Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

އީދު ނަމާދު ގޭގައި ކުރަން ސައުދީގެ މުފްތީ އެދިވަޑައިގެންފި

ކޮވިޑް-19 އާއި ގުޅިގެން އީދު ނަމާދު ގޭގައި ކުރަން ސައުދީ އަރަބިއްޔާގެ އިސް މުފްތީ ޝައިހް އަބްދުލްއަޒީޒް އަލް ޝައިހް އިލްތިމާސްކުރައްވައިފިއެވެ.

އޮކާޒް/ސައޫދީ ގެޒެޓް އަށް ދެއްވި އިންޓަވިއުއެއްގައި ސައުދީގެ އިސް މުފްތީ ޝައިހް އަބްދުލްއަޒީޒް ވިދާޅުވީ ވަކި ހާލަތްތަކެއްގައި ގޭގައި ވެސް އީދު ނަމާދު ކުރެވިދާނެ ކަމަށާއި އެގޮތުން މިހާރު ކުރިމަތިވެފައިވަނީ އެފަދަ ހާލަތެއް ކަމަށެވެ. އެގޮތުން ގޭގައި އީދު ނަމާދު ކުރާއިރު ތަކްބީރު ކިޔުން ގިނަކުރަންޖެހޭއިރު ހުތުބާ ހިމަނާކަށް ނުޖެހޭނެއެވެ. އީދު ނަމާދު އެކަނި ވެސް އަދި ޖަމާއަތެއް ހަދައިގެން ވެސް ކުރެވިދާނެއެވެ.

މީގެއިތުރުން ސައުދީގެ އިސް މުފްތީ ވަނީ އީދުގެ ކުރިން ފިތުރު ޒަކާތް ދައްކައި އަދި ބެހުމަށް ވެސް ހަނދާންކޮށްދީފައެވެ. އެގޮތުން އެހީގެ ޖަމާއަތެއް މެދުވެރިކޮށް ވެސް ޒަކާތުގެ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށް މުފްތީ ވިދާޅުވިއެވެ.

އަދި މައިންބަފައިން ވެސް ދަރިންނާއި އާއިލާއެކު ވީހާވެސް ގިނައިން ވަގުތު ހޭދަކޮށް އެމީހުންނަށް އުފާވެރިކަން ގެނެސްދިނުމަށް މަސަައްކަތް ކުރުމަށް ވެސް މުފްތީ ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮވިޑް އާއި ގުޅިގެން ފަރުޟު ނަމާދުތަކާއި އަދި ރޯދަ މަހުގެ ރޭގަނޑުގެ ވަގުތުގައި މުސްލިމުން އަދާކުރާ ތަރާވީހް ނަމާދު އަދި ދަމު ނަމާދު ފަދަ އަޅުކަންތައް ވެސް މިފަހަރު އަދާކުރަން ޖެހިފައިވަނީ ގޭގައެވެ.