Last Updated: April 20, 11:14
Saturday, April 20, 2024
ރިޕޯޓް

ކޮންމެ ސަރުކާރަކުން އައްޑޫ ރައްޔިތުން މޮޔަ ހައްދަނީ

ރާއްޖޭގައި ވެރިކަންކުރާ ކޮންމެ ސަރުކާރަކުން ވެރިކަން ކުރަނީ އައްޑޫ ރައްޔިތުން މޮޔަހައްދާފައޭ ބުނުމަކީ ދޮގަކަށް ވާނޭހެއްޔެވެ؟

ރައްޔިތުން ވޯޓުލައިގެން ހޮވާ މަޖިލިސް މެންބަރުންގެ މަސައްކަތަކީ ސަރުކާރަށް ވައިއަޅުވައި ސަރުކާރުގެ ވެރިން ދިފާއުކޮށް ވާހަކަދެއްކުމެވެ. ރައްޔިތުންގެ ހައްގުގައި ކުރާކަމެއް ނެތެވެ.

އަސްލު ވާހަކަ

 

އައްޑުއަތޮޅުގެ ރަށްރަށަށް އުދަ އެރުމާއި ވާރޭވެހި ފެންބޮޑުވުމުގެ ވާހަކައަކީ އާންމު ވާހަކައެކެވެ. އަބަދު އިވިއިވި ހުންނަ ވާހަކައެކެވެ. އެކަމަކު އެކަމަށް ހައްލެއް ނުހޯދުނެވެ. ހޯދޭނީ ހައްލުހޯދަން ސަރުކާރުން ރޭވުންތެރިކަމާއެކު މަސައްކަތްތަކެއް ކުރުމުން ނޫންހެއްޔެވެ؟

ގުދުރަތީ ބޮޑެތި ކާރިސާތަކުން ދިފާއުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް ނޭޅި ހިނގައިދާނެއެވެ. އެކަމަކު އުދަ އެރުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅައި އެކަން ހުއްޓުވެންވާނެއެވެ.

އުދައެރުމުންނާއި ފެންބޮޑުވުމުން ލިބޭ ގެއްލުން ބަލަން ސަރުކާރުގެ މުއައްސަސާތަކުންނާއި ކޮމިޓީތަކުން މީހުން ނިކުންނާނެއެވެ. ނޯޓުފޮތެއް ހިފައިގެން ގޭގެއަށް ހިނގާނެއެވެ. އެކަމަކު ނަތީޖާ އޮންނަނީ ސުމެއްގައެވެ. ގެއްލުމުގެ ބަދަލެއް ނުލިބެއެވެ. އެހީއެއް ނުލިބެއެވެ. ނޯޓު ފޮތަށް ވާގޮތެއް ނޭގެއެވެ. ބަދަލުގެ އިންތިޒާރުގައި ތިބޭ ރައްޔިތުންނަށް ޖެހިގެން އަންނަ މޫސުމުގައި އަނެއްކާ ލިބެނީ ގެއްލުމެވެ. ފެން ބޮޑުވުމެވެ. އުދައެރުމެވެ. މިނޫން އެހެން ގޮތެއް މެދުވެރިވާނީ ކޮންދުވަހަކުން ހެއްޔެވެ؟ ޕޯޗުގީޒުންގެ ވެރިކަމެއްގައި ހެއްޔެވެ؟

މިދިޔަ ހަފުތާގެ ވިއްސާރަ

މިދިޔަ ހަފުތާގައި އައްޑުއަށް ކުރި ވިއްސާރައިގައި އައްޑޫގެ ހަތަރު ރަށެއްގެ 151 ގެއަކަށް ގެއްލުން ލިބުނުކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ހަގީގަތަށް ބަލައިފިނަމަ ގެއްލުން ލިބުނު ގެތަކުގެ އަދަދު އެއަށްވުރެ ގިނަވާނެއެވެ.

އެހެންފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފޭދުއަށެވެ. އެރަށުގެ 93 ގެއަކަށް ގެއްލުން ލިބުނު އިރު ހިތަދޫ، މަރަދޫ ފޭދޫ އަދި މަރަދޫގެ ގޭގެއަށް ވެސް ވަނީ ފެންވަދެ ގެއްލުން ލިބިފައެވެ.

"އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފަރުނީޗަރތަކަށް." ފޭދޫ މީހަކު ބުންޏެވެ. "ގެއްލުން ލިބޭ ކޮންމެ ފަހަރަކު ވެސް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ފަރުނީޗަރތަކަށް. އަބަދު ފަރުނީޗަރ ގަންނަންޖެހިފައި އޮންނަނީ."
ރައްޔިތުންނަށް ވޭނާއި ކެކުޅުމެވެ.

މަގުތަކުގައި ހެދިފައިވާ ފެންގަޑުތަކާހެދި ހިނގައިބިގައިވެ އުޅެވޭވަރެއް ނޫނެވެ. ދުއްވާއެއްޗެއްގައި ދަތުރު ކުރެވޭ ވަރެއްނޫނެވެ.

މަގުމަތީގައި ހެދުނު ފެންގަނޑު ގޯތިތެރެއަށާއި ގޭތެރެއަށް ވަނަ ނުދިނުމަށް ވެލި ބަސްތާ ޖަހަންޖެހުނު އިރު، އަމިއްލަ ބައެއް ފަރާތްތަކުން ޕަމްޕް ޖަހައިގެން ވަނީ ފެން ހިންދުމުގެ މަސައްކަތްކޮށްފައެވެ.

ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ މައުލޫމާތު ސިޓީކައުންސިލުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމް)އަށް ފޮނުވާނެއެވެ. އެމްޑީއެމުން ރައީސް އޮފީހަށް ފޮނުވާނެއެވެ. ގެއްލުންވި ރައްޔިތުންނަށް ލިބޭނީ ކޯޗެއް ހެއްޔެވެ؟

ގެއްލުން ކޮރޯނާ ބޮލަށް

އައްޑޫ މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވީ ކޮރޯނާވައިރަސްގެ ކަންތައް ކުރިމަތިވީ އައްޑޫގައި ފެންހިންދާ ނިޒާމު ގާއިމުކުރުމަށް ބަޖެޓު ކުރެވިފައި ވަނިކޮށް ކަމަށެވެ.

ޝަރީފު އެހެން ވިދާޅުވި އިރު އުފެދޭ ސުއާލަކީ 2019 ވަނައަހަރުގެ ބަޖެޓުގައި އައްޑުއަށް ކޮށްދޭނޭކަމަށް ބަޖެޓުގައި ހިމެނި ކަންތައްތައް ނުކުރެވުނީ ކީއްވެގެން ކޮންވައިރަހަކާ ގުޅިގެންބާވައެވެ! ދެން ނުކުރެވޭ ހުރިހާކަމަކާއި ނުކުރެވި ހުރި ހުރިހާކަމެއް ކަނޑަންޖެހެނީ ކޮރޯނާ ބޮލަށް ހެއްޔެވެ؟

ގެއްލުން ބޮޑީ ފޭދުއަށް

މޫސުމީ ގެއްލުން އެންމެ ބޮޑަށް ލިބެނީ ފޭދުއަށެވެ. އުދައެރުމާއި ފެން ބޮޑުވުމުގެ ގެއްލުމެވެ. އެ ގެއްލުން ގުޅިފައި ވަނީ ފޭދޫގެ ތާރީޚާއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ފޭދޫގެ ބިމަށްވުރެ ބޮޑު ބިމެއް ފޭދޫ ރައްޔިތުންނަށް ހިއްކަވައިދެއްވި ގޮތަށް ފޭދޫގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ މަޝްރޫޢެއް ވެސް ޔާމީނުގެ ސަރުކާރުން ރޭއްވެވިއެވެ.

"އެ މަޝްރޫޢު މިހާރު ކުރިއަށް އެބަދޭ. ތަންކޮޅެއް ލަސްލަހުން ކުރިއަށް ދިޔަނަމަވެސް ކުރިއަށް އެބަދޭ." މަޝްރޫޢުގެ ކަންތައް އެންވައިރުމަންޓް މިނިސްޓްރީން ބެލެހެއްޓެވި އިސްބޭފުޅަކު ވިދާޅުވިއެވެ. "އެ މަޝްރޫޢު ނިމުމުން ފޭދޫގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް އަންނާނެ."

ފެންބޮޑުވުމުގެ މައްސަލަ ދިމާވެގެން އުޅެނީ ހަމައެކަނި ފޭދުއަކަށްނޫނެވެ. އަތޮޅުގައި އެންމެ އާބާދީ މަދު މަރަދޫފޭދޫން ފެށިގެން އާބާދީ އެންމެ ގިނަ އަދި ވެރިރަށް ހިތަދުއަށް ވެސް ފެން ބޮޑުވުމާއި އުދަ އެރުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ރައްޔިތުން ތިބީ ހައްލަކަށް އެދިއެދިއެވެ.

ވިއްސާރައިގައި ފެންބޮޑުވެ ހާލުގައި ޖެހުނު މީހުންގެ ތެރެއިން 400 އެއްހާ މީހުންނަށް އައްޑޫ ސިޓީ ކައުންސިލުން މިފަހަރު ވަނީ ރޯދަވީއްލުމެއްދީފައެވެ.

"ރޯދަ ވީއްލުމަށް ޝުކުރު ދަންނަވަން. އެކަމަކު އަޅުގަނޑުމެން ބޭނުމީ މިކަމަށް ދާއިމީ ހައްލެއް." ހިތަދޫން ގެއްލުން ލިބުނު ގެއެއްގެ މީހަކު ބުންޏެވެ. "ކުރީން ސިޓީ ކައުންސިލުން ބުނާނެ ސަރުކާރުގެ އެއްބާރުލުމެއް ނުލިބެއޭ. ސިޓީ ކައުންސިލާ މަސައްކަތެއް ހަވާލުކޮށްފައެއް ނެތޭ. މިހާރު އެމީހުން ބުނާނީ ކީކޭ؟"

ވާރޭވެހި ފެންބޮޑުވާއިރަށް އުދައަރައި ރަށުތެރޭގައި ލޮނުގަނޑު ބޮޑުވާއިރަށް އެމްއެންޑީއެފްގެ މީހުންނާއި ފުލުހުންނާއި ރައްޔިތުން ބާލިދީއާއި ޕަމްޕާއި ކަތިވަޅިއާއި ވަޅިހިފައިގެން ނިކުމެ ބަސްތާތައް ޖަހައި ފެންހިއްކުމަކީ ދާއިމީ ހައްލެއް ނޫނެވެ. ރައްޔިތުންނަށް ބޭނުންވަނީ ގައުމަށް ބޭނުން ވަނީ މައްސަލަތަކުގެ ދާއިމީ ހައްލެކެވެ. ބާލިދީއަކާއި ފެން ޕަމްޕަކުން ދާއިމީ ހައްލެއް ނުހޯދޭނެއެވެ.

އުދައެރުމާއި ފެންބޮޑުވުން ކުރިމަތިވަނީ ހަމައެކަނި އައްޑޫގެ ރައްޔިތުންނަކަށް ނޫނެވެ. ރާއްޖޭގެ އެހެން އަތޮޅުތަކުގެ ބައެއް ރަށްރަށަށް ވެސް އެކަންތައް އެބަ ދިމާވެއެވެ. ދާއިމީ ހައްލެއް ހޯދިފައެއްނެތެވެ. އެކަމަކު ދާއިމީ ހައްލެއް ނުހޯދެންވީ ސަބަބެއްވެސް ނެތެވެ. އިންތިޚާބުކުރެވިފައިވާ އަޑުގަދަ، ވައުދު ގިނަ، ސަރުކާރެއް ނޯންނަ ދުވަހެއް ނުދެއެވެ. ރައްޔިތުންނަށް ގެއްލުންވާ ކަންތަކުގެ ހައްލު ހޯދައިނުދެވޭނަމަ ސަރުކާރެއްގެ ބޭނުމަކީ ކޮބައިހެއްޔެވެ؟
އައްޑޫ ރައްޔިތުން ބައިނަލް އަގުވާމީ ކަނޑުގެ ބަނދަރޭ ވައިގެ ބަނދަރޭ މަސް ފެކްޓްރީއޭ އިންޑިއާ މީހުން ހަދާ ޕޮލިސް ޓްރޭނިން ސެންޓަރޭ، ކިޔަކިޔާ ތިއްބާ އެއާޕޯޓެއް ނެތް އަތޮޅުތަކުގެ ރައްޔިތުން ގެސްޓް ހައުސްތަކާއި ހޮޓާތައް ހަދައި ގެސްޓުން ގެނެސް ކުރިއަށް ދެމިލައިފިއެވެ. ރައްޔިތުން ހިންދެމިލައިފިއެވެ. އައްޑޫ ދެން ވެސް އޮންނަންވީ ހުވަފެނެއްގައި ހެއްޔެވެ؟

އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ބޭނުމެވެ. ދާއިމީ ހައްލެއް ހޯދައިދޭނޭ ސަރުކާރެއް ވެސް ބޭނުމެވެ.

ރައްޔިތުން ބޭނުންވަނީ ރަށުތެރެއަށް ދެމިގެންދާ އުދައިގެ ލޮނުގަނޑާއި ގޭތެރެއަށް ވަދެގެންދާ ހުޅަނގު މޫސުމުގެ ވާރޭފެންގަޑު ބަލާކަށް ނޫނެވެ. ބޭނުމީ ވަޒީފާތަކާއި ތަނަވަސްކަމެވެ. އެދުވަސް ފެންނާނީ ކޮންއިރަކުން ހެއްޔެވެ؟
ރާއްޖޭގައި ވެރިކަންކުރާ ކޮންމެ ސަރުކާރަކުން ވެރިކަން ކުރަނީ އައްޑޫ ރައްޔިތުން މޮޔަހައްދާފައޭ ބުނުމަކީ ދޮގަކަށް ވާނޭހެއްޔެވެ؟