުޑައެވެ. އެހެން ކަމުން، ޤައުމުތަކުން އަންނަނީ އާރު-ނޮއުޓް ވީހާވެސް ބޮޑަކަށް ސުމަކާއި ގާތް ކުރާ އަދަދެއްގައި ބެހެއްޓޭތޯ ބަލަމުންނެވެ.

މިކަން މިހާ މުހިންމު ވަނީ ކީއްވެތޯ ސުވާލު އުފެދި ދާނެއެވެ؟ އައްޑޫގައި އަދި ކޯވިޑް-19 ނުވެސް ފެތުރެއެވެ. ނުވެސް ފެނެއެވެ. ނަމަވެސް ރައްޖެއިން ބަލި ވަނީ ފެނިފައެވެ. އަދި ސިއްހީ މާހިރުން ލަފާ ކުރާގޮތުގައި ރާއްޖޭގައި ބަލި ޖެހޭ ކޮންމެ މީހެއްގެ ކިބައިން އެހެން މީހުންނަށް ބަލި ޖެހޭ މިންވަރުތައް ހުރީ 3.1 އާއި 1.2 އާއި ދެމެދުގައެވެ. މިއަދާއި ހަމައަށް އައި އިރު އައްޑޫ އަށް ބަލި އައިސްފައިވާ ކަން އެނގެން ނެތެވެ. ނަމަވެސް ބަލި ނެތެކޭ ނުބުނެވޭނެއެވެ. ބަލި އައިސް ފެތުރެން ފަށައިފިނަމަ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްވެސް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތަކަކީ އާރު-ނޮއުޓް ދަށް ކުރުމަށް ކުރެވޭ މަސައްކަތެވެ. އެގޮތުން ބަލި އެކަކު ގައިން އެނެކަކު ގަޔަށް އެރުން އެންމެ ބޮޑަ ކުޑަ ކޮށްދޭނެ އެއް ކަމަކީ ވީހާވެސް ގިނައިން އަތް ދޮވެ، ސާފު ތާހިރުކަމަށް އިސްކަން ދީގެން ގޭގައި ތިބުމެވެ. ޚާއްސަކޮށް އީދާއި ކުރިމަތި ލުމަށް ތައްޔާރުވާ އިރު، ރާއްޖެ ޕީކަކަށް ގޮސް ދާނެ ކަމަށް ބެލެވޭ މި ދުވަސްކޮޅުގައެވެ.

 

ކޮންޓްރޯލްޑް ޝޮޕިންގ އަށް ހުޅުވުމުގެ ބަދަލުގައި ކޮން ގޮތެއް

ކޮންޓްރޯލް ޝޮޕިންގގެ ބަދަލުގައި ކުރެވޭނީ ކޮން ކަމެއްތޯ، މިއީ ދެން ވިސްނާލަން ޖެހޭ ކަމެވެ. އިސްވެ ދެންނެވުނު ސަބަބުތަކަށް ބަލާއިރު، އަދިވެސް އެންމެ ރަނގަޅު ގޮތަކަށް ވެގެންދާނީ ވީހާވެސް ގިނައިން ގޭގައި ތިބެވޭނެ ގޮތެކެވެ. ބޭރަށް ނުނިކުމެ ވާން އޮތިއްޔާ އެގޮތެއް އިޚުތިޔާރު ކުރުމެވެ. ޑެލިވެރީގެ ނިޒާމެއް ޤާއިމު ކުރެވިފައިވާނަމަ އެނިޒާމު އިތުރަށް ހަރުދަނާ ކުރުމެވެ. ޑެލިވެރީއިން ލިބޭ ސާމާނުތައް ބޭނުން ކުރުމުގެ ކުރިން އެންމެ ފުރަތަމަވެސް ދޮވެ، ސާފު ކުރުމެވެ. އެއަށް ފަހު އަތާއި، ތަކެތި ބެހެއްޓުނު ތަން ސާފުކޮށްލުމެވެ. ވީހާވެސް ބޮޑަކަށް ސާފު ތާހިރު ވުމެވެ. އިދާރާތަކުން މިހާރު އެޅުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކޮށް، އާންމުނާއި އެހެން ފަރާތްތަކުން އެ އުސޫލުތަކަށް ތަބާވާ މިންވަރު ބަލައި މޮނިޓަރ ކުރުމެވެ. ކެތްތެރި ވުމެވެ.