Last Updated: April 20, 19:35
Saturday, April 20, 2024
ރިޕޯޓް

ރާއްޖެއިން ފަރުވާ ލިބެން ނެތް، އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް!

އައިޖީއެމްޗު ހޮސްޕިޓަލް، ފޮޓޯ: ޕީއެސްްއެމް

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއި އެކު މުޅި ދުނިޔެ މިވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. މުޅި ދުނިޔެ މިވަނީ ހުއްޓިފައެވެ. ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ދަތުރު ފަތުރު މިވަނީ ހުއްޓިފައެވެ. މުޅި ދުނިޔެ މިއަދު މިކުރިމަތިލަމުން މިދަނީ ލޮލަށް ނުފެންނަ މި ކުޑަ ކުޑަ ވައިރަސް އިން ސަލާމަތްވުމަށެވެ.

މިހާތަނަށް މިބަލި 4 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ އިރު ބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 3 ލައްކައަށް އަރާފައެވެ. ސިއްހީ މާހިރުން ދުވާލު ހަތަރުދަމު ހޭދަކުރަމުން ދަނީ އިންސާނުންގެ ފުރާނަ މިބަލިން ސަލާމަތްކޮށް ބަލި ކޮންޓްރޯލް ކުރެވޭނެ ގޮތެއް ހޯދޭތޯއެވެ.

ކޮވިޑް-19 އާއި އެކު ރާއްޖެ ސިއްހީ ނިޒާމު ބޮޑު ނުރައްކަލަކަށް!

ކޮވިޑް-19 އާއި ގުޅިގެން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ އެއް ގައުމަކީ ދިވެހި ރާއްޖެއެވެ. ރާއްޖޭގައި ހަލުވި ކަމާއި އެކު ކޮވިޑް-19 ފެތުރެމުން އަންނަ އިރު ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ރާއްޖޭގެ ސިއްހީ ނިޒާމަށް މިދަނީ ބާރު ބޮޑުވަމުންނެވެ. ސިއްހީ މާހިރުންނާއި ވަސީލަތް މަދު މިރާއްޖޭގެ ސިއްހީ ނިޒާމަށް ނުކަތާ ހިސާބަށް ހާލަތު ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު އޮތް ގޮތުން މިހާރުވެސް ރާއްޖެއިން ގިނަ ބަލިތަކަށް ފަރުވާ ލިބެން ނެތެވެ. ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ދިވެހިން އަބަދުވެސް ދަތުރުކުރަމުން ދިޔައީ އަވަށްޓެރި ގައުމުތަކަށެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދުވެފައި އޮތުމުން ދިވެހިންނަށް މިވަނީ އިތުރު ފަރުވާއަށް ގައުމުން ބޭރަށް ދިއުމުގެ ދޮރު ބަންދުވެފައެވެ. އެއާއި އެކު އެތައް ބަޔަކު މިއަދު މިވަނީ ބޭސް ފަރުވާއިން މަހްރޫމުވެފައެވެ. މީގެ ތެރޭގައި ބޭރުން ދިގު މުއްދަތަށް ފަރުވާ ހޯދަމުން އަންނަ ފަރާތް ހިމެނެއެވެ.

ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށް ބޭރަށް ދެވެން ނެތް މީހުންނަށް ފަރުވާ ދިނުމުގައި ރާއްޖޭގެ ސިއްހީ ނިޒާމު މިވަނީ ނުކުޅެދިފައެވެ. ބޮޑެތި ސާޖަރީ ތައް ހަދަން ޖެހޭ މީހުންގެ ފުރާނައަށް މިވަނީ ނުރައްކާކުރިމަތިވެފައެވެ. ރައްޔިތުން މިވަނީ ގޮތް ހުސްވެފައެވެ.

އެއް ހާދިސާ: ލޮލުގެ އޮޕަރޭޝަނެއް ނުކުރެވި ލޯ އަނދިރިވުމުގެ ބިރު

އައްޑޫއަށް އުފަން އުމުރުން 25 އަހަރުގެ ޒުވާނަކަށް މިވަނީ ބޮޑު ކަންބޮޑު ވުމަކާއި ކުރިމަތި ލާން ޖެހިފައެވެ. އެތައް އަހަރެއް ވަންދެން ސިއްޙީ ދާއިރާގައި މަސައްކަތްކޮށް އެތައް ބަޔަކަށް ބަލިން ފަސޭހަ ވުމުގެ ކަންކަމުގައި ހިނިތުން ވުމަކާއެކު އެހީތެރިވެ ދެމުންއައި އެޒުވާނާއަށް މިއަދު ވަނީ ފަރުވާ ހޯދޭނެ މަގެއް ނެތި ގޮތް ހުސްވެފައެވެ.

ލޮލުގެ ކޯނިއާ އަވަހަށް ބަދަލު ނުކުރެވިއްޖެ ނަމަ ލޮލުގެ ފެނުން ގެއްލިދާނެކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި ވީހާވެސް އަވަހަކަށް ކޯނިއާގެ ޓްރާންސްޕްލާންޓެއް ހެދުމަށް ޑޮކްޓަރުން ވަނީ އިރުޝާދު ދީފައެވެ. މިހާރު ކަން ގޮސްފައިވާ ހިސާބުން ކެއްސާ، ކިނބިއްސެއް އެޅުމަކީވެސް ކޯނިއާ ފަޅައިގެން ގޮސް އޭނާގެ ލޮލުގެ ފެނުން ގެއްލިދާނެ ފަދަ ކަމެކެވެ.

އަދި ކޯނިއާ ފަޅައިގެން ދިޔުމުގެ ކުރިން ކޯނިއާ ބަދަލު ނުކުރެވިއްޖެނަމަ، ފަހުން ކޯނިއާ ލެއްވުމުގައި ބޮޑެތި މައްސަލަތައް ދިމާވެ، ހަށިގަނޑުން ކޯރނިއާ ރިޖެކްޓް ކުރުމަކީވެސް ވަރަށް ގާތްކަމެއް ކަމަށް ބުނެ، ޑޮކްޓަރުން ވަނީ މިވަގުތުން ވަގުތަށް ފަރުވާ ހޯދުމަށް އަންގާފައެވެ. ނަމަވެސް، ރާއްޖެއިން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ރާއްޖެއިން ބޭރަށް ނުދެވޭނެ ހާލަތެއްގައި ނިކަމެތި ރައްޔިތު މީހާއަށް އޮތީ ކޮން ގޮތެއްތޯއެވެ؟

އާސަންދައިގެ ހުރިހާ ކަމެއް އޭނާއަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ބޯޑަރުތައް ނުހުޅުވެނީސް ނުފުރޭނެ ކަންވަނީ އޭނާއަށް އަންގާފައެވެ. "އައްޑޫލައިވް" އިން ވަނީ އާސަންދައަށް ގުޅައިގެން މިފަދަ ޙާލަތްތަކުގައި ފުރުމުގެ މަގެއް އެއްވެސް މަގެއް ނެތްކަން ކަށަވަރުކޮށްފައެވެ. އޭނާގެ އާއިލާއިން އާސަންދައިގެ ފައިސާއެއްވެސް ބޭނުމެއް ނުވެއެވެ. ހަމައެކަނި ބޭނުންވަނީ ސަރުކާރުން އެމީހުންނަށް ފުރޭނެ ގޮތެއް ހަމަޖައްސައި ދިނުމަށެވެ. އިންޑިއާގެ ހައިކޮމިޝަނުގައިވެސް އެމީހުން ވަނީ ގޮތެއް ހަމަޖައްސައި ދިނުމަށް އެދިފައެވެ. ނަމަވެސް ޖަވާބެއް ނުލިބެއެވެ. ރާއްޖޭގެ އިދާރާއަކުން ވެސް އިތުރު މަގެއް ފަހިކޮށްދޭނެ ކަމުގެ އަލިމަގެއް ފެނިފައި ނުވެއެވެ.

މިފަދަ ޙާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކަށް ކޮންމެހެން ބޭނުން ޖެހޭ ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގައި ސަރުކާރުން މިވަގުތު ވިސްނުން ގެންގުޅޭ ގޮތާމެދު "އައްޑޫލައިވް" އިން ކުރި ސުވާލަށް ނޭޝަނަލް އެމަރޖެންސީ އެޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެކަމަށް އަދި އަލި މަގެއް ފެނިފައި ނުވާ ކަމަށެވެ.

"ތިކަމުގައި އެންމެ ބޮޑު އެއް ހުރަހަކަށް ވާނީ އަޅުގަނޑުމެން މަސައްކަތް މި ކުރަން ޖެހެނީ ދުނިޔޭގެ ހާލަތު ވަރަށް ގިނަ ޤައުމުތައް ލޮކްޑައުންގަ ނުވަތަ ޤައުމުތަކަށް ފްލައިޓްތައް އެޅުން ހުއްޓިފަ އޮތް ހާލަތެއްގަ. ފޮރިން މިނިސްޓްރީގެ ފަރާތުން މަސައްކަތް ކުރައްވާ އަޅުގަނޑުމެން އެންމެ ގިނައިން އެގޮތަށް އާސަންދަ މެދުވެރިކޮށް ދަތުރު ކުރާ ޤައުމުތައް، އިންޑިއާ އާއި ސްރީލަންކާއާއި، މިދެ ޤައުމުގަ އަޅުގަނޑުމެންނަށް މެޑިކަލް އެމަޖެންސީތަކަށް ދަތުރު ކުރެވޭނެ ގޮތްތައް ހުޅުވުމަށް. އެހެން ނަމަވެސް، އެކަންތައް ތަކަަކަށް އަލިމަގެއް ފެނިފައެއް ނެތް އަދި މިހާތަނަށް އައި އިރަކުއެއް. ދެން އެހެންވީމަ، މިވަގުތު ވަރަށް ގިނަ މިކަހަލަ އެމަޖެންސީ ޚިދުމަތްތަކަށް އަޅުގަނޑުމެންނަށް ރާއްޖޭގަ ދެވެން ހުރި ފަރުވާތައް ދެމުން ދާން ޖެހޭނީ. އަޅުގަނޑު ހިތުން އެހެން ޤައުމުތަކުގެ ލޮކްޑައުންތައް އީޒް ވުމާއެކީގަ އަޅުގަނޑުމެންނަށް އެކަންތައްތައް ފެއްޓޭނީ. އަޅުގަނޑުމެން ސައިޑުން އެފަދަ ބޭފުޅެއްގެ މިސާލަކަށް އެހެން ޤައުމަކުން ނަމަ އެދޭނީ އެބޭފުޅެއްގެ ސާމްޕަލްތައް އަވަހަށް ނަގާދީ ޕްރޮސެސް ކުރުމަށްފަހު ނޫނީ ފްލައިޓަށް ނޭރުވުމަށް. މިކަހަލަ ކަންތައްތަކުގަ އަޅުގަނޑުމެން ޕްރައޯރަޓައިޒް ކުރާނަން، އިނގޭތޯ ހަމަ ލިސްޓްގެ އެންމެ ކުރީގަ އެބޭފުޅުންނަށް އެކަން ހޯދާ ދިނުމަށް. އެއީ އަޅުގަނޑުމެންނަށް މިވަގުތު ކުރެވޭނެ މަސައްކަތަކީ. އަޅުގަނޑަށްވެސް އެނގޭ ހަމަ ވަރަށް ބޮޑެތި ކަންތައްތައް ދިމާވެފަވެސް މިވަގުތު ހަމަ ރާއްޖެއިން ލިބެން އޮތް ޚިދުމަތެއްގެ އިތުރުން ޚިދުމަތެއް ނުހޯދޭނެ މިވަގުތު ދުނިޔޭގެ ކަންތައްތައް މިހިރަ ގޮތުން. އެހެން ނަމަވެސް މަސައްކަތް ކުރާނެ. މިހުރިހާ މަސައްކަތެއްގަވެސް ހަމަ އެންމެ ބޮޑު ފޯކަސް އަކީ ފުރާނަ ސަލާމަތްކުރުން. ދެން އެ ހަމަ އެކަނި ކޯވިޑް-19 ޖެހޭތީކީ ނޫން، އެހެން ކޮންމެ ގޮތަކަށް ވިއަސް. އެމަސައްކަތް އަޅުގަނޑުމެންނަށް ވީ ވަރަކުން ކޮށްދެމުން ދާނީ. އަދި ފޮރިން މިނިސްޓްރީގެ ފަރާތުން އެ މަޝްވަރާތައް އެބަ ކުރައްވާ، އިންޑިއާ އާއި ސްރީލަންކާއާއި އެކީގަ. އަދި މިހާރު އެޤައުމުތަކުގެ ވެސް ހާލަތު ހުރިގޮތުން މިފަދަ ފްލައިޓްތަކެއް އެގޮތަށް ޓްރެވަލް ކުރުމުގެ ޖާގައެއް އަޅުގަނޑުމެންނަކަށް ނުލިބޭ."

މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް، ރާއްޖޭގެ ސިއްޙީ ނިޒާމަށް ބަލާލައިފި ކަމުގައިވަނީ ނަމަ، ގިނަ ފަހަރަށް ޓްރާންސް ޕްލާންޓެއް ހަދަން ޖެހެނީ ރާއްޖެއިން ބޭރަށް ދާށެވެ. ކިޑްނީ ފެއިލްވެ، އާ ކިޑްނީއަކަށް ބޭނުން ޖެހިފައިވާ އެތައް ބަޔަކު އެބަ ތިއްބެވެ. ރާއްޖެއިން އެމީހުންނަށް ޑައެލިސިސް ހަދައިގެން ބޯޑަރުތައް ހުޅުވެންދެން ފަރުވާ ދެވިދާނެއެވެ. ނަމަވެސް އެކްސިޑެންޓަކުން އަދި އެނޫންވެސް ގޮތަކުން ފުރާނައަށް ނުރާއްކާވާފަދަ އަނިޔާއެއް ލިބުމުންވެސް ގިނަ ފަހަރަށް ފުރުވާލަން ޖެހެނީ ބޭރު ޤައުމަކަށެވެ. ޓްރާންސްޕްލާންޓެއް ކުރަން ޖެހުނަސް ޖެހެނީ ބޭރަށް ފުރާށެވެ. އާސަންދައިގެ އެހީގައި ރާއްޖެެއިން ލިބެން ނެތް ފަރުވާ ހޯދުމަށް ކޮންމެ އަހަރަކު އެތައް ބަޔަކު އެބަދެއެވެ.

މިކަން މިހެން އޮތް އިރު، ކޮންމެހެން ބޭނުން ޖެހޭ ފަރުވާ ނުލިބި، ގޮތް ހުސްވެފައި ތިބެން ޖެހުމަކީ އެއްލިގެންދާ ހައްޤުތަކެކެވެ. އެނގިތިބެ ފަރުވާ ނުދެވި ތިއްބާ ލޮލުގެ ފެނުން ގެއްލިގެން ދިޔުމަކީ ގެއްލޭ ހައްޤެކެވެ ފަރުވާ ނުލިބި ހުއްޓާ ފުރާނައެއް ގެއްލިގެން ދިޔުމަކީ ގެއްލިގެންދާ ހައްޤެކެވެ.

ފާއިތުވި އަހަރު ތެރޭގައި ރާއްޖޭގެ ހާރިޖީ ވަޒީރު ވަނީ އެތައް ޚަރަދެއްކޮށް އެކި ޤައުމުތަކަށް ދަތުރުކޮށް އެކިއެކި ޤައުމުތަކާއި ގުޅުން ބަދަހިކޮށްފައެވެ. އިންޑިއާގެ ޙާލަތު މިވަގުތު ގޯސްނަމަވެސް، ރާއްޖެއިން ގުޅުން ބަދަހިކޮށްފައިވާ ކޮންމެވެސް ޤައުމަކުން މިފަރާތްތަކަށް ފަރުވާދެވޭނެ މަގެއް ހަމަ ޖެއްސުމަށް ސަރުކާރުން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހެއެވެ. ރާއްޖޭގައި ތާށިވެފައިވާ ފަރާތްތައް އަނބުރާ ޤައުމުތަކަށް ފޮނުވާލުމާއި، އެޤައުމުތަކުގައި ތިބި ދިވެހިން އަނބުރާ ރާއްޖެއަށް ގެނައުމުގައި ޤައުމުތަކާއި ރާއްޖެއާއި ދެމެދު މަޝްވަރާކޮށް ކަންކަން ހަމަޖެއްސޭއިރު، ފުރާނައެއް ސަލާމަތްކުރުމަށް ގޮތެއް ހަމަޖެއްސުމުގައި ސަރުކާރު ނުކުޅެދިފައި އޮތުމަކީ އެއްވެސް ބަޔަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ފަރުވާ ނުލިބުމުގެ ސަބަބުން މީހެއްގެ ލޮލުގެ ފެނުން ގެއްލޭއިރު އަހަރެމެންގެ ކައިރީގައިވާ "ދޯސްތީ" ކޮބާ ހެއްޔެވެ؟

"ދޯސްތީ"ގެ އެހީގައި އިމަޖެންސީ އިވަކުއޭޝަނެއްގައި މިފަދަ ކުއްލި ހާލަތު ދިމާވާ ދިވެހިންނަށް ފަރުވާ ނުހޯދޭނެ ހެއްޔެވެ؟