Last Updated: April 25, 06:02
Thursday, April 25, 2024
ވިޔަފާރި

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ

އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި، ދިވެހިންގެ ހިތްތަކުގައި މަގުބޫލުކަން ހޯދަމުން އަންނަ "ޒުވާން މަސްވެރިޔާ" ގެ ނަމުން މަޝްހޫރުވެފައިވާ ހަސަން ސާޖިން ހަމަޖައްސައިފިއެވެ.

އުރީދޫން ބުނީ އަލަށް މި ފެށުނު ޕާޓްނަރޝިޕްގެ ދަށުން، އުރީދޫ އާއި ސާޖިން ގުޅިގެން މަސްވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ޒަމާނީ ބަދަލުތަކާއި، މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންނަށް ހުރި ފުރުސަތުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން, މަސްވެރިކަމުގެ ދާއިރާގައި މިހާރު ކުރިމަތިވެފައިހުރި ގޮންޖެހުންތައް ދެނެގަނެ ޓެކްނޮލޮޖީގެ އެހީގައި ގެނެވެންހުރި ހައްލުތައް ގާއިމް ކުރުމަށްވެސް ސާޖިން އާއި އެކު މަސައްކަތްކުރެވިގެންދާނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

"މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު، އަދި ޒަމާންވީ އާދަކަދާތަކުގެ ތެރެއިން ފާހަގަކުރެވޭ ހަރަކާތެއް. މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށާއި މުޖުތަމައު ހޭލުންތެރިކޮށް ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ސާޖިން ދަނީ ކާމިޔާބާއި ހިއްވަރާއެކު ބުރަމަސއްކަތްތަކެއް ކުރަމުން. އުރީދޫއެކޭ އެއްފަދައިން މުޖުތަމައުގެ ކުރިމަގަށް މަސައްކަތްކުރުމަކީ ސާޖިންއަށްވެސް މުހިންމު ކަމަކަށް ވުމާއެކު ސާޖިންއާއި ގުޅިގެން މަސްވެރިކަމަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށް އައު ފުރުސަތުތަކެއް ފަހިކޮށްދީ ދާއިރާގެ ކުރިމަގަށް އަޅުގަނޑުމެން މަސައްކަތްކުރާނަން." އުރީދޫ މޯލްޑިވްސްގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ސާޖިން ވިދާޅުވީ އުރީދޫ އަކީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީ، ސަރުކާރާއި އަދި ޕްރައިވެޓް ކުންފުނިތަކާއި ގުޅިގެން ދާއިރާ ކުރިއަރުވަން އަބަދުވެސް މަސައްކަތްކޮށްފައިވާ ފަރާތެއް ކަމަށާއި އެހެންކަމުން، އުރީދޫ އާއިއެކު ޕާޓްނަޝިޕެއް ގާއިމްކުރުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އުރީދޫއާއި ގުޅިގެން ކުރިޔަށްގެންދަން ހަމަޖެހިފައިވައި ޕްރޮޖެކްޓްތަށް ފަށައިގަތުމަށް އަޅުގަނޑު މިހިރީ ތައްޔާރަށް." ޒުވާން މަސްވެރިޔާ، ހަސަން ސާޖިން ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި، އުރީދޫއިން ވަނީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ގުޅިގެން ވެސަލް މޮނިޓަރިންގެ ސިސްޓަމާއި، މަސްވެރި އުޅަނދު ފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމުގެ މަސައްކަތްވަނީ ކޮށްފައެވެ.

މީގެ އިތުރުން ތުރާޔާ ޓެލެކޮމިއުނިކޭޝަންސްއާއި ގުޅިގެން މަސްދޯނިފަހަރުތަކަށްވަނީ މޮބައިލް ސެޓަލައިޓްގެ ޚިދުމަތްފޯރުކޮށްދީފައެވެ. 2019 ވަނަ އަހަރު އެކުންފުނިންވަނީ މަސްވެރިންގެ ތަފާތު ބޭނުންތަކަށް އެކަށޭނަގޮތަށް އެކުލަވައިލެވިފައިވާ މަސްވެރިންނަށް ޚާއްސަ ޕެކޭޖެއްވެސް ތައާރަފްކޮށްފައެވެ.