Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

ޗައިނާއިން އިސްރާއީލަށް ކަނޑައަޅާފައިވާ ސަފީރު މަރުވެފައި އޮއްވާ ފެނިއްޖެ

Photo: KBC

ޗައިނާ އިން އިސްރާއީލަށް ކަނޑައަޅާފައިވާ ސަފީރު ޑޫ ވެއި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ދިރިއުޅޭ ތެލް އަވީވްގެ ސަބަރބްގެ އެޕާޓްމެންޓުންނެވެ.

އޭނާގެ އެޕާރޓްމެންޓްގައި މަސައްކަތް ކުރާ މީހުންނަށް އޭނާ ފެނިފައިވަނީ އޭނާގެ އެނދުގައި ހަރަކާތެއް ނެތި އޮއްވައެވެ. އަދި ހަށިގަނޑުގައި އެއްވެސް އެއްވެސް އަނިޔާއެއްގެ ނިޝާނެއް ނެތުމުން ބެލެވެނީ މަރުވެފައިވަނީ ނިދީގައި ކަމަށެވެ.

އެމްބެސެޑަރ ޑޫ ވެއިގެ މަރާއި ގުޅިގެން އިސްރާއީލުގެ ޚާރިޖީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޔުވަލް ރޮޓެމް ވަނީ ޗައިނާގެ ޑެޕިއުޓީ އެމްބެސެޑަރ ޑައި ޔޫމިންގއާ ވާހަކަ ދައްކާ، ތައުޒިޔާ ފޮނުވާފައެވެ. އަދި ޗައިނާގެ އެމްބަސީއިން ބޭނުންވާ ކޮންމެ އެހީއެއްވެސް ފޯރުކޮށްދޭން ތިބިކަމުގެ ޔަޤީންކަން އަރުވާފައެވެ.

މިކަމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައިވާ އެމްބަސީތަކުން ވަނީ އިސްރާއީލުގެ ޚާރިޖީ ވުޒާރާއަށް ގުޅައި، އެމްބެސެޑަރ ޑޫވެއި ގެ މަރާއި ބެހޭ ތަފްސީލުތައް އޮޅުން ފިލުވާފައެވެ.

ޑޫވޭއި މަރުވުމުގެ ކުރިން އިސްރާއީލުގައި ވާ ޗައިނާގެ އެމްބަސީއިން ވަނީ ކޯވިޑް-19ގެ ކަންކަމާއި ގުޅިގެން ޗައިނާއިން މައުލޫމާތު ފޮރުވާފައިވާކަމަށް އެމެރިކާގެ ސެކްރެޓެރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ބުނި ބުނުން ދޮގުކޮށް، އެއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ފުލުހުން އޭނާގެ މަރު ތަހުގީގު ކުރަމުން ދާއިރު، މިހާތަނަށް ބެލި ބެލުމުން، އޭނާ މަރުވެފައިވަނީ ހިތުގެ މައްސަލައެއްގައި ކަމަށް، ފުރަތަމަ ފަރުވާދޭ ގުރޫޕެއް ކަމަށްވާ މެގެން ޑޭވިޑް އެޑޮމް އިން ވަނީ ބުނެފައެވެ.

ޑޫ ވެއި މަރުވި އިރު، އޭނާގެ އަންބަކާއި ކުއްޖަކު އެބަ ހުއްޓެވެ.