Last Updated: March 29, 17:22
Friday, March 29, 2024
މުނިފޫހިފިލުވުން

އޭސީގައި ތިބެ ޓްވީޓު ކުރުމަކުން މަސައްކަތްތެރިންނަށް ހައްލެއް ނެތް: ސޯނޫ ސޫދު

ފާއިތުވެދިޔަ ދެތިން މަސްތެރޭ، "ސޯނޫ ސޫދްގެ ޖޫހޫ ހޮޓަލް ސިއްޚީ މަސައްކަތްތެރިންނަށް ހަދިޔާ ކޮށްފި"، "25،000 މަސައްކަތްތެރިންނަށް ރޯދަމަސް ތެރޭ ސޯނޫ ކާންދީފި"، މިފަދަ ސުރުޚީތައް ވަނީ އާންމުންގެ ސަމާލުކަން ހޯދާފައެވެ.

މިފަހުން ސޯނޫ ވަނީ މަހަރާޝްތްރާ އަދި ކަރްނަޓަކާގެ ސަރުކާރުން ހުއްދަ ހޯދުމަށްފަހު، ދުރު ހިސާބުތަކުން އައިސްފައިވާ މަސައްކަތްތެރިން އެމީހުންގެ އަވަށްތަކަށް އަނބުރާ ދިޔުމަށްޓަކައި ބަސް ދަތުރު ހަމަޖައްސާފައެވެ. މީގެ އިތުރުން އޭނާ ވަނީ އެމީހުންގެ ދަތުރުތައް ދާގޮތް ބެލުމަށްޓަކައި ބަސް ޓާމިނަލްތަކަށް ވެސް ޒިޔާރަތް ކޮށްފައެވެ.

ސޯނޫ ބުނެފައިވާ ގޮތުގައި މިހާލަތުގައި މަސައްކަތްތެރިންނަށް (ޤައުމުގެ ވިންދަށް)، އެހީތެރިވުމަކީ އޭނާ ދެކޭ ގޮތުގައި އޭނާގެ ޒިންމާއެކެވެ. އެމީހުން ބޮޑެތިމަގުތަކުގައި އާއިލާއާއި ކުދިންނާއިއެކު ފައިމަގުގައި ހިނގާފައި އަމިއްލަ ވަޒަނަށް ދިޔުމަށްދާ މަންޒަރުވެސް އޭނާ އަށް ފެނިފައިވާ ކަމަށް އޭނާ ބުނެއެވެ.

މިސަބަބުތަކަށް ޓަކައި އެކި ހިސާބުތަކުން ހުއްދަ ހޯދުމަށް ފަހު، މަސައްކަތްތެރިންގެ ދަތުރުތައް ސޯނޫ ދަނީ ހަމަޖައްސަމުންނެވެ.

މީގެ އިތުރުން ސޯނޫ ބުނެފައިވާ ގޮތުގައި، ގެއަށް ދިޔުމަށްޓަކައި ދަތުރުކުރާނެ ގޮތެއް ހޯދުމަށްޓަކައި، ހެނދުނާއި ހަވީރު މަސައްކަތް ކުރާ ކަމަށް ބުނާ އެތައް ބައެއްގެ އެތައް ސަތޭކަ މެސެޖުތަކާއި އީ-މެއިލްތައް ދުވާލެއްގެ މައްޗަށް އޭނާއަށް ލިބެއެވެ. މިއީ ލޮކްޑައުން ތެރޭ އޭނާއަށް ކުރަން ޖެހިފައިވާ މަސައްކަތް ކަމުގައި ވެސް އޭނާ ބުންޏެވެ. މިކަން ކޮށްގެން އޭނާއަށް ލިބޭ ހިތްހަމަޖެހުން ލަފްޒުން ބަޔާން ނުކުރެވޭނެ ކަމުގައި ސޯނޫ ބުނެފައިވެއެވެ.

މިފަދަ ޚިޔާލުތައް ރޭގަނޑު ސިކުނޑިއަށް އައުމުގެ ސަބަބުން ރޭގަނޑު ރަނގަޅަށް ނުނިދޭކަން އޭނާ ވަނީ ހާމަ ކޮށްފައެވެ. މީގެ އިތުރުން އޭނާ ދެކޭ ގޮތުގައި، މިއަދު އެމީހުންގެ އެހީއަށްޓަކައި ބަޔަކު ނުތެދުވާނަމަ އެއީ އިންސާނުންނޭ ބުނުމުގެ ހައްގެއް އެމީހުންނަކަށް ލިބިގެނެއް ނުވެއެވެ.

މަސައްކަތްތެރިން އެކަންޏެއް ނޫނެވެ. ސޯނޫ ދަނީ އޭނާ ގަތަށް އެހީ ހޯދުމަށްދާ އެންމެންނަށް އެހީ ފޯރުކޮށްދިނުމަށް ކެނޑަނޭޅި މަސައްކަތް ކުރަމުންނެވެ.

ސޯނޫގެ އެންމެ ބޮޑު ހިތާމައަކީ، މި މުޖުތަމައުގައި ތަންތަނުގައި މަސައްކަތް ކުރާމީހުންނަކީ ހަމައެކަނިި ގުނާލެވޭ އަދަދަކަށް ވުމެވެ. އެމީހުންނަކީ ނަމެއް ދެވިފައިވާ ބަޔަކަށް ނުވެއެވެ. "8 މަސައްކަތްތެރިން މަރުވެއްޖެ." ނުވަތަ " 16 މަސައްކަތްތެރިން ރޭލު ދަށުވެ މަރުވެއްޖެ." މިފަދައިން ލިޔުމުގެ ބަދަލުގައި، އެ މަރުވި މީހުންގެ ނަންތައް ސޯޝަލް މީޑިއާގައި ނުލިޔެވެންވީ ކީއްވެގެންތޯ ވެސް ސޯނޫ ވަނީ ސުވާލު އުފައްދާފައެވެ.

ވައިގެ މަގުން ހިނގާ ހާދިސާއެއްގައި މަރުވާ ބަޔަކަށް ދެވޭ އިސްކަން އެމީހުންނަށްވެސް ދީ، މަރުވީ ކޮން ބައެއްކަމާއި އެމީހުންގެ ނަން ނޫސްތަކަށް އަރުވާ، އެމީހުންގެ އަގު ވަޒަން ކުރަންޖެހޭ ކަމަށް ސޯނޫ ވަނީ ބުނެފައެވެ.

ސޯނޫއަށް ލިބޭ ތަރުހީބުގެ ސަބަބުން އިތުރަށް މަސައްކަތް ކުރުމަށް ހިތްވަރު ލިބޭކަން އޭނާ ފާހަގަ ކުރިއެވެ. އަދި ހަމަ އެހެންމެ ދުރު ހިސާބުތަކުން އައިސްފައިވާ އެންމެހާ މަސައްކަތްތެރިން އެމީހުންގެ ގެއަށް އަނބުރާ ފޮނުވުމަށް ޓަކައި އޭނާއަށް ވެވެން އޮތް ހުރިހާ ކަމެއް ކޮށް، އެކަން ނުވަނީސް ނުހުއްޓުމަށް ސޯނޫ ވަނީ އަޒުމު ކަނޑައަޅާފައެވެ.