Last Updated: April 19, 19:29
Friday, April 19, 2024
ދުނިޔެ

ޗައިނާ އަށްވުރެ އިންޑިއާގައި ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެ

އިންޑިއާގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ޗައިނާއަށްވުރެ ގިނަވެއްޖެއެވެ. އަދި ބޮމްބޭގައި ވައިރަސް ފެތުރެމުންދާ ގޮތުގެ ސަބަބުން ހޮސްޕިޓަލްތަކުން ބަލިމީހުންނަށް ފަރުވާދޭން ވަނީ ނުކުޅެދިފައެވެ.

އިންޑިއާގެ ސިއްހީދާއިރާއިން ޚަބަރުދިން ގޮތުގައި އެގައުމުގައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ ހުކުރުދުވަހު 85000 އިން މައްޗަށް ހިނގައްޖެއެވެ. މިއީ އިންޑިއާގެ އެތައް މިލިއަން ބަޔަކަށް ލިބުނު ވަރަށް ބިރުވެރި ޚަބަރެކެވެ.

ކޮރޯނާވައިރަސް ދުނިޔެއިން ފެނުނު ޗައިނާއިން އެބައްޔަށް ނައްސި ވެފައިވަނީ 84034 މީހުންނެވެ.

"ބަލިޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން." ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

އަނެއްކޮޅުން އިންޑިއާގެ ވިޔަފާރިވެރިންނާއި ވަޒީފާއަދަކުރާ ފަރާތްތަކާއި އެކިއެކި ސްޓޭޓުތަކުން ދަނީ ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުކުރަން ފުރަބަންދުން ގައުމު ސަލާމަތްކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ. އެކަމަކު ސަރުކާރުގެ ވިސްނުން ހުރީ ފުރަބަންދު އިތުރު ކުރަމުންދިއުމަށެވެ.

ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު އިންޑިއާގައި އިތުރުވަމުން ދިޔަޔަސް މަރުވާ މީހުންގެ އަދަދު ޗައިނާއަށްވުރެ އިންޑިއާގައި މަދެވެ. ޗައިނާއިން 4637 މީހުން މަރުވެފައިވާއިރު އިންޑިއާއިން މަރުވެފައިވަނީ 2752 މީހުންނެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވަޒީރު ހަރިޝް ވަރުދަން ވިދާޅުވި ގޮތުގައި ފުރަބަންދުގެ ކުރިން ބަލިޖެހޭ މީހުންގެ އަދަދު ދިޔައީ ދެގުނަ އިތުރުވަމުންނެވެ.

"ލޮކްޑައުންއަށް 11 ދުވަސްވީފަހުން ބަލިޖެހޭ މީހުންގެ އަދަދު މިހާބޮޑަށް އިތުރުވާންފެށީ" ވަޒީރު ވިދާޅުވިއެވެ. "ފުރަބަންދުން ޝައްކެއްނެތި ފައިދާތަކެއް ކުރި. ސިއްހީދާއިރާއަށް ބޭނުންވާ އިތުރު ސާމާނު ހޯދައި މިނުރައްކާތެރި ބައްޔާ ރަނގަޅަށް ކުރިމަތިލާނެ ވަގުތު ލިބުނު."

އިންޑިއާ ސަރުކާރުން ބުނިގޮތުގައި މަރުވާމީހުންގެ އަދަދު މަދީ ބަލިޖެހޭ މީހުންގެ އަދަދު މަދުކަމުންނެވެ. އަދި ބަލީގެ އަލާމާތް އާދައިގެ ގޮތްގޮތަށް ފެންނަ މީހުން ދަނީ ރަނގަޅު ވަމުންނެވެ. އެކަމަކު ހަގީގަތް ފެންނަމުންދަނީ ބަލިޖެހޭ މީހުންގެ އަދަދުންނެވެ. އެ އަދަދަށް ބަލާއިރު ބަލިޖެހޭ މީހުންގެ އަދަދު ފެންނަނީ އިތުރުވަމުންދާތަނެވެ.

އިންޑިއާގައި ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދަނީ ގައުމުގެ އިގުތިސާދީ މައި މަރުކަޒުކަމުގައިވާ ބޮމްބޭގައެވެ. އެތަނުގެ ހޮސްޕިޓަލްތަކަށް މިހާރު ވަނީ ބާރުބޮޑުވެފައެވެ. ބަލިމީހުން އެނދުމަތި ކުރާނެ އެނދު ވަނީ މަދުވެފައެވެ. މަރުވާ މީހުން ބައިތިއްބާ ތަންތަނުގައި ޖާގައެއްނެތެވެ. ބަލިޖެހޭ މީހުންގެ އަދަދު ދަނީ މެދުކެނޑުމެއްނެތި އިތުރުވަމުންނެވެ.

"އިތުރު ބަލިމީހުން އެދުމަތިކުރާނެ އެނދެއްނެތް." ބޮމްބޭ ހޮސްޕިޓަލެއްގެ ޑޮކްޓަރަކު ވިދާޅުވިއެވެ. "މާޗު މަހު ވައިރަސް ޖެހިގެން އަންނަނީ ދުވާލަ އެކަކު ދެމީހަކު. މިހާރު ޖާގައެއްނެތް."

ޑޮކްޓަރ ވިދާޅުވިގޮތުގައި އޭޕްރީލް ފަހުކޮޅު ދުވާލަކު 50-100 ދެމެދުގެ އަދަދަކަށް ބަލިމީހުން އާދެއެވެ. އަދި އޭގެތެރެއިން 80 ޕަސެންޓު މީހުން ބައްޔަށް ފައްސިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ އިސްބޭފުޅެއްކަމުގައިވާ ޑިކްޝާ ޝާހު ވިދާޅުވީ މުޅި ބޮމްބޭގެ ހޮސްޕިޓަލުތަކުން ބަލިމީހުންނަށް ލިބެންހުރީ 4500 އެނދެވެ.

"އެނދުގެ އަދަދު އިތުރުކުރަން މަސައްކަތް ކުރަމުން މިދަނީ." އޭނާ ވިދާޅުވިއެވެ. "އެއްހާސް އެނދުގެ ހޮސްޕިޓަލެއް އަޅަން މަސައްކަތް ކުރަމުން މިދަނީ."

އެ ހޮސްޕިޓަލް އެޅޭނެ ދުވަހެއް ނޭނގެއެވެ.