Last Updated: April 20, 09:47
Saturday, April 20, 2024
ދީން

ޤުރުއާން ޚަތިމްކުރުމަކީ ނުހަނު ފަސޭހަ ކަމެއް!

ޝައްކެއްނެތް ގޮތުގައި ރޯދައިގެ މަތިވެރި އަޅުކަން އަޅުގަނޑުމެންނާއި ބައްދަލުކުރީ ކީރިތި ޤުރުއާނުގެ ވެސް މޫސުމާއެކުގައެވެ.

އެހެނީ ރަމަޟާންމަހަކީ އެމަހެއްގައި ކީރިތި ޤުރުއާން ބާވައިލެއްވުނު މައްސަރަވެ.

( شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ)

މާނައަކީ : " مضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. " ވީމާ އަހަރުގެ އެހެން ދުވަސްތަކާއި ޚިލާފަށް މިމައްސަރުގައި ކީރިތި ޤުރުއާން ކިޔެވުން އިތުރު ކުރަން ޖެހެއެވެ.

ޖިބްރީލް ޢަލައިހިއް ސަލާމް ކޮންމެ ރަމަޟާމްމަހެއްގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކީރިތި ޤުރުއާން މުދާރާސާކުރެއްވުމަށް ހުށަހަޅުއްވައެވެ. އަދި އެކަލޭގެފާނު ސުވަރުގެވަޑައިގަތް އަހަރު ދެފަހަރު ކީރިތި ޤުރުއާން ހުށަހެޅުއްވިކަމަށް ޙަދީޘްބަސްފުޅުތަކުގައި ބަޔާންވެއައިސްފައިވެއެވެ. ވީމާ މިއީ ކީރިތި ޤުރުއާން މުދާރަސާކުރުމާއި ތިލާވަތު ކުރުމުގެ މައްސަރެވެ.

ދުނިޔޭގެ ބޮޑެތި އިމާމުން އެބޭކަލުންގެ ޢިލްމީ ޙަލަޤާތަށް އެއްފަރާތަށް ޖައްސަވާލައްވާފައި ހަމައެކަނި އަޅުކަމަށާއި ކީރިތި ޤުރުއާނަށް މި މައްސަރުގައި ވަޤުތު ދެއްވައެވެ. އެގޮތުން އިމާމް ޝާފިޢީ رحمه الله ރަމަޟާންމަހުގައި 60 ޚަތިމް ކުރައްވާކަމަށް އައިސްފައިވެއެވެ. އެއީ ކޮންމެ ރެޔަކާއި ދުވާލު 2 ޚަތިމެވެ.

މީހަކު ހިތަށް އަރާފާނެ ، ހަމަ އެހާވަރަށް މީހަކަށް ކިޔެވިދާނެ ބާވައެވެ؟ އައްޝައިޚް ސަޢީދް ބިން މުސްފިރް ވިދާޅުވި "އަހުރެން ޖިއްދާގައި ހުންނަ ޤުރުއާނާއި ބެހޭ މަރްކަޒަކަށް ދިޔައީމެވެ. އެތާގައި ތިބި ކުދިން ކިޔަވާ މަންޒަރުފެނިފައި އެތަނުގެ އުސްތާޒަކާއި ސުވާލުކޮށްލީމެވެ. މީގެ ތެރޭގައި ދުވާލަކު ޚަތިމް ކުރާ ކުދިން ތިބޭނެހެއްޔެވެ. އެބޭފުޅާ ވިދާޅުވި އާނކެވެ! ދުވާލަކު 3 ޚަތިމް ކުރާ ކުދިންވެސް އެބަތިއްބެވެ. އޭގެތެރެއިން ކުއްޖަކު ގަޑިއެއްގެ ތެރޭގައި 5 ފޮތް ކިޔަވައެވެ. އެއީ ކޮންމެ 12 މިނިޓަކުން ފޮތެކެވެ.

ޝައިޚް އިތުރަށް ވިދާޅުވި "އަހުރެން ދަންނަ ޢިލްމުވެރިއަކު ވަރަށް ރަނގަޅު ޕްރޮގްރާމެއް ގެންގުޅެއެވެ . އެއީ ކޮންމެ ފަރުޟު ނަމާދެއްގެ ފަހުން ކިޔެވުމެވެ . ފަތިސް ފަހުން 3 ފޮތް ދެން ކޮންމެ ނަމާދަކަށް ފަހު 2 ފޮތް މިގޮތަށް ކިޔެވުމުން ތިން ދުވަހުން ޚަތިމެއް ކުރެވެއެވެ . ރަމަޟާން މަސް ނިމޭއިރު އޮންނާނީ 10 ޚަތިމްވެފައެވެ.

އާދެ! ކީރިތި ޤުރުއާން ޚަތިމްކުރުމަކީ ނުހަނު ފަސޭހަ ކަމެއް ނަމަވެސް އެކަމަށް ބޭނުންވަނީ އިޚްލާޞްތެރިކަމާއި ހިއްވަރާއި ޢަޒުމް! ބައެއް މީހުން ކީރިތި ޤުރުއާން ނަގާއިރަށް ނިދި އަންނަން ފަށާ ! އަދި ޚަތިމްކުރުމަކީ ދަތި އަނދޫކަމެއްގެ ގޮތުގައި ޝައިޠާނާ ވަސްވާސްލާއިދޭ ! ވުމުން ރަމަޟާން މަސް ނިމޭއިރު ކިރިޔަ ކިރިޔާ އެންމެ ޚަތިމެއް މިކުރެވެނޭ ބައެއް މީހުންނަށް އެވަރުވެސް ނުވޭ ! ޝައްކެތް ނެތް ގޮތުގައި ރަމަޟާންމަހުގެ ދަރުމައިން މަޙްރޫމު ވެއްޖެ މީހާ އެވަނީ ވަރަށް ބޮޑު ނަޞީބަކުން މަޙްރޫމުވެފައިވެ.